Roadha Mihaaru
ޓޮންސިލާއި އެޑްނޮއިޑް ނެގުމުން އިތުރު ނުރައްކާތަކެއް

ކުޑައިރު ޓޮންސިލާއި އެޑްނޮއިޑް ނެގުމުން، ނޭވާލާ ނިޒާމުގެ ބަލިތަކުގެ ނުރައްކާ ބޮޑުވޭ: ދިރާސާ

19 ޖުލައި 2018

ކުޑައިރު ސާޖަރީ ހަދައިގެން ޓޮންސިލާއި އެޑްނޮއިޑް ނެގުމަކީ ނޭވާލާ ނިޒާމުގެ މައްސަލަތަކާއި އެލާޖީ އާއި ގައިންގަޔަށް އަރާ ބަލިތަކުގެ ނުރައްކާ، ދޮށީ އުމުރަށް ދާއިރު އިތުރުވާ ކަމެއްކަން ދިރާސާއަކުން ދައްކައިފި އެވެ.

ކުޑައިރު ސާޖަރީ ހަދައިގެން ޓޮންސިލާއި އެޑްނޮއިޑް ނެގުމަކީ ނޭވާލާ ނިޒާމުގެ މައްސަލަތަކާއި އެލާޖީ އާއި ގައިންގަޔަށް އަރާ ބަލިތަކުގެ ނުރައްކާ، ދޮށީ އުމުރަށް ދާއިރު އިތުރުވާ ކަމެއްކަން ދިރާސާއަކުން ދައްކައިފި އެވެ.

އެޑްނޮއިޑާއި ޓޮންސިލަކީ ވައިގެ ތެރޭގައި އުޅޭ، ބަލި ފަތުރާ ޖަރާސީމާއި ބެކްޓީރިއާ އާއި މައިކްރޮއޮގަނިޒަމް ފަދަ ތަކެއްޗާ ދެކޮޅަށް ހަށިގަނޑުން އެންމެ ފުރަތަމަ ހަމަލާދޭ ދިފާއީ ނިޒާމެވެ. ނަމަވެސް ކަންފަތުގައި އާންމުކޮށް އިންފެކްޝަން އުފެދުމާއި ނޭވާލާން ދަތިވުމުގެ މައްސަލަ ހައްލުކުރުމަށް އެޑްނޮއިޑާއި ޓޮންސިލް ނެގުމަކީ ކޮށް އުޅޭ ކަމެކެވެ.

ޖާނަލް އޮފް އެމެރިކަން މެޑިކަލް އެސޯސިއޭޝަން އޮޓޯލަރިންގޮލޮޖީ ހެޑް އެންޑް ނެކް ސާޖަރީގައި މިދިޔަ މަހު ޝާއިއުކޮށްފައިވާ ދިރާސާގައި ބަލާފައި ވަނީ ޓޮންސިލާއި އެޑްނޮއިޑް ނެގުމުން ދިގު މުއްދަތުގައި ދިމާވާ ސިއްހީ މައްސަލަތަކަށެވެ. އެގޮތުން، ޓޮންސިލާއި އެޑްނޮއިޑް ނަގާފައިވާ ކުދިންނާއި ނުނަގާ ކުދިންގެ ސިއްހަތަށް އައި ބަދަލުތައް ވަޒަންކޮށްފައިވެ އެވެ.

ޑެންމާކުގައި 1979 އާއި 1999 އާ ދެމެދު އުފަންވި 1.2 މިލިއަނެއްހާ ކުދިންގެ މައުލޫމާތު މި ދިރާސާއަށް ބޭނުންކޮށްފައިވެ އެވެ. މި ހުރިހާ ކުދިންގެ ސިއްހީ މައުލޫމާތު، އެންމެ މަދުވެގެން، އުމުރުން 10 އަހަރު ވަންދެން ނަގާފައިވެ އެވެ. އަދި ބައެއް ކުދިންގެ އުމުރުން 30 އަހަރު ވަންދެން މައުލޫމާތު އެއްކޮށްފައިވެ އެވެ.

މި ކުދިންގެ ތެރެއިން 17،640 ކުއްޖެއްގެ އެޑްނޮއިޑް ނަގާފައިވެ އެވެ. އަދި 11،830 ކުއްޖެއްގެ ޓޮންސިލް ނަގާފައިވެ އެވެ. މީގެ އިތުރުން 31،377 ކުއްޖެއްގެ އެޑްނޮއިޑާއި ޓޮންސިލް ވެސް ވަނީ ނަގައިފަ އެވެ.

އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި، ޓޮންސިލާއި އެޑްނޮއިޑް ނެގި ކުދިންނަށް، ނޭވާލާ ނިޒާމުގެ ބަލިތަކާއި ނޭވާހިއްލުމާއި އިންފްލުއެންޒާ އާއި ނިއުމޯނިއާ އަދި ފުއްޕާމޭގެ ބައްޔެއް ކަމަށްވާ ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީސް (ސީއޯޕީޑީ) ޖެހުމުގެ ފުރުސަތު ތިން ގުނަ އަށް ވުރެ ވެސް ބޮޑަށް އިތުރުވެ އެވެ.

ދިރާސާގައި ބުނެފައިވާ ގޮތުގައި، ޓޮންސިލާއި އެޑްނޮއިޑް ނެގުމުން، ނޭވާލާ ނިޒާމުގެ ބަލިތައް ފަސޭހައިން ޖެހުމުގެ އިތުރުން އެ ބަލިތަކުގެ ނުރައްކާ 18 ޕަސެންޓަށް ވުރެ އިތުރުވެ އެވެ.