Roadha Mihaaru
އެމްއެންޔޫގައި ބިޒްނަސް ޕީއެޗްޑީގެ 2ވަނަ ބެޗް ފަށައިފި

ގައުމީ ޔުނިވާސިޓީގެ ބިޒްނަސް މެނޭޖްމަންޓް ޕީއެޗްޑީގެ 2 ވަނަ ބެޗް ފަށައިފި

29 މާޗް 2018

މެލޭޝިޔާގެ މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވާސިޓީ (އެމްއެސްޔޫ) އިން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ހިންގާ ބިޒްނަސް މެނޭޖްމަންޓް ޕީއެޗްޑީގެ ދެ ވަނަ ބެޗް މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މެލޭޝިޔާގެ މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވާސިޓީ (އެމްއެސްޔޫ) އިން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ހިންގާ ބިޒްނަސް މެނޭޖްމަންޓް ޕީއެޗްޑީގެ ދެ ވަނަ ބެޗް މިއަދު ފަށައިފި އެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގައި ބޭއްވި ރަސްމިއްޔާތެއްގައި، ޕީއެޗްޑީގެ ދެ ވަނަ ބެޗަށް ހޮވުނު 13 ދަރިވަރުންނަށް ވަނީ، ކޯސް ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ.

އެ ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެސްޔޫގެ ވައިސް ޕްރެޒިޑެންޓް ޕްރޮފެސަރު އަލީ ހަތިބީ ވިދާޅުވީ ނަމުގެ ކުރިއަށް ކޮންމެ މަގާމެއް ވެސް ބޭނުންކުރެވިދާނެ ކަމަށެވެ. ނަމަވެސް މުހިއްމީ ލިބުނު އިލްމެއްގެ ބޭނުން ހިފައި، އެ މުޖުތަމައަަކަށް ކޮށްދޭ ހިދުމަތް ކަމަށެވެ.

އޭނާ ވިދާޅުވީ އެމްއެންޔޫ އަކީ އޭޝިޔާ ސަރަހައްދުގައި ފާހަގަކޮށްލެވޭ ޔުނިވާސިޓީއަކަށް ހަދަން އެމްއެސްޔޫ އިން ބޭނުންވާ ކަމަށެވެ. އެކަމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމަށް ހަތިބީ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތަށް ފަހު ވާހަކަދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒު ޝަރީފް ވިދާޅުވީ އެމްއެސްޔޫއާ ގުޅިގެން އެ ޔުނިވާސިޓީން މިހާރު ވެސް ބިޒްނަސް މެނޭޖްމަންޓްގެ ޕީއެޗްޑީ ޕްރޮގްރާމެއް ހިންގާ ކަމަށެވެ. އެގޮތުން ޕީއެޗްޑީގެ ބިޒްނަސް މެނޭޖްމަންޓްގެ ފުރަތަމަ ބެޗުގައި 12 ދަރިވަރަކު ބައިވެރިވެފައި ވެ އެވެ.

އެ ކްލާސްތައް ހިންގަން ކޮންމެ ސެމިސްޓާއަކު ވެސް އެމްއެސްޔޫގެ ލެކްޗަރާ އިން ރާއްޖެ ވަޑައިގަންނަވާނެ އެވެ.

އެމްއެސްޔޫގެ ބިޒްނަސް މެނޭޖްމަންޓްގެ ޕީއެޗްޑީ ޕްރޮގްރާމްގެ ދެ ވަނަ ބެޗް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޝަފީއު (މ)، އެމްއެންޔޫގެ ޗާންސެލާ ޑރ. ލަތީފު (ކ) އަދި އެމްއެސްޔޫގެ ވައިސް ޕްރެޒިޑެންޓް ޕްރޮފެސަރު ހަތިބީ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ފަވާޒު ވިދާޅުވީ ޕީއެޗްޑީ ދަރިވަރުންނަށް ވީހާ ވެސް ފަސޭހަ އިން ކޯސް ފީ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އޭގެ އިތުރުން ދެ ޔުނިވާސިޓީގެ ވަސީލަތްތައް ވެސް އެ ދަރިވަރުންނަށް ބޭނުންކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އެމްއެންޔޫގައި ޕީއެޗްޑީ އެންމެ ފުރަތަމަ ފެށީ 2013 ވަނަ އަހަރެވެ. ތައުލީމީ ދާއިރާ އަށް ހާއްސަކޮށްގެން އޭރު ފެށީ އެމްއެންޔޫގެ ޕްރޮގްރާމެކެވެ.

އެ ޔުނިވާސިޓީގައި މިހާރު ވެސް ދެ ބެޗެއްގެ ދަރިވަރުން އަންނަނީ ޕީއެޗްޑީއަށް ކިޔަވަމުންނެވެ. އެއީ ބިޒްނަސް މެނޭޖްމަންޓްގެ ފުރަތަމަ ބެޗުގެ ދަރިވަރުންނާއި އެޑިއުކޭޝަންގެ ޕީއެޗްޑީ ބެޗެވެ.

އެމްއެސްޔޫއަކީ މެލޭޝިޔާގެ ހަޔަ އެކްސެލެންސް އެވޯޑު ހޯދާފައިވާ އަދި ކިއުއެސްގެ ރޭންކިން ދުނިޔެއިން ފަސް ވަނަ ހޯދާފައިވާ ޔުނިވާސިޓީއެކެވެ.