Roadha Mihaaru
"ޑިޕްރެޝަނަކީ ދީނާ ދުރުވާތީ މެދުވެރިވާ ކަމެއް"

ޑިޕްރެޝަނަކީ ދީނަށް ފަރުވާ ކުޑަކުރެވޭތީ މެދުވެރިވާ ކަމެއް: މިނިސްޓަރު

19 އެޕްރީލް 2017

ޑިޕްރެޝަނަކީ ދީނީ ކަންތައްތަކާ ދޭތެރޭ ފަރުވާ ކުޑަކުރެވިގެން ކުރިމަތިވާ ބައްޔެއް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ޚަދީޖާ ހާޒިމާ ޚަދީޖާ ހާޒިމާ

ޑިޕްރެޝަނަކީ ދީނީ ކަންތައްތަކާ ދޭތެރޭ ފަރުވާ ކުޑަކުރެވިގެން ކުރިމަތިވާ ބައްޔެއް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޑިޕްރެޝަނަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ އިސްލާމްދީނާ އެއްގޮތަށް އެ މީހެއްގެ ގުޅުމާއި އުޅުން ބެހެއްޓުން ކަމަށެވެ. ފަސް ނަމާދަށް ރައްކާތެރި ވުމަކީ މާޔޫސް ވުމުން ދުރުކޮށްދޭ ކަމެއް ކަމަށް ވެސް މިނިސްޓަ ވިދާޅުވި އެވެ. އަދި މާޔޫސްވުމުން ދުރުވުމަށް ޓަކައި، ދިރިއުޅުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް މިނިސްޓަރު ގޮވާލެއްވި އެވެ.

މި ހަފްލާގައި، 2015-2025 އަށް އެކުލަވާލައިފައިވާ ހެލްތު މާސްޓާ ޕްލޭނާއި މެންޓަލް ހެލްތު މާސްޓާ ޕްލޭން ވެސް ރަސްމީކޮށް އިފްތިތާހުކުރުން އޮތެވެ. އަދި ސިއްހީ ހިދުމަތް ރަނގަޅު ކުރުމަށް ޓަކައި އެންމެ ރަނގަޅު މަސައްކަތެއް ކުރާ ހޮސްޕިޓަލެއް ހޮވުން ވެސް އޮތެވެ. މި މަގާމް ލިބިފައި ވަނީ ބ. އަތޮޅު ހޮސްޕިޓަލަށެވެ.