10 އެޕްރީލް 2017
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް، 42 މެމްބަރުންގެ ސޮޔާއެކުގައި ނޫނީ މަޖިލީހަށް ހުށަނޭޅޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށް، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ނައިބު ރައީސް ރީކޯ މޫސާ މަނިކު، އިތުބާރު ނެތްކަމުގެ ވޯޓުން މިއަދު ސަލާމަތް ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް، 42 މެމްބަރުންގެ ސޮޔާއެކުގައި ނޫނީ މަޖިލީހަށް ހުށަނޭޅޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށް، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ނައިބު ރައީސް ރީކޯ މޫސާ މަނިކު، އިތުބާރު ނެތްކަމުގެ ވޯޓުން މިއަދު ސަލާމަތް ކޮށްފި އެވެ.
މަޖިލިހުގެ ރިޔާސަތު ބަދަލު ކުރަން ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާ އެކު ކަމަށް ގަވައިދަށް ސަރުކާރުގެ މެޖޯރިޓީ އޮންނަ ކޮމިޓީއަކުން އިއްޔެ ކުއްލިއަކަށް ގެނައި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެމްބަރުންގެ އިއްތިފާގުންނެވެ. މި ވޯޓުގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
ގަވާއިދަށް އިސްލާހު ގެނައި އިރު ރީކޯމޫސަގެ މައްސަލަ މާދަމާ އަށް އޮތީ އެޖެންޑާ ކޮށްފަ އެވެ. އަދި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ، 31 މެމްބަރެއްގެ ސޮޔާ އެކު، އިއްޔެ އަލުން އޮތީ ހުށަހަޅައިފަ އެވެ. އެކަމަކު ގަވާއިދަށް ގެންނަ އިސްލާހު އޮތީ، އެ އިސްލާހު ފާސްވުމާ އެކު އެ ދެ މަައްސަލަ ވެސް ކެންސަލްވާ ގޮތަށެވެ.
މި އިސްލާހު ފާސްވުމާ އެކު، މަޖިލިހުގެ ރައީސް މަސީހު ވިދާޅުވީ އިސްލާހަށް މިހާރު އަމަލު ކުރަން ފަށާފައިވާ ކަމަށެވެ. އެހެންވެ ފާސްކުރި އިސްލާހުގެ ދަށުން "ސައްހަ އެއްވެސް މައްސަލައެއް" މަޖިލިހުގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، އިދިކޮޅު ފަރާތްތަކުން ގުޅިގެން މަސީހް އާއި މޫސަ މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުވީ އެވެ.
މަޖިލިހުގެ ގަވައިދުގައި ކުރިން އޮންނަ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ 15 މެމްބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ ސޮޔާ އެކު އެވެ.
މަޖިލިހުގެ ގަވާއިދަށް ބަދަލު ގެންނަން އާންމު ކޮމެޓީން ނިންމުމާ ގުޅިގެން އިދިކޮޅު މެމްބަރުންގެ ބަހުގެ ހޫނު ހަމަލާތަކެއް މަޖިލީހުގެ ރައީސަށް މިއަދު އަމާޒުވި އެވެ.
މަޖިލިހުގެ މެމްބަރުންތަކެއް އިދާރާގައި. މަޖިލިހުގެ މަސައްކަތްތައް ހުއްޓުވާފައި އޮތީ އިދިކޮޅު މެމްބަރުން ކަމަށް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އާންމު ކޮމެޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މެމްބަރުންގެ ތާއީދު ނެތަސް، ގަދަކަމުން މަޖިލީހުގެ ރައީސް ގޮނޑީގައި އިންނަވަން ކުރާ މަސައްކަތާ މެދު ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. އަދި މަޖިލީހުގެ ރިޔާސަތު ދިފާއު ކުރެވޭނެ ކަމަށް ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުން ވިދާޅުވާ އިރު، ވޯޓަކަށް ވަޑައިގަންނަވަން ނުކެރެނީ ކީއްވެތޯ އޭނާ ސުވާލުކުރެއްވި އެވެ.
ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން 29 މެމްބަރުންގެ ސޮއި ބޭނުންވާއިރު، މަޖިލިހުގެ ރިޔާސަތު ބަދަލު ކުރަން ހުށަހަޅަން 42 މެމްބަރުންގެ ސޮއި ހޯދަން ޖެހޭ އެއްވެސް ހަމައެއް ނެތް ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ.
"ގަދަކަމުން ތި ތަނުގައި އިންނަވާކަށް ނުވާނެ. މިހާރު ދެން މަނިކުފާނަށް ތި ގޮނޑީގައި އިންނެވޭނެ ކަމަށް ފެންނަނީ ޑަންލޮޕް ލައިގެން ތަތްކޮށްގެން،" ރޮޒެއިނާ ވިދާޅުވި އެވެ.
"މިއީ ޑިމޮކްރެޓިކް ނިޒާމެއްގައި ކަން ކުރެވެން ޖެހޭ ކަމެއް ނޫން. ގާނޫނުއަސާސީގެ ރޫހަށް ބަލާއިރު ސިމްޕަލް މެޖޯރިޓީން ވިން ކުރެވޭނެ ވޯޓެއްގައި 42 ސޮއި ހޯދުން ގަބޫލު ނުކުރެވޭ."
ސަރުކާރުގެ އިސް އެއް މެމްބަރު ވިލިމާލެ ދާއިރާގެ އަހުމަދު ނިހާނު ވަނީ މަޖިލިހުގެ ގަވާއިދަށް ގެންނަން ނިންމި ބަދަލަކީ ވަރަށް މުހިންމު ބަދަލެއް ކަމަށް ވިދާޅުވެފަ އެވެ. މަޖިލިހުގެ މަސައްކަތްތައް ކުރިއަށް ނުދާތާ ގިނަ ދުވަސްތަކެއް ވެފައިވާ އިރު، ރައްޔިތުންނަށް ނިންމަން ޖެހޭ ވަރަށް މުހިންމު ނިންމުންތަކެއް މަޖިލިހުގައި ކުރަން އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގައި މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުން. --ފޮޓޯ ނިހާން
ގަވާއިދަށް ބަދަލު ގެންނަނީ ހަމައެކަނި ރާއްޖޭން އެކަނި ނޫން ކަމަށާއި ޑިމޮކްރަސީ އޮތް ބޮޑެތި ގައުމުތަކާއި ކުދި ގައުމުތަކުން މަޖިލިހުގެ ގަވާއިދުތަކަށް ބަދަލު ގެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. މަޖިލިސް ކުރިއަށް ގެންދިޔަ ނުދީ އިދިކޮޅު ފަރާތްތަކުން ހުއްޓުވަނީ އަމިއްލަ ބޭނުންތަކެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ގަވާއިދަށް އިސްލާހު ގެނައުމަކީ ރައްޔިތުންނަށްޓަކައި ލާޒިމް ކަމެއް. މިއީ ފެއްސާއި ރަތާއި ހުދުގެ އިސްލާހެއް. މިއީ އެއްވެސް ކުލައަކަށް އޮތް އިސްލާހެއް ނޫން ކަމުގައި ދަންނަވަން،" ނިހާނު ވިދާޅުވި އެވެ.
އިދިކޮޅު މެމްބަރެއް ކަމަށްވާ ޖޭޕީގެ މެމްބަރު އަލީ ހުސެން ވިދާޅުވީ 42 މެމްބަރުންގެ ސޮޔާ އެކު މަޖިލިހުގެ ރިޔާސަތު ބަދަލުކުރަން ހުށަހަޅައިފި ނަމަ، އޮޓަމެޓިކުން މަގާމުން ވަކިވާން ޖެހޭނެ ކަމަށެވެ. އަދި އެކަމަށް ވޯޓަށް އަހަން ވެސް ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"ތިޔަ ގޮނޑިކޮޅު ދިފާއު ކުރަން ތިޔަ މަސައްކަތް ކުރައްވަނީ އެ ނޫން ގޮތެއް ނެތިގެންތޯ؟ ތާކުންތާކު ނުޖެހޭ، އިންސާނީ ބުއްދި ގަބޫލުނުކުރެވޭ ކަންތައް ކުރިޔަސް މީ ތަންފުކެއް ބޮޑުވަރު،" އަލީ ހުސައިން ވިދާޅުވި އެވެ.
ފޮނަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެންމެ ފަހުން މަޖިލިހުގައި ނެގި ވޯޓުގައި 48 މެމްބަރުންގެ އިއްތިފާގުން މަޖިލިހުގެ ރައީސް މަސީހްގެ މައްޗަށް އިތުބާރު އޮތް ކަމަށް ފާސްވި އިރު، ތަރައްގީ ހުއްޓުވަން މަޖިލިހުގައި ސަކަރާތް ޖެހުމަށް ފުރުސަތު ނުދޭނެ ކަމަށެވެ.
"މިފަދަ އެތައް އިސްލާހެއް މަޖިލިހުގެ ގަވައިދަށް ގެންނަން ޖެހޭ. މިއީ ފެށުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަތައް ހުށަހަޅާފައިވާ ދަނޑިވަޅުގައި މިފަދަ އިސްލާހެއް ގަވައިދަށް ގެނައުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މަޖިލިހުގެ ގަވައިދަށް ކުރިން ގެނައި އިސްލާހުތަކުގެ ސަބަބުން މެމްބަރުންގެ ހައްގުތައް ގެއްލިފައިވާ އިރު، މިއީ އެފަދަ އިސްލާހެއްގެ ގޮތުގައި އަނާރާ ސިފަކުރެއްވި އެވެ.
ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޒާރު ވިދާޅުވީ ގާނޫނުއަސާސީ އާއި ގަވައިދުތަކާއި ގާނޫނުތައް ހިމާޔަތްކުރަން އުޅޭއިރު ފެންނަނީ ސިކުނޑި ހަމަނުޖެހޭ މޮޔައިން ކަންތައްތައް ކުރަމުން އަންނަ ތަން ކަމަށެވެ. އަދި މަޖިލިހުގެ ގަވައިދުގެ މުޅި ނިޒާމު ކިލަނބު ކުރާ ތަން ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީކީ ޑިމޮކްރަސީގެ އުސޫލުތަކުން ހިނގާ ކަމެއް ނޫން،" ނިޒާރު ވިދާޅުވި އެވެ.
މަޖިލީހުގައި މަސައްކަތްކުރަނީ އިންސާފުވެރިކޮށް: މޫސަ
މާދަމާ ރޭ މަޖިލިސް، މަސީހް ވަކިކުރާނެ ކަމަށް ބެލެވޭ
މަސީހު ވަކިކުރުމުގެ މައްސަލަ އަންނަ މަހުގެ 8 ގައި
ދެ ހުށަހެޅުމުގައި ރައީސްގެ އަރިސް މެމްބަރުންތަކެއް!
މަޖިލީހުގެ ރައީސެއްގެ ސިފަތައް މަސީހުގެ ނެތް: މާރިޔާ
މިކަން މިއޮތީ ނިމިފައި، ޝައްކެތް ނެތް: އިބޫ
މިއީ ބިރު ދައްކަން ކުރާ ކަމެއް، ފަހަތަށް ނުޖެހޭނަން
ވަފާތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރާނަން: ގާސިމް
ރައީސް ވަކިކުރުމުގެ މައްސަލަ އަށް ވަގުތެއް ނެތް: މޫސަ
މަސީހް، މަގާމުން ވަކިކުރުމުގެ ޖަލްސާ މިރޭ ބާއްވަނީ