Roadha Mihaaru
ޕީއެޗްޑީ ފެންވަރުގެ ވަޒީފާއަކަށް 10،000 ރުފިޔާ!

ފެންވަރު: ޕީއެޗްޑީ، ތަޖުރިބާ: 10 އަހަރު، މުސާރަ: 10،000

19 އެޕްރީލް 2017

ދިވެހި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން އިއުލާންކުރި ވަޒީފާއަކަށް ކަނޑައަޅާފައިވާ މުސާރަ އެ ވަޒީފާ އަށް ބޭނުންވާ ފެންވަރާއި ޝަރުތާ ނުބައްދަލުކަމުން މީހުން ހައިރާންކޮށްލައިފި އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ދިވެހި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން އިއުލާންކުރި ވަޒީފާއަކަށް ކަނޑައަޅާފައިވާ މުސާރަ އެ ވަޒީފާ އަށް ބޭނުންވާ ފެންވަރާއި ޝަރުތާ ނުބައްދަލުކަމުން މީހުން ހައިރާންކޮށްލައިފި އެވެ.

ސަރުކާރުގެ ގެޒެޓުގައި ހޯމަދުވަހު ކުރި އިއުލާނެއްގައި، ޔުނިވާސިޓީގެ ރިސާޗު ސެންޓަރުގައި މަސައްކަތްކުރާނެ ކޮންސަލްޓެންޓަކު ހޯދަން ފުރުސަތު ހުޅުވާލީ މަހަކު 10،000 ރުފިޔާގެ މުސާރައަކަށެވެ. އެއީ ހުރިހާ އެއްޗެއް ހިމަނައިގެންނެވެ. އެކަމަކު އެ މަގާމަށް ޝަރުތު ހަމަވަނީ ތައުލީމް ދިނުން ނުވަތަ އެކަމާ ގުޅުން ހުރި ދާއިރާއަކުން ޕީއެޗްޑީ ހާސިލްކޮށްފައިވާ ނަމަ އެވެ. ނުވި ތާކަށް، ދިރާސާކުރުމުގައި އަމަލީ ގޮތުން ބައިވެރިވެ މަދުވެގެން 10 އަހަރުގެ ތަޖުރިބާ ހޯދާފައިވާ މީހަކަށް ވެސް ވާން ޖެހެ އެވެ.

އެކަމަކު މިއީ ޕާޓް ޓައިމް ވަޒީފާއެކެވެ.

ބާރަ މަސް ދުވަހަށް ހަވާލުކުރާ މަގާމްގެ މުއްދަތު، ބޭނުންވެއްޖެ ހިނދެއްގައި އަދި އެ މީހެއްގެ މަސައްކަތުގެ ފެންވަރަށް ބަލައި، އިތުރުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ޓެކްނޮލޮޖީ ބޭނުންކޮށްގެން ކިޔަވައިދޭން ޖެހޭ މި ވަޒީފާގެ މަސްއޫލިއްޔަތުތައް ވެސް، މުސާރައާ އަޅާބަލާ އިރު، ވަރަށް ބޮޑެވެ. އޭގެ ތެރޭގައި އެކި ދިރާސާތައް ހެދުމާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެމްއެންޔޫގައި ކިޔަވައިދިނުމާ ބެހޭ ސްޓްރެޓެޖީތައް އެކުލަވާލުމާއި މުވައްޒަފުންނަށާއި ދަރިވަރުންގެ ޕްރޮޖެކްޓްތަކަށް އިރުޝާދުދިނުމާއި މާސްޓާސް އަދި ޕީއެޗްޑީ ދަރިވަރުން ސުޕަވައިޒްކުރުމުގެ އިތުރުން ވެސް އެތައް ކަމެއް ހިމެނެ އެވެ.

މި އިއުލާނާ އެކު ސޯޝަލް މީޑިއާގައި ހައިރާންކަން ފާޅުކުރި ބައެއް މީހުން ވަނީ ތައުލީމީ އެންމެ މަތީ ފެންވަރުގެ ތަޖުރިބާކާރުންގެ އަގަކީ 10،000 ރުފިޔާތޯ ސުވާލުކޮށްފަ އެވެ. އަދި މިއީ އެފަދަ އެއްވެސް ފެންވަރެއް އަދި ޝަރުތެއް ހުންނަން ނުޖެހޭ ސިޔާސީ ކޯޑިނޭޓަރުންގެ މުސާރަ އަށް ވުރެ ވެސް ކުޑަ އުޖޫރައެއް ކަން ފާހަގަކޮށް ބައެއް މީހުން ފާޑުކިޔެވެ. ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ކޯޑިނޭޓަރުންގެ މުސާރައަކީ 15،000-20،000 ރުފިޔާ އެވެ.

އެއް ބަޔަކު ފާހަގަކުރި ގޮތުގައި މުސާރަ ކުޑައީ ކޮންސަލްޓެންޓެއްގެ މަގާމަށް ވެފައި ޕާޓް ޓައިމް ވަޒީފާއަކަށް ވާތީ ކަމަށް ވެދާނެ އެވެ. އެކަމަކު އެ ގޮތަށް ބަލާ އިރު ވެސް 10،000 ރުފިޔާއަކީ ޕީއެޗްޑީ އޮތް އަދި އެވަރުގެ ތަޖުރިބާކާރަކު އަދާކުރަން ޖެހޭ ޒިންމާތަކަށް އެކަށޭނަ އުޖޫރައެއް ނޫން ކަމަށް އެ މީހުން ދެކެ އެވެ.

މި މަގާމަށް އެދި އަންނަ ހޯމަދުވަހުގެ ކުރިން ކުރިމަތިލާން ޖެހެ އެވެ.