Roadha Mihaaru
"ދަރިވަރުން ސިއްހަތަށް ދޭ ސަމާލުކަން އިތުރުވެއްޖެ"

ހެލްތް ސްކްރީނިންގެ ސަބަބުން ދަރިވަރުން ސިއްހަތަށް ދޭ ސަމާލުކަން އިތުރުވެއްޖެ: މިނިސްޓަރު

13 ނޮވެމްބަރ 2016

ދަރިވަރުންގެ ސިއްހަތު ދެނެގަތުމަށް ހަދާ ހެލްތް ސްކްރީނިން ރިޕޯޓުގެ ސަބަބުން، ސިއްހަތަށް ދަރިވަރުން ދެމުން އަންނަ ސަމާލުކަން އިތުރުވަމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރިވަރުންގެ ސިއްހަތު ދެނެގަތުމަށް ހަދާ ހެލްތް ސްކްރީނިން ރިޕޯޓުގެ ސަބަބުން، ސިއްހަތަށް ދަރިވަރުން ދެމުން އަންނަ ސަމާލުކަން އިތުރުވަމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

ގްރޭޑް އެކެއްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ސިއްހީ ހާލަތު ދެނެގަތުމަށް ހެދި ސާވޭ ރިޕޯޓު ނެރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. އާއިޝަތު ވިދާޅުވީ، ދަރިވަރުންނަށް ސިއްހީ ހެޔޮ ބަދަލުތައް އަންނަމުންދަނީ އެކަމާ މެދު ބެލެނިވެރިން ވެސް މަސައްކަތްތައް ކުރަމުން އަންނާތީ ކަމަށެވެ.

"އެއް ދުވަހުން އަނެއް ދުވަހަށް ދަރިވަރުންގެ ސިއްހީ ކަންކަމަށް ދެވޭ އަހައްމިއްޔަތު އިތުރުވަމުންދާކަން ފާހަގަކުރެވޭ. ދަރިވަރުންނަށް ސިއްހީ ހެޔޮ ބަދަލުތައް އެބަ އާދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މި ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ އެންމެ މުހިއްމު އެއް ވައުދަކީ އެންމެ ކުއްޖެއް ވެސް ބާކީ ނުކުރާނެކަމުގެ ވައުދު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެންމެ ކުއްޖެއް ވެސް ބާކީނުކޮށް ހުނަރުވެރި ޖީލެއް ބިނާކުރަން މަސައްކަތް ކުރާއިރު ކޮންމެ ކުއްޖަކީ ވެސް ހުނަރުވެރި އަދި ސިއްހަތު ރަނގަޅު ދަރިވަރެއްކަން ޔަގީންކުރަންޖެހޭ ކަމަށެވެ.

"އެންމެ ކުއްޖަކު ވެސް ބާކީނުކޮށް ކޮންމެ ކުއްޖަކަށް ވެސް ބޭނުންވާ ތައުލީމާ ތަމްރީނާ ތަރުބިއްޔަތުގެ ފުރުސަތުތައް ސްކޫލުތަކުން އަޅުގަނޑުމެން ފަހިކުރާއިރު އަޅުގަނޑުމެންގެ ވިސްނުން ވެސް މިއަންނަނީ ބަދަލުވަމުން. އެންމެ ކުއްޖަކު ވެސް ބާކީ ނުކުރުމުގެ ވައުދަކީ ހަމައެކަނި އެ ދަރިވަރުގެ ތައުލީމާ ތަމްރީނާ ތަރުބިއްޔަތުގެ މައްޗަށް އެކަނި އޮތްކަމެއް ނޫން. ތައުލީމީ ދާއިރާގެ ކޮންމެ ސިޔާސަތެއް ތަންފީޒުކުރުމުގައި އަދި ކޮންމެ ސިޔާސަތެއް އެކުލަވާލުލުވުމުގައި ވެސް އަޅުގަނޑުމެން އެންމެންގެ ވިސްނުމުގެ ކުރިއަށް ދަރިވަރު އިސްކުރަންޖެހޭ،" ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.

މިއަހަރު ހެދި ހެލްތް ސްކްރީންގެ ރިޕޯޓުން، ދަރިވަރުންގެ ސިއްހީ މިންގަނޑު އެއް އަހަރުން އަނެއް އަހަރަށް ރަނގަޅުވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން ދަރިވަރުންގެ ސިއްހީ މިންގަނޑުން އެންމެ ހެޔޮބަރުދަނުގެ ކުދިންގެ ނިސްބަތް، މިދިޔަ އަހަރަށްވުރެ 10 ޕަސެންޓުގެ އިތުރުވެފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.

މިއަހަރުގެ ކުރީކޮޅު ހެދި ހެލްތް ސްކްރީނުގައި ރާއްޖޭގައި ގްރޭޑް އެކެއްގައ ކިޔަވަމުން އަންނަ ހުރިހާ ދަރިވަރުން ބައިވެރިވި އެވެ. މާލެއިން 2151 ދަރިިވަރުން އަދި ރަށްރަށުގައި ގްރޭޑް އެކެއްގައި ކިޔަވަމުން އަންނަ 4733 ދަރިވަރުން މި ސްކްރީނުގައި ބައިވެރިވި އެވެ.