ރާއްޖޭގައި ކެންސަރު ބަލި ގިނަ ސަބަބު ދެނެގަތުމަށް ދިރާސާ ކުރަން ފަށައިފި އެވެ.
08 އެޕްރީލް 2022
ރާއްޖޭގައި ކެންސަރު ބަލި ގިނަ ސަބަބު ދެނެގަތުމަށް ދިރާސާ ކުރަން ފަށައިފި އެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ކެއުންބުއިމާއި ދިރިއުޅޭ މާހައުލުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތައް ދެނެގަތުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
ހާއްސަކޮށް، ރާއްޖޭގައި ކެންސަރު ބައްޔަށް ހުށަހެޅޭ ސަބަބުތައް ބެލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން ދިރާސާކުރަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މަސައްކަތްތަކުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމާއެކު ރައްޔިތުންނަކީ ސިއްހީ ކަންކަމަށް ހޭލުންތެރިވެ އެ ކަންކަމަށް ފަރުވާ ބަހައްޓާ އަދި ޕެންޑެމިކްތަކާއި ގުދުރަތީ އެކިއެކި ކާރިސާތަކުގައި ވެސް ތިމާވެށި ހިމާޔަތްކުރުމުގައި ވެސް 'ރެޒީލިއަންޓް' ބަޔަކަށް ހެދުން،" ޣިޔާސުއްދީން ސްކޫލްގައި ބޭއްވިި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.
އެކަންކަމުގެ އިތުރުން، މަސްތުވާތަކެތި ކޮންޓްރޯލް ކުރުމާ ގައުމީ ސްޓްރެޓެޖިކް ޕްލޭން އަންނަ ޖޫން މަހުގެ ތެރޭގައި ލޯންޗުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ޑްރަގާ ގުޅޭ ދިރާސާ ވެސް ހަދާފައިވަނީ ޑަބްލިއުއެޗްއޯގެ އެހީގަ އެވެ.
ކެންސަރު ބައްޔާ ގުޅޭ ދިރާސާ ކުރަން ފެށިއިރު، ރާއްޖޭގައި އެ ބަލީގައި މަރުވާ މީހުންގެ އަދަދު ދަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންނެވެ. ކެންސަރުގެ އެކި ބަލިތަކުގައި 2020 ވަނަ އަހަރު އެކަނި ވެސް 100 އަށްވުރެ ގިނަ މީހުން މަރުވި އެވެ.
ކެންސަރަށް ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާތީ، ސަރުކާރުން ވަނީ އެ ބައްޔަށް ހާއްސަ ހޮސްޕިޓަލެއް އަޅަން ނިންމައިފަ އެވެ. ލ. ގަމުގައި އަޅާ ހޮސްޕިޓަލް ބޭނުންކުރަން ފެށުމުން، ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާން ނުޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
އެ ބައްޔަށް ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ވެސް އެބަހުއްޓެވެ. އެކަމަކު، ރޭޑިއޭޝަން ފަރުވާ ނުލިބޭތީ ކެންސަރު ފަރުވާގެ ވަކި ހިސާބުން ޖެހެނީ ރާއްޖެއިން ބޭރަށް ދާށެވެ.
ދިވެހިންގެ އެވްރެޖް އުމުރު 80 އަށް މަތިކުރެވިއްޖެ
ކެންސަރު ކޮންޓްރޯލް ކުރުމަށް ފަސް އަހަރުގެ ޕްލޭނެއް
ކެންސަރު ގިނަ ސަބަބު ބަލަން ޑަބްލިޔުއެޗްއޯގެ ޓީމެއް
ކޮންމެ ދިވެއްސެއްގެ ސިއްހީ މައުލޫމާތު ހިމެނޭ ރެކޯޑެއް
ކެންސަރު ދަފްތަރުގައި 1،400 އަށް ވުރެ ގިނަ މީހުން
އާފިޔާ ކިޔައިދިނީ ކެންސަރު ހޮސްޕިޓަލެއްގެ މުހިއްމުކަން
ދުޅަހެޔޮކޮށް ހުރުމަށް ފަރުދީ ޒިންމާއަދާކުރޭ: މިނިސްޓަރު
ކެންސަރު ހޮސްޕިޓަލް އަޅަނީ ދިރާގު އޮފީސް ކައިރީގައި
ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކުރަނީ
ލެޕްރަސީ ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ