Roadha Mihaaru
7 އަހަރުގެ ކުއްޖެއްގެ އަނގައިން 526 ދަތް ނަގައިފި

7 އަހަރުގެ ކުއްޖެއްގެ އަނގައިން 526 ދަތް ނަގައިފި

02 އޯގަސްޓް 2019

އިންޑިއާގައި އުމުރުން 7 އަހަރުގެ ފިރިހެން ކުއްޖެއްގެ އަނގައިން 526 ދަތް ނަގައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގައި އުމުރުން 7 އަހަރުގެ ފިރިހެން ކުއްޖެއްގެ އަނގައިން 526 ދަތް ނަގައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗެންނާއީގެ ސަވީތާ ޑެންޓަލް ކޮލެޖް އެންޑް ހޮސްޕިޓަލްގައި ބުދަ ދުވަހު ކުރި އޮޕަރޭޝަނުގައި ކުއްޖާގެ ތިރީ ދަތްފިލައިން އެކި ސައިޒްގެ 256 ދަތް ނަގާފައިވެ އެވެ. އަނގައިގައި ގިނަ އަދަދެއްގެ ދަތްތައް ހުރިކަން ކަށަވަރުވީ އެ ކުއްޖާގެ ކޮލުގެ ކަނާތް ފަރާތް ވަރަށް ބޮޑަށް ދުޅަވެ، ރިއްސަން ފެށުމުން ޑޮކްޓަރަށް ދެއްކުމުންނެވެ.

ޑޮކްޓަރުން އެކްސް-ރޭ އާއި ސީޓީ ސްކޭން ހަދައިގެން ބެލި އިރު ކުއްޖާގެ އަނގައިގައި ވަރަށް ގިނަ އަދަދަކަށް ދަތް ހުރިކަން އެނގިގެން އޮޕަރޭޝަންކޮށް، ދަތްތައް ނެގީ އެވެ. އެ އޮޕަރޭޝަނަށް ގާތްގަނޑަކަށް ފަސް ގަޑިއިރު ނެގި އެވެ. ކުއްޖާގެ އަނގައިން ނެގި ދަތްތަކުގެ ބަރުމިނުގައި 200 ގްރާމް ހުއްޓެވެ.

ކުއްޖާ އަށް ފަރުވާ ދިން ޑޮކްޓަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޕްރޮފެސަރު ޕީ ސެންތިލްނަތަން ވިދާޅުވީ އެހާ ގިނަ އަދަދަށް ދަތް ފެޅުމަކީ ނާދިރު ހާލަތެއް ކަމަށްވާ ކޮމްޕައުންޑް ކޮމްޕޮޒިޓް އޮޑޯންޓޯމްގެ ސަބަބުން ދިމާވާ ކަމެއް ކަމަށެވެ. އަދި މިއީ މިފަދަ ކޭހެއް ދުނިޔޭން ފެނުނު ފުރަތަމަ ފަހަރު ކަމަށް ވެސް ވިދާޅުވި އެވެ.

ސަވީތާ ޑެންޓަލް ކޮލެޖް އެންޑް ހޮސްޕިޓަލް.

ސަވީތާ ޑެންޓަލް ކޮލެޖް އެންޑް ހޮސްޕިޓަލް.

ކުއްޖާގެ އާއިލާއާ ހަވާލާދީ ޕްރޮފެސަރު ވިދާޅުވި ގޮތުގައި ކުއްޖާގެ ކޮލުގެ ވާތް ފަރާތް ފުއްޕާފައި ހުންނަކަން ފާހަގަވާން ފެށީ އެ ކުއްޖާގެ އުމުރުން ތިން އަހަރުން ފެށިގެންނެވެ. ނަމަވެސް އޭގެ ސަބަބުން މާ ބޮޑު މައްސަލައެއް ކުރިމަތިނުވާތީ އެކަމަށް އާއިލާ އިން އެހާ ބޮޑު ސަމާލު ކަމެއް ދީފައި ނުވާ ކަމަށް ބުންޏެވެ.

"އެކަމަކު މި ފަހުން މާ ބޮޑަށް ކޯ ދުޅަވާތީ ދަރިފުޅު ޑޮކްޓަރަށް ދެއްކީމަ ބޮޑު މައްސަލައެއް ހުރިކަން އެނގުނީ،" އޭނާ ވިދާޅުވި އެވެ.

އޮޕަރޭޝަނަށް ފަހު ކުއްޖާގެ ހާލު މިހާރު ރަނގަޅެވެ.