Roadha Mihaaru
ގާސިމްގެ ދެވަނަ މައްސަލަ އަނބުރާ ޕޮލިހަށް

ގާސިމަށް ދައުވާ ކުރުމަށް ފަހުން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި

15 މެއި 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފަހުން ފޮނުވި މައްސަލާގައި ދައުވާ ކުރެވެން ނެތް ކަމަށް ނިންމައި، އެ މައްސަލަ ޕީޖީން އަނބުރާ ފޮނުވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފަހުން ފޮނުވި މައްސަލާގައި ދައުވާ ކުރެވެން ނެތް ކަމަށް ނިންމައި، އެ މައްސަލަ ޕީޖީން އަނބުރާ ފޮނުވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހަޅަން އުޅުނު ކަމަށް ބުނެ ތިން ދައުވާއެއް އުފުލައި މިހާރު ވެސް ގާސިމްގެ ޝަރީއަތް ކުރިއަށް ދާއިރު، އޭނާގެ މައްޗަށް އިތުރު ދައުވާއެއް ކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އަށް ފޮނުވީ ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން ތައްޔާރުވަމުންދާ މައްސަލާގައި މެމްބަރުންނަށް ނުފޫޒު ފޯރުވަން އުޅުނު ކަމަށް ބުނެ އެވެ.

އެ މައްސަލާގައި ދައުވާ ކުރެވެން ނެތް ކަމަށް ނިންމައި، މި މަހުގެ 10 ވަނަ ދުވަހު އެ މައްސަލަ ޕީޖީން އަނބުރާ ފުލުހުންނަށް ފޮނުވާލީ ގާސިމްގެ މައްޗަށް ދައުވާ ކުރެވޭނެ ވަރުގެ ހެއްކާއި ގަރީނާ ނެތުމުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް "މިހާރު" އަށް މިއަދު ވިދާޅުވި އެވެ.

ގާސިމަށް މިހާރު ދައުވާ އުފުލާފައިވާ މައްސަލަ އަކީ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމަށް ފުރަތަމަ ހުށަހެޅި މައްސަލާގައި މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ކުރާ ދައުވާ އެވެ. އެ ދައުވާކު ރަނީ އިދިކޮޅު ކޯލިޝަންގެ ޖަލްސާއެއްގައި އޭނާ ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

އޭނާ އަށް ދައުވާ ކުރަން ފޮނުވި ދެވަނަ މައްސަލަ އަކީ 42 މެމްބަރުންގެ ސޮޔާ އެކު، މަސީހުގެ އިތުބާރު ނެތް ކަމަށް އަލުން ހުށަހަޅަން ތައްޔާރުވަމުންދާއިރު، މެމްބަރުންނަށް ނުފޫޒު ފޯރުވަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި ދެ ފަހަރެއްގެ މަތިން ގާސިމްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފަހު ޝަރުތުތަކާ އެކު ކޯޓުން އޭނާ ދޫކޮށްލީ މިދިޔަ ބުދަދުވަހު އެވެ.

ކޯޓުން ގާސިމަށް ކުރިމަތިކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ތަހުގީގަށް އެއްބާރުލުން ދެއްވުމާއި ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ ރަށުން ބޭރަށް ވަޑައިނުގަތުމަށާއި ފިތުނަ އުފެދޭ ފަދަ ވާހަކަތައް ދައްކާ މީހުންނާ އެކު ބައްދަލުވުންތައް ނުބޭއްވެވުމަށާއި ހެކި ގެއްލިދާނެ ފަދަ ނުވަތަ ހެއްކަށް ނުފޫޒު ފޯރާ ފަދަ އެއްވެސް ކަމެެއް ނުކުރެއްވުމަށާއި ފިތުނަ އުފެދޭ ވާހަކަތައް ނުދެއްކެވުމާއި ފިތުނަ އުފެދޭ ވާހަކަތައް ދެއްކެވުމަށް ގާސިމްގެ ގޯތިގެދޮރު ބޭނުން ނުކުރެއްވުމާއި އެފަދަ ކަންކަމަށް މީހުންނަށް ތަންތަން ދޫ ނުކުރެއްވުމާއި ދައުލަތުގެ ތިން ބާރާއި އެ ބާރުގެ ވެރިންނާ ބެހޭގޮތުން ނުތަނަވަސްކަން އުފެދޭ ވާހަކަތައް ނުދެއްކެވުމެވެ.