Roadha Mihaaru
ގާސިމަށް މިހެން ހަދާއިރު އާންމުންނަށް ރައްކަލެއް ނެތް

ގާސިމަށް މިހެން ހަދާއިރު އާންމުންނަށް އޮތީ ކޮން ރައްކާތެރިކަމެއް: ވަކީލު މައުމޫން

12 އެޕްރީލް 2017

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މެދު ގާނޫނުތަކާ ޚިލާފަށް އަމަލު ކުރަމުންދާ އިރު، އާންމު ރައްޔިތުންނަށް ގާނޫނުން ލިބިދޭ ރައްކާތެރިކަމާ މެދު އެއްވެސް ޔަގީންކަމެއް ނެތް ކަމަށް ގާނޫނީ ވަކީލު، އަދި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މެދު ގާނޫނުތަކާ ޚިލާފަށް އަމަލު ކުރަމުންދާ އިރު، އާންމު ރައްޔިތުންނަށް ގާނޫނުން ލިބިދޭ ރައްކާތެރިކަމާ މެދު އެއްވެސް ޔަގީންކަމެއް ނެތް ކަމަށް ގާނޫނީ ވަކީލު، އަދި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް، ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި ހުރި ހުރުމަކީ ގާނޫނާ ޚިލާފު ކަމެއް ކަން ފާހަގަ ކުރައްވައި މައުމޫން އޭނާގެ ފޭސްބުކް ޕޭޖްގައި ވިދާޅުވެފައިވަނީ، ގާނޫނު ނަގަހައްޓާ މީހުން މިފަދަ އިން އަމަލުކުރާ އިރު އާންމު ރައްޔިތުންނަށް އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށެވެ.

"މަތީ މަގާމުތަކުގައި ތިބޭ މީހުންނާ ގުޅުން ހުރި ކަންކަމުގައި ގަސްދުގައި ގާނޫނުތައް އިހުމާލުކުރާ ނަމަ، އަޅުގަނޑުމެންގެ އާދައިގެ ރައްޔިތުންނަށް ގާނޫނުން ލިބިދޭނީ ކޮން ރައްކާތެރިކަމެއް؟ ގާނޫނު ނަގަހައްޓާނެ ކަމަށް ހުވައި ކޮށްގެން ތިބި މީހުން، އެ ގާނޫނުތަކުގެ ހުރުމަތް ކަނޑަމުންދާ ތަން އާންމު ރައްޔިތުންނަށް ފެންނަމުންދާ އިރު، ކުށެއް ކުރުމަކާ ނުލައި ގަދަބާރުން ހައްޔަރު ނުކުރެވޭނެ ކަން ގާނޫނުން ކަށަވަރު ކޮށްދޭ ކަން އެނގުނު ކަމުގައި ވިޔަސް، އެފަދައިން ހައްޔަރު ނުކުރާނެ ކަމަށް ރައްޔިތުންނަށް އޮތީ ކޮން އިތުބާރަކާއި ޔަގީންކަމެއް؟" މައުމޫން ހަމީދު އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.

މައުމޫން ހަމީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

މައުމޫން ހަމީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

އޭނާ ވިދާޅުވީ އާންމު ރައްޔިތުންނަށް އެފަދަ އެއްވެސް ޔަގީންކަމެއް އަދި އިތުބާރެއް ވެސް ނެތް ކަމަށެވެ. މިއީ ވިސްނައިގަންނަން ވެސް އުނދަގޫ ބިރުވެރި ކަމެއް ކަމަށާއި އާންމުންގެ ލޯތަކަށް ނުފެންނަ އަދި މީޑިއާގެ ސަމާލުކަމެއް ނެތް، އާބާދީ ކުދި ރަށްތަކުގައި އާންމު ރައްޔިތުންނާ ދެކޮޅަށް ކިހާ ވަރަކަށް ނަހަމަ ގޮތުގައި ގާނޫނުގެ ބޭނުން ކުރާނެ ބާއޭ އޭނާ ސުވާލު ކުރައްވާފައިވެ އެވެ.

"ގާނޫނު ނަގަހައްޓާނެ ކަމަށް އިތުބާރު ކޮށްގެން ތިބި މީހުން އެ ގާނޫނަށް އިހުމާލުވާ އިރު، އެ މީހުންގެ ގާނޫނީ ހައިސިއްޔަތު އެ ވަނީ ގެއްލިފައި. އެއީ ވަރަށް ބޮޑު ނުބައެއް. އެކަމަކު އެއިން އެންމެ ބޮޑު ގެއްލުމެއް ލިބެނީ އާންމު ރައްޔިތުންނަށް. އާޚިރުގައި މި ކަމުގެ އެންމެ ބޮޑު ވޭނެއް ލިބޭނީ ހަމަ އާންމު ރައްޔިތުންނަށް. މިއީ އެއްވެސް ގޮތަކުން ގަބޫލު ކުރެވޭނެ ކަމެއް ނޫން އަދި ފަހަރެއްގައި ވެސް މައާފު ކުރެވޭނެ ކަމެއް ވެސް ނޫން،" މައުމޫން ހަމީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނަކީ، އެމީހަކު ގަޔާވާ އެއްޗެއް އެއިން ނެގޭ ގޮތަށް ކާތަކެތި އަތުރާފައި ހުރި މޭޒެއް ނޫން ކަމަށެވެ. ގާނޫނަކީ ތިމާ ހިތް އެދޭ ގޮތަށް ބުރަވުމެއް ނެތި، ނަގަހައްޓައި ދަމަހައްޓަންޖެހޭ އެއްޗެކެވެ. ނަމަވެސް ގާސިމް ހައްޔަރުކޮށް ބަންދުކޮށްފައި ބަހައްޓާފައި ހުރީ ގާނޫނުގައި ހުރި އުސޫލުތަކާ ޚިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނު ވަރަށް ސާފު. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ހައްޔަރު ކުރަން ބޭނުންވެއްޖެ ނަމަ، އެކަމަށްޓަކައި ކޯޓުގައި އެދެންޖެހޭނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ). ގާސިމް އިބްރާހީމް ހައްޔަރު ކުރުމުގެ އަމުރަށް އެދިފައިވަނީ ވެސް އަދި އެ އަމުރު ނެރެފައިވަނީ ވެސް ގާނޫނާ ޚިލާފަށް ކަން އެއްވެސް އޮޅުމެއް ނެތް މިންވަރަށް ސާފު. ވީއިރު، އަދިވެސް ގާސިމް ހައްޔަރު ކޮށްފައި އެ ހުންނަވަނީ ކީއްވެ؟"

ގާސިމް މިދިޔަ އާދިއްތަދުވަހު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

ގާސިމް މިދިޔަ އާދިއްތަދުވަހު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

އޭނާ ވިދާޅުވީ ގާނޫނާ ޚިލާފަށް ސަރުކާރުގެ މުއައްސަސާތަކުން މީގެ ކުރިން އަމަލުކުރި މިފަދަ ހާލަތްތަކުގައި ޕީޖީން އެކަންކަމުގައި ތަދައްޚުލުވެ ގާނޫނު ނަގަހައްޓަން މަސައްކަތް ކުރި ކަމަށެވެ.

"ސުޕްރީމް ކޯޓުގައި ތަޅުއެޅުވި މައްސަލައިގައި، އެ ކަމާ ދެކޮޅަށް ޕީޖީން ކޯޓަށް ދިޔަ. އޭގެ ފަހުން، ބާރުގެ ބޭނުންކޮށްގެން ކްރިމިނަލް ކޯޓުގެ އިސް ގާޒީ ގެއްލުވައިލި މައްސަލަ ތަހުގީގު ކޮށްދިނުމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގައި ޕީޖީން އެދުނު. އޭގެ އިތުރުން އެ ގާޒީ ގެއްލުވައިލި މައްސަލައިގައި ޒިންމާވާންޖެހޭ ކަމަށް ޕީޖީ އަށް ގަބޫލުކުރެވުނު މީހުންނާ ދެކޮޅަށް ދައުވާ ވެސް ކުރި. ވީއިރު، މިހާ މުހިންމު އަސާސީ ކަމެއްގައި ޕީޖީ ހަނުހުންނަވަނީ ކީއްވެތޯ؟ ގާނޫނު ނެގެހެއްޓުމަށް ހުވައި ކޮށްގެން ތިބި ބަޔަކު ގާނޫނުތައް މުގުރަމުންދާ އިރު، ކަމާ ގުޅޭ މުއައްސަސާތައް ހަނު ތިބީ ކީއްވެތޯ؟"

އޭނާ ވިދާޅުވި ގޮތުގައި ފުލުހުންނާއި ޕީޖީން ގާނޫނާ ޚިލާފުވަމުންދާ އިރު، އެ މީހުންނަށް ވެސް ހިމާޔަތާއި ރައްކާތެރިކަން ލިބިދެނީ ގާނޫނުތަކުން ކަމަށެވެ. އެމީހުންނަށް އެކަން ނޭނގެނީތޯ ސުވާލު ކުރައްވައި "އެ މީހުންގެ ގާނޫނީ ޒިންމާއަކީ، އެއްވެސް ބިރެއް ނެތި އަދި ވަކި ފަރާތަކަށް ބުރަވުމެއް ނެތި ގާނޫނު ނެގެހެއްޓުން ކަން އެމީހުންނަށް ހަމަ ނޭނގެނީ ބާއޭ" މައުމޫން އިތުރަށް ސުވާލު ކުރެއްވި އެވެ.

އެ މީހުންނަށް ވެސް މި ފަދަ (ނާއިންސާފު ނުވަތަ ގާނޫނާ ޚިލާފަށް މުއާމަލާތު ކުރެވޭ) ހާލަތަކާ ބައްދަލުކުރަންޖެހޭ ވަގުތެއް އަތުވެއްޖެ ނަމަ، އަދުލު އިންސާފު ހޯދުމަށްޓަކައި އެމީހުން ވެސް ހަމަ ގާއިމުކުރަން އެދޭނީ އެމީހުން މިއަދު ގަސްދުގައި އިހުމާލުވަމުންދާ ގާނޫނީ އަސާސްތައް ކަން އެމީހުންނަށް ހަމަ ނޭނގެނީ ހެއްޔެވެ؟ އެއީ ގާނޫނީ އިޖުރާއާތުތަކުގެ ތެރެއިން ފިޔަވަޅު އެޅުމުގެ ހައްގާއި، ވަކިފަރާތަކަށް ނުޖެހޭ އިންސާފުވެރި ޝަރީއަތެއް ކުރެވުމުގެ ހައްގާއި ގާނޫނުގެ ރައްކާތެރިކަން ލިބުމުގެ ހައްގު ފަދަ ކަންތައް."

އޭގެ އިތުރުން، ގާނޫނުގައި ބުނާ އެއްޗަކަށް ބެލުމެއް ނެތި، މަޖިލީހުގެ މެންބަރުންނަށް ގާނޫނުން ލިބިދޭ ރައްކާތެރިކަން ނިގުޅައިގަންނަމުންދާ ނަމަ، ގާނޫނުގެ ދަށުން ހަމަ އެ ފަދަ ރައްކާތެރިކަން ލިބިދީފައިވާ ފަނޑިޔާރުންނާއި ސަރުކާރުގެ އެހެން ވެރިން ހިމާޔަތް ކުރުމަށް ގާނޫނުގައި ބާކީ އޮންނާނީ ކޮން އެއްޗެއްތޯ މައުމޫން ސުވާލު ކުރެއްވި އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ، ގާސިމް އިބްރާހީމް ހައްޔަރު ކުރީ މި މަހުގެ 6 ވަނަ ދުވަހު އެވެ. އޭނާ ހައްޔަރުކުރީ މަޖިލިހުގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ނަގަން އުޅުނު ވޯޓަށް ނުފޫޒް ފޯރުވަށް މަސައްކަތް ކުރާ ކަމަށާއި ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވަށް މަސައްކަތް ކުރާ ކަމަށާއި ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރަން ހިތްވަރު ލިބޭ ފަދަ އަމަލުތަކެއް ކުރާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ. އަދި އެ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވަން މަސައްކަތް ކޮށްފާނެ ކަމަށް ފެންނާތީ އާއި އޭނާ ދޫކޮށްފައި ހުރެއްޖެ ނަމަ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް ތަހުގީގަށް ފެންނާތީ އެވެ.

މަޖިލީހުގެ މެމްބަރަކު ޖިނާއީ ކުށެއްގެ ތަހުގީގަށް ހައްޔަރު ކުރެވޭނީ ފުލުހުންގެ ޕީޖީއަށް ހުށަހަޅައި ޕީޖީގެ ފަރާތުން ކޯޓުގައި އެފަދަ އަމުރަކަށް އެދުމުންނެވެ. ނަމަވެސް ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނާ ގޮތުގައި ގާސިމް ހައްޔަރު ކުރީ ޕީޖީގެ ހުށަހެޅުމެއް ނެތި ހަމައެކަނި ފުލުހުންގެ އެދުމަކަށް ނެރުނު ކޯޓު އަމުރެއްގެ ދަށުންނެވެ.

ނަމަވެސް މިތުހުމަތާ ގުޅޭ ގޮތުން ފުލުހުން ވެސް އަދި ޕީޖީން ވެސް ވަކި އެއްޗެއް ނުބުނެ އެވެ.

ގާސިމް ހައްޔަރު ކުރި މައްސަލަ އިސްތިއުނާފު ކޮށްފައިވާ އިރު، ތިން ކުށެއްގެ ތުހުމަތުގައި ޕީޖީން މިއަދު ވަނީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކޮށްފަ އެވެ.