Roadha Mihaaru
ދީނަށް އިސްކަން ދިނުމަކީ ޑިޕްރެޝަންގެ އެއް ފަރުވާ

ޑިޕްރެޝަންގެ އެންމެ ރަނގަޅު އެއް ފަރުވާއަކީ ދީނަށް އިސްކަން ދިނުން: ޑިފެންސް މިނިސްޓަ

20 އެޕްރީލް 2017

ޑިޕްރެޝަނަކީ ހަމައެކަނި ދީނީ އަގީދާ ބަލިކަށިވެގެން ކުރިމަތިވާ ބައްޔެއް ކަމަށް ވިދާޅުނުވާ ކަމަށާއި، ނަމަވެސް ދީނީ އަގީދާ ވަރުގަދަވުމަކީ އެ ބަލިން ސަލާމަތްވުމުގެ އެންމެ ބޮޑު ފަރުވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ޑިޕްރެޝަނަކީ ހަމައެކަނި ދީނީ އަގީދާ ބަލިކަށިވެގެން ކުރިމަތިވާ ބައްޔެއް ކަމަށް ވިދާޅުނުވާ ކަމަށާއި، ނަމަވެސް ދީނީ އަގީދާ ވަރުގަދަވުމަކީ އެ ބަލިން ސަލާމަތްވުމުގެ އެންމެ ބޮޑު ފަރުވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ސިއްހަތު ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ބޭއްވި ޖަލްސާގައި މިނިސްޓަރު ދެއްކެވި ވާހަކައާ ގުޅިގެން ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެ، އަދި ޑިޕްރެޝަނަކީ އަގީދާ ނެތިގެން ކުރިމަތިވާ ކަމެއް ނޫން ކަމަށް ބުނެ މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން ވެސް މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިއްޔެ ދެއްކި ވާހަކަތަކާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވަނީ، އޭނާ ދެއްކެވި ވާހަކައިގެ މަގްސަދާއި މަފްހޫމް ބައެއް ފަރާތްތަކަށް އޮޅުމުން ނުވަތަ ދޭން ބޭނުންވި މެސެޖް ރަނގަޅަށް ނުދެވުނީމާ ކަމަށް ވެދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޑިޕްރެޝަން ކުރިމަތިވަނީ އަގީދާ ބަލިކަށިވުމުން ކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ އިބާރާތަކީ އޭނާ ދެއްކެވި ވާހަކަތަކުގެ އެއްބައި ކަމަށެވެ.

"އެއީ އަޅުގަނޑު ދެއްކި ވާހަކައިގެ އެންމެ ތަންކޮޅެއް. އެހެން ވެސް ބުނެވިފައި އޮވެދާނެ. އެކަމަކު އަޅުގަނޑު ދެއްކި މުޅި ވާހަކައިގެ ޚުލާސާއަކީ މާޔޫސްވުމުގެ ބައްޔަށް އޮތް އެންމެ ބޮޑު ފަރުވާއަކީ މިކަންކަމަށް އިސްކަން ދިނުމޭ. އަޅުގަނޑު ދަންނަވާފައި އޮންނާނީ އަގީދާ ބަލިކަށި ވުމަކީ ޑިޕްރެޝަން މެދުވެރިވާ ސަބަބުތަކުގެ ތެރެއިން އެއް ސަބަބޭ. އޭގެ އިތުރު ބައިވަރު ސަބަބުތައް ހުރޭތާ. އެއީ ބައްޔެއްކަމަށް އެއްބަސް ނުވަނީކީ ނޫން. އެ ބަލި ޖެހެނީ ހަމައެކަނި ދީނީ އަގީދާ ބަލިކަށިވެގެންނޭ ބުނަނީކީ ވެސް ނޫން. އަދި ދީނީ އަޅުކަންތައް އަދާކުރާ މީހުންނަށް އެ މައްސަލަ ކުރިމަތި ނުވާނެޔޭ ބުނަނީކީ ވެސް ނޫން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭނާ ދެއްކެވި ވާހަކައިގެ މަގްސަދަކީ، އެކި ސަބަބުތަކާ ހުރެ ޑިޕްރެޝަނަށް ދިޔަ ކަމުގައި ވިޔަސް، ދީނީ ކަންތައް ރަނގަޅަށް އަދާ ކުރުމުން ޑިޕްރެޝަނުން ކުރިމަތިވާ އުނދަގޫތައް އަވަހަށް ފިލައިގެންދާ ކަމެވެ.

"އެކި ސަބަބުތަކާ ހުރެ ޑިޕްރެޝަނަށް ދާއިރު ދީނީ ކަންތައްތަކަށް، ގަޟާގަދަރަށް އީމާންވުމާއި ދީނުގައި އަންގަވާފައި އޮންނަ ގޮތަށް އެކަންތައް ކުރާ ކަމަށް ވެއްޖެއްޔާ އެކަން ކުޑަ ކުރެވެޔޭ އަދި ނަމާދުކޮށް ކަންތައް ކުރީމާ ޑިޕްރެޝަނުން ލިބޭ ގެއްލުމާއި ހިތްދަތިކަން ވަރަށް ބޮޑަށް ކުޑަވެގެން ދެޔޭ އެއީ އަޅުގަނޑުގެ އަސްލު މެސެޖަކީ."

އޭނާ ވިދާޅުވީ އޭނާގެ ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގަ އާއި އާންމުންގެ ތެރޭގައި ދެއްކި ވާހަކަތަކަށް އަ އިހްތިރާމް ކުރައްވާ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި މެޑިކަލް އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ވެސް އޭނާ ދެއްވަން ބޭނުންވި މެސެޖަށް އަލިއަޅުވާލާފައިވެ އެވެ.

"ޑިޕްރެޝަނަކީ ފަރުވާ ބޭނުންވާ ބައްޔެކެވެ. މި ބައްޔަށް ފަރުވާ ދެނީ ބަލީގެ ކުޑަބޮޑުމިނަށް ބަލައިގެންނެވެ. އޭގެ ތެރޭގައި ބައްޔާ ބެހޭ ގޮތުން މައުލޫމާތު ދިނުމާއި، ނަފްސާނީ ފަރުވާ އަދި ކަސްރަތުކުރުމާއި ވަކި ކަހަލަ އާދަތަކެއް ގެންގުޅުމާއި އިޖުތިމާއީ ބައިވެރިވުން ފަދަ ކަންކަމުގެ އިތުރުން ބޭސް ފަރުވާ ހިމެނެ އެވެ،" މެޑިކަލް އެސޯސިއޭޝަންގެ ބަޔާނުގައިވެ އެވެ.

އެ އެސޯސިއޭޝަންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި "އެހެނިހެން ބަލިތަކެކޭ އެއްފަދައިން، ޑިޕްރެޝަނުން ސަލާމަތްވުމުގައި ވެސް، ރޫހާނީ ބައި އަދި އަޅުކަން މުހިއްމު ދައުރެއް އަދާކުރެ އެވެ."