Roadha Mihaaru

ސަރުކާރު ބަލިކަށިވެ ގޮތް ހުސްވެފައިވާ ތަން ސާފުކޮށް އެބަފެނޭ: އިދިކޮޅު ފަރާތްތައް

ގާނޫނީ އިމުން ބޭރުން އަޅަމުންދާ ފިޔަވަޅުތަކުން ސަރުކާރު ވަރަށް ބޮޑަށް ބަލިކަށިވެ ގޮތް ހުސްވެފައިވާ މަންޒަރު ސާފުކޮށް ފެންނަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ރޭ ބުނެފި އެވެ.

ސަރުކާރު ބަލިކަށިވެ ގޮތް ހުސްވެއްޖެ:އިދިކޮޅު ފަރާތްތައް
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

10 އެޕްރީލް 2017

ގާނޫނީ އިމުން ބޭރުން އަޅަމުންދާ ފިޔަވަޅުތަކުން ސަރުކާރު ވަރަށް ބޮޑަށް ބަލިކަށިވެ ގޮތް ހުސްވެފައިވާ މަންޒަރު ސާފުކޮށް ފެންނަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ރޭ ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅޭ ގޮތް ބަދަލު ކުރުމަށް، މަޖިލީހުގެ ގަވާއިދަށް ޕީޕީއެމުން ގެންނަން އުޅޭ އިސްލާހާ ގުޅޭ ގޮތުން ރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރާއި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވެސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ މަސައްކަތްތައް ކާމިޔާބުވެ ސަރުކާރު ބަލިވާ މަންޒަރު ސާފުކޮށް ފެންނަމުންދާ ކަމަށެވެ. ގާނޫނީ އިމުން ބޭރުވެ، ބާރުގެ ބޭނުންކުރުމުގެ ވިސްނުން ސަރުކާރުން ކުރިއަށް ނެރެގެން އުޅެނީ އެ ސަބަބާ ހެދި ކަމަށް ވެސް ދެ ބޭފުޅުން ވިދާޅުވި އެވެ.

"ސާކަލް ކުޑަވަމުން ކުޑަވަމުން މިދަނީ. ދެން އެ އޮތް ބާރަކާއި ނުފޫޒަކާ ބޭނުން ކުރައްވައިގެން މުށު ތެރޭގައި އޮތް އެއްޗެއް ހިފަހައްޓަވަން ވަރަށް މަސައްކަތް ކުރައްވާނެ. އަދި މި ނޫން ކަންތައް ވެސް ކުރައްވާނެ،" މަޖިލީހުގެ ގަވާއިދަށް ގެންނަން އުޅޭ އިސްލާހަށް އިޝާރާތް ކުރައްވައި ފާރިސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން މިއަދުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ. މަޖިލިހުގެ ގަވާއިދުގައި މިހާރު އޮންނަ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް މަދުވެގެން 15 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅިދާނެ އެވެ.

ފާރިސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ބާރާއި ނުފޫޒު ދެމެހެއްޓުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބިފައިވާ ހައްގުތަކާއި އިމްތިޔާޒްތައް ވެސް ދޫކޮށްލަން ސަރުކާރުން ދަނީ މަޖުބޫރު ކުރަމުންނެވެ.

އަލީ ޒާހިރު ވިދާޅުވީ ސަރުކާރުން ކިތަންމެ ފިއްތުންތަކެއް ކުރިމަތިކުރުވިއަސް މަސީހް މަގާމުން ވަކިކުރަން ބޭނުންވާ މެމްބަރުން ޕީޕީއެމްގައި އެބަތިއްބެވި ކަމަށެވެ. ގާނޫނުތަކާއި އުސޫލްތަކުން ބޭރުވެ ސަރުކާރުން ކުރަމުންދާ ކަންކަން އެ މެމްބަރުންނަށް އެނގިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ސަރުކާރުން ބޭނުންވާ ގޮތަކަށް އެކަމެއް ނިންމަން، މިހާރު ކުރަމުން ދަނީ ގާނޫނުއަސާސީއާ މުޅިން ހިލާފު އަމަލުތަކެއް ކަމަށް އަލީ ޒާހިރު ވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވި ގޮތުގައި ގާނޫނުތަކާ ހިލާފަށް ކުރަމުންދާ ކަންކަމަށް ވަރަށް އަވަހަށް ނިމުން އަންނާނެ އެވެ. ރައްޔިތުންނަށް އަނެއްކާވެސް ބާރުވެރިކަން ލިބޭ ދުވަސް ކައިރިވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"މަޑުމަޑުން ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ވަރަށް އަވަހަށް ފެނިވަޑައިގަންނަވާނެ އަރާނެ ގޮޅި ހުސްވާތަން. އޭރަކުންނެއް ދެނެއް ނޯންނާނެ އަރާނެ ތަނެއް. މިވަގުތު ގާނޫނުތަކާއި ގާނޫނުއަސާސީއާ ހިލާފަށް ބަދަލުތައް ގެނެވިދާނެ، އެކަމަކު އަންނާނެ ވަގުތު،" އިބޫ ވިދާޅުވި އެވެ.