Roadha Mihaaru
މަރުވެފައިވާ މީހުންނާއެކު ދިރިއުޅޭ ބައެއް

މަރުވެފައިވާ މީހުންނާއެކު ދިރިއުޅޭ ބައެއް

20 އެޕްރީލް 2017

އިންޑޮނީޝިއާގެ ސުލަވޭސީގެ ޓޮރޯޖާންގައި ދިރިއުޅޭ މީހުން ކޮންމެ ދުވަހެއް ވެސް ހޭދަކުރަނީ މަރުވެފައިވާ މީހުންނާ އެކުގަ އެވެ. މިއީ މިކަމާ ބެހޭ ގޮތުން ބީބީސީގެ ސަހަރް ޒޭންޑް ލިޔެފައިވާ އާޓިކަލެއްގެ ތަރުޖަމާ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިންޑޮނީޝިއާގެ ސުލަވޭސީގެ ޓޮރޯޖާންގައި ދިރިއުޅޭ މީހުން ކޮންމެ ދުވަހެއް ވެސް ހޭދަކުރަނީ މަރުވެފައިވާ މީހުންނާ އެކުގަ އެވެ. މިއީ މިކަމާ ބެހޭ ގޮތުން ބީބީސީގެ ސަހަރް ޒޭންޑް ލިޔެފައިވާ އާޓިކަލެއްގެ ތަރުޖަމާ އެވެ.

ފިލައިން ހަދާފައިވާ މި ކޮޓަރިއަކީ އެ ގޭ މީހުން ސިޓިންރޫމެއްގެ ގޮތުގައި ބޭނުންކުރާ ތަނެކެވެ. މި ތަނުގައި އެއްވެސް ފަރުނީޗަރެއް ނެތެވެ. ފާރުގައި ބައެއް ފޮޓޯތައް ހަރުކޮށްފައި ހުއްޓެވެ މި ކޮޓަރީގެ ތެރެއިން އިވެނީ މީހުން ވާހަކަ ދައްކާ އަޑެވެ. ދެން ކޮފީގެ ހިތްގައިމު ވަހެވެ. މިތަނުގައި މިއަދު ކުރިއަށް މިދަނީ އާއިލާގެ މީހުން ބައިވެރިވާ މުނާސަބަތެކެވެ.

"ބައްޕަ ކިހިނެއްތަ؟" މި އެއްވުން އިންތިޒާމްކުރުމުގައި އިސްކޮށް ހުރި މީހާ ގާތު، އެއްވުމަށް ގޮސް ހުރު މީހަކު ސުވާލުކުރި އެވެ.

އެ ސުވާލާ އެކު ކުއްލިއަކަށް މޫޑު ބަދަލުވި އެވެ. އެންމެންގެ ސަމާލުކަން، ކަނުގައި ހުރި ކުޑަ ކޮޓަރިއަކާ ދިމާލަށް ހުއްޓުނެވެ. އެ ކުޑަ ކޮޓަރީގައި ހުރި، ކުލަކުލައިގެ ފޮތިން ޒީނަތްތެރިކޮށްފައިވާ އެނދެއްގައި މުސްކުޅި ފިރިހެނަކު އޮތެވެ.

"އޭނަ އަދިވެސް ވަރަށް ބަލި،" އެނދުގައި އޮތް މީހާގެ އަންހެން ދަރިފުޅު މަމަކް ލީކާ ވަރަށް މަޑުމަޑުން ބުންޏެވެ.

މަމަކް ލީސާ ހިނިތުންވަމުން ތެދުވެގެން ގޮސް އެ މުސްކުޅި މީހާ އޮތް އެނދުގެ ކައިރިއަށް ހުއްޓެވެ. އަދި އޭނާގެ އަތުގައި ހިފާ ތަޅުވާލަމުން، ބައްޕަ ހޯދަން ބަޔަކު އައިސް ތިބި ކަމަށާއި ބައްޕައަށް އުނދަގޫ ނުވާނެކަމަށް އަދި ރުޅި ނާންނާނެ ކަމަށް އުންމީދުކުރާ ކަމަށް ބުންޏެވެ. މިހެން ބުންޏެވެ. ޕައުލޯ ސިރިންޑާ ކިޔާ އެ މީހާއާ ބައްދަލުކޮށްލަން ވަނުމުގެ ފުރުސަތު ދިނެވެ.

އަހަރެންގެ ދެ ލޯ ހުރީ އެނދުގައި އޮތް މީހާއާ ދިމާލަށް ހުއްޓިފަ އެވެ. ޕައުލޯ ސިރިންޑާގެ ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތެވެ. އެންމެ ކުޑަމިނުން އެސްފިޔަ ވެސް ޖަހާ ނުލަ އެވެ. އޭނާގެ ލޮލުގައި އަޅާފައިވާ އައިނުގައި ހިރަފުސް ހުރުމުގެ ސަބަބުން ދެލޮލެއް ނުފެނެ އެވެ. އޭނާގެ ހަންގަނޑުވަނީ ހަރުވެ އަޅިކުލަޔަށް ވެފަ އެވެ. ހަންގަނޑުގައި ކުދި ލޯވަޅުތައް ހުރުމުގެ ސަބަބުން ތިކިތަކެއް ޖަހާފައި ހުއްޓެވެ. ހީވަނީ ފަނިފަކުސާތައް ކައިފައި ހުރީ ހެންނެވެ. އޭނާގެ ހަށިގަނޑުގެ ބާކީ ހުރި ބައިތަކުގައި އެތައް ފަށަލައަކަށް ފޮތި އޮޅާފައިވެ އެވެ.

އަހަންނަށް އެ ދިމާލަށް ބަލަހައްޓައިގެން ވަރަށް ގިނައިރު ވަންދެން ހުރެވުނު ފަހުން ހޭވެރިކަން ވާގޮތްވީ އޭނާގެ ކާފަ ދަރިންތަކެއް ކުޅެމުން ދުވަމުން ގޮސް އެ ކޮޓަރިއަށް ވަނީމަ އެވެ.

މަމަކް ލީސާ

މަމަކް ލީސާ

"ކާފަ ކީއްވެ އަބަދު ނިދާފަ އޮންނަނީ؟" އެތަނުން އެއް ކުއްޖަކު ވަރަށް މަޖާކޮށް ހީނލާފައި ސުވާލުކުރި އެވެ.

"ކާފާ، ހޭލަބަލަ. ހިނގާބަލަ ކާން ދާން،" ދެން ހުރި ކުއްޖާ ވަރަށް ބާރަށް ބުންޏެވެ.

"ޝުޝްޝް... ކާފަ އެއޮތީ ނިދާފަ. ކާފަޔަށް އުނދަގޫ ނުކުރޭ. ކާފަ ރުޅި އަތުވެދާނެ،" އެ ކުދިންނާ ދިމާލަށް މަމަކް ލީކާ ބުންޏެވެ.

ދެން އެންމެ ހައިރާން ކުރުވަނިވި ކަންތަކެވެ. މި ފިރިހެން މީހާ މަރުވިތާ މިހާރު 12 ވަރަކަށް އަހަރު ވެއްޖެ އެވެ. ނަމަވެސް އޭނާގެ އާއިލާގެ މީހުން އަދިވެސް ހީކުރަނީ އޭނާ އަދިވެސް ދިރިހުރި ކަމަށެވެ.

މި މުޖުތަމައުން ބޭރުގެ މީހަކަށް މިގޮތަށް ގެއެއްގެ ތެރޭގައި މަރުވެފައިވާ މީހަކު ބާއްވައިގެން އުޅުމަކީ ތަންކޮޅެއް ބިރުވެރި ކަމަކަށް ވިޔަސް އެތައް މިލިއަން ބަޔަކު އުޅޭ މި މުޖުތަމައުގައި މިކަން ނުކުރާ ދުވަސްވަރެއް ހަނދާން ހުރި މީހަކު ވެސް ނެތެވެ. މި މީޙުން ގަބޫލުކުރާ ގޮތުގައި މަރުވާ މީހުންނަކީ ވެސް ދިރިތިބި މީހުންނެކޭ އެއްގޮތަށް މި ދުނިޔޭގައި އުޅޭ ބައެކެވެ.

މީހަކު މަރުވުމުން އެމީހަކު ވަޅުލުމަށް އެތައް މަހެއް ނުވަތަ އެތައް އަހަރެއް ވެސް ނަގާފާނެ އެވެ. ޖަނާޒާ ބާއްވަންދެން އެ މީހެއްގެ އާއިލާގެ މީހުން ބަލި މީހަކު ބަލާ ގޮތަށް އެމީހާ ބަލަހައްޓާނެ އެވެ. އެ މީހާއަށް ދުވާލަކު ދެ އިރު ކާއެއްޗިއްސާއި ބޯ އެއްޗެހި އަދި ސިނގިރޭޓް ވެސް ދޭނެ އެވެ. އަދި ފެންވަރުވާ ހެދުން ވެސް ބަދަލު ކުރުވާނެ އެވެ. އެމީހުން ފާޚާނާ ކުރަން ކޮޓަރީގެ އެއް ކަނެއްގައި ފާޚާނާ ތައްޓެއް ވެސް ބަހައްޓާފައި ހުރެ އެވެ. އަދި މަރުވެފައިވާ މީހަކު އެންމެ ވަގުތުކޮޅަކަށް ވެސް އެކަންޏަކު ނުބާއްވާނެ އެވެ. އަދި އަނދިރިވީމަ ބޮކި ދިއްލައި އޭނާ އޮންނަ ތަން އަލިކުރާނެ އެވެ. މަރުވެފައިވާ މީހާއަށް ރަނގަޅަށް އަޅާ ނުލެވިއްޖެ ނަމަ އެމީހާގެ ރޫހު މީހުންނަށް އުނދަގޫކުރާނެ ކަމަކަށް ގަބޫލުކޮށް މި މީހުން ވަރަށް ކަންބޮޑުވެގެން އުޅެ އެވެ.

ހަށިގަނޑު ކުނިވިޔަ ނުދީ ބޭއްވުމަށްޓަކައި ފަތްޕިލާވެލީގެ ބާވަތްތަކެއް، މަރުވެފައިވާ މީހާގެ ހަށިގަނޑުގައި އުނގުޅަ އެވެ. ނަމަވެސް މިހާރަކަށް އައިސް، ފޯމަލިން ކިޔާ ޕްރިޒާވިން ކެމިކަލެއް އިންޖެކްޝަނަކުން ހަށިގަނޑުގެ ތެރެއަށް ފޮނުވައިގެން ހަށިގަނޑު ކުނިވިޔަ ނުދީ ބާއްވަނީ އެވެ. މީގެ ސަބަބުން، ގަބުރު ބާއްވާފައި އޮންނަ ކޮޓަރީގެ ތެރޭގައި ނޭފަތަށާއި ލޮލަށް އުނދަގޫވާ ޒާތުގެ ދިލަ ނަގައި ކެމިކަލެއްގެ ވަސް ހިފާފައި ހުރެ އެވެ.

ގިނަ މީހުން ގަބޫލުކުރާ ގޮތާ ޚިލާފަށް މިތަނުގައި ތިބި އެއްވެސް މީހަކު މަރުވެފައި އޮތް މީހާ ދެކެ ބިރަކުން ނޫޅެ އެވެ.

ލީސާ ބުނި ގޮތުގައި ބައްޕަ ގޭގައި އޮތުމުން ބައްޕަ މަރުވުމުގެ ހިތާމައިން މަޑުމަޑުން ސަލާމަތްވާން އޭނާއަށް އެހީއަކަށްވެ އެވެ. އަދި ބައްޕައަށް މަރުވެފައިވާ މީހެއްގެ ދަރަޖަ ދިނުމަށް މަޑުމަޑުން އެމީހުންނަށް ހޭނޭނެ ފުރުސަތު ލިބެ އެވެ.