Roadha Mihaaru
ކުޑަކުދިން ޖައްސާ ތުން ސާފުކުރާނީ ކިހިނެއް؟

ކުޑަކުދިން ޖައްސާ ތުން ސާފުކުރާނީ ކިހިނެއް؟

18 ނޮވެމްބަރ 2018

ކުޑަކުދިން ޖައްސާ ތުން ސާފުކުރުމަށް ބައެއް މައިން ކުރާ ކަމަކީ އެ ތުން އަނގަޔަށް ލުމެވެ. މިއީ ރައްކާތެރި ކަމެއް ނޫން ކަމަށް ހީވިޔަސް އާ ދިރާސާއެއްގައި ބުނަނީ މިއީ ހަމަ ރަނގަޅު ކަމަކަށް ވެދާނެ ކަމަށެވެ.

ކުޑަކުދިން ޖައްސާ ތުން ސާފުކުރުމަށް ބައެއް މައިން ކުރާ ކަމަކީ އެ ތުން އަނގަޔަށް ލުމެވެ. މިއީ ރައްކާތެރި ކަމެއް ނޫން ކަމަށް ހީވިޔަސް އާ ދިރާސާއެއްގައި ބުނަނީ މިއީ ހަމަ ރަނގަޅު ކަމަކަށް ވެދާނެ ކަމަށެވެ.

ދިރާސާއިން ދެއްކީ މިގޮތަށް ތުން ސާފުކުރުމުން ދަރިފުޅު އެލާޖީތަކާ ދުރުވާނެ ކަމަށެވެ.

މި ދިރާސާކުރުމަށް އެމެރިކާގެ 128 މަޔަކާ ސުވާލުކޮށް، އެ މީހުން ދަރިންގެ ތުން ސާފުކުރާ ގޮތް 18 މަސް ދުވަހުގެ މުއްދަތަކަށް ބެލި އެވެ. މީގެ ތެރެއިން 30 މީހަކު ބުނީ ތުން ސާފުކުރަނީ ސްޓްރެލައިޒް ކޮށްގެން ކަމަށެވެ. އަދި މީގެ ތެރެއިން 53 މީހަކު ބުނީ ސާފުކުރަނީ އަތުން ދޮވެގެން ކަމަށެވެ. އަނގަޔަށް ލައި ތުން ބޯލައިގެން ސާފުކުރާ ކަމަށް ނުވަ މީހަކު ބުންޏެވެ.

"ދިރާސާއިން އެނގުނީ ތުނބުގައި -އެންޓިބޮޑީސްއެއް ކަމަށްވާ- އިމިއުނޮގްލޮބްލިން އީ އެންމެ މަދީ، އަނގަޔަށް ލައިގެން ސާފުކުރުމުންކަން،" ދިރާސާގައި އިސްކޮށް ހުންނެވި ހެންރީ ފޯޑް ހެލްތު ސިސްޓަމްގެ ޑރ. އެލިއާން އަބޫ-ޖޫދް ވިދާޅުވި އެވެ.

މިއީ އެލާޖީ ވުމާ ގުޅުން ހުރި އެންޓިބޮޑީސްއެކެވެ. މި އެންޓިބޮޑީސްގެ މިންވަރު މަތިވުމުން ފަސޭހައިން އެލާޖީއާ ކުރިމަތިވެ އެވެ.

މި ދިރާސާގައި ބައިވެރިކުރި ކުދިންގެ އުމުރުން ހަ މަހުން ފެށިގެން 18 މަސް ވަންދެން އެ ކުދިންގެ އިމިއުނޮގްލޮބްލިން އީ ހުރި މިންވަރު ބަލަމުން ގެންދިޔަ އެވެ. މިގޮތަށް ބެލުމުން އެނގުނީ އަނގައިން ތުން ސާފުކުރަމުން ދިޔަ މައިންގެ ދަރިންގެ ހަށިގަނޑުން މި އެންޓިބޮޑީސް، 10 މަހުން ފެށިގެން 18 މަހާ ހަމަޔަށް ދިޔައީ ދަށްވަމުންނެވެ.

މި ދިރާސާ ވަނީ އެމެރިކަން ކޮލެޖް އޮފް އެލާޖީ، އެސްތުމާ އެންޑް އިމިއުނޮލޮޖީގެ އަހަރީ ބައްދަލުވުމަށް ހުށަހަޅައިފަ އެވެ. މިއީ އިތުރަށް ބަލައި ހޯދަންޖެހޭ ދިރާސާތައް ހުށަހަޅާ ބައްދަލުވުމެކެވެ.

ތަޖުރިބާކާރުން ވިދާޅުވި ގޮތުގައި މިހެން ދިމާވަނީ، އަނގަޔަށް ލައިގެން ތުން ސާފުކުރުމުން ކުޑަ ކުއްޖާގެ ހަށިގަނޑަށް، ސިއްހަތު ރަނގަޅުކޮށްދޭ މައިކްރޯބްސް ވާސިލުވުމުން ކަމަށް ވެދާނެ އެވެ.