Roadha Mihaaru
މެގަ މޯލްޑިވްސްގެ ހިއްސާ ނުވިއްކާ ކަމަށް ބުނެފި

ކުންފުނީގެ ހިއްސާ އެހެން ބަޔަކަށް ނުވިއްކަން: މެގަ މޯލްޑިވްސް

19 އެޕްރީލް 2017

މެގަ މޯލްޑިވްސްގެ ހިއްސާ އެހެން ބަޔަކަށް ވިއްކާލާފައިވާ ކަމަށް ބުނެ ފަތުރާ ވާހަކަތައް އެ ކުންފުނިން މިއަދު ދޮގުކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މެގަ މޯލްޑިވްސްގެ ހިއްސާ އެހެން ބަޔަކަށް ވިއްކާލާފައިވާ ކަމަށް ބުނެ ފަތުރާ ވާހަކަތައް އެ ކުންފުނިން މިއަދު ދޮގުކޮށްފި އެވެ.

"މިހާރު"އާ ވާހަކަދައްކަވަމުން އެ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ކުންފުނީގެ ހިއްސާ ބަޔަކަށް ވިއްކާލައިފި ކަމަށް ފަތުރާ އަޑަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

"އަޅުގަނޑުމެން އެފަދަ ނެގޯޝިއޭޓެއް ވެސް ނުކުރަން. އަދި ކުންފުނި ހިނގަމުންދަނީ ކުރިން ވެސް ތިއްބެވި ހިއްސާދާރުންނާ އެކީ،" އެ އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ އަމިއްލަ ކުންފުންޏެއް ކަމަށްވާ މެގަ މޯލްޑިވްސްގެ ހިއްސާދާރުންގެ ގޮތުގައި މިވަގުތު ތިއްބެވީ އެމެރިކާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖޯޖް ވެއިމަން އާއި އެމްޑީޕީ ސަރުކާރުގައި އުފެއްދި އިންވެސްޓް މޯލްޑިވްސްގެ އެޑްވައިޒަ އޮން އިންވެސްޓްމަންޓްގެ މަގާމުގައި ހުންނެވި މިފްޒާލް އަހުމަދެވެ. އެ ކުންފުނީގެ ސީއީއޯ އަކީ ޖޯޖް އެވެ.

"އަޅުގަނޑުމެން ހިއްސާ ބަޔަކަށް ވިއްކައިފި ނަމަ އެކަން ހާމަކުރާނަން. އެފަދަ އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

މެގަ މޯލްޑިވްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ވިޔަފާރިއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރީސްޓަރަކްޗާކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ. އެ ބަދަލުތައް ގެނައި ނަމަވެސް އެ ކުންފުނީގެ އެއްވެސް ހިއްސާއެއް ދިވެއްސަކަށް އަދި ބޭރު މީހަކަށް ވެސް ނުވަތަ އޮން ޝޯ އަދި އޮފް ޝޯ ކުންފުންޏަކަށް ވެސް ވިއްކާލާފައިނުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މެގަ މޯލްޑިވްސްގެ އޮފިޝަލް ވިދާޅުވީ މި ވަގުތު ޗައިނާގެ ދެ މަންޒިލަކަށް ދަތުރުކުރުމަށް އެންމެ ބޯޓެއް ބޭނުންކުރި ނަމަވެސް އިތުރު ބޯޓުތަކެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ބޯޓުތަކާ އެކު އިތުރު މަންޒިލްތަކަށް ވެސް ދަތުރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މެގަ މޯލްޑިވްސް އިން ދަތުރުކުރާ މަންޒިލްތައް މި ދުވަސްވަރު މަދު ނަމަވެސް އެއީ ޗައިނާ މާކެޓުން ކުރިން ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އުފުލި އެއާލައިން އެވެ.