Roadha Mihaaru
ފަރުވާ: ދުނިޔެ ރަންވުމުގެ ކުރިން ހައްގު ހޯދާށެވެ!

ފަރުވާ: ދުނިޔެ ރަންވުމުގެ ކުރިން ހައްގު ހޯދާށެވެ!

05 މާޗް 2017

"...ދެން ފަހެ މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި މައްސަލަ ބެލި މަޖިލީހުގައި ދެއްކި ވާހަކަތަކުގެ މައްޗަށް ރިޔާއަތްކޮށް ބެލިއިރު، މައްސަލަ ހުށަހެޅި އައިމިނަތު ފަރީދާ (އަސްލު ނަމެއް ނޫން) ވަޒީފާ އިން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފަށް ކަމަށް މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާގުން ކަނޑައަޅައި، އޭނާ އަދާކުރަމުން ދިޔަ ވަޒީފާ އަލުން އަނބުރާ ރުޖޫއު ކުރުމަށް އަމުރުކޮށް އަދި ލިބުނު ގެއްލުމުގެ ބަދަލުގައި އެއްލައްކަ ނަވާރަހާސް ރުފިޔާ އެކީ އެއްފަހަރާ ފަނަރަ ދުވަހުގެ ތެރޭގައި ދިނުމަށް އަމުރުކޮށް މި މައްސަލަ ނިންމައިފީމެވެ."

"...ދެން ފަހެ މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި މައްސަލަ ބެލި މަޖިލީހުގައި ދެއްކި ވާހަކަތަކުގެ މައްޗަށް ރިޔާއަތްކޮށް ބެލިއިރު، މައްސަލަ ހުށަހެޅި އައިމިނަތު ފަރީދާ (އަސްލު ނަމެއް ނޫން) ވަޒީފާ އިން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފަށް ކަމަށް މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާގުން ކަނޑައަޅައި، އޭނާ އަދާކުރަމުން ދިޔަ ވަޒީފާ އަލުން އަނބުރާ ރުޖޫއު ކުރުމަށް އަމުރުކޮށް އަދި ލިބުނު ގެއްލުމުގެ ބަދަލުގައި އެއްލައްކަ ނަވާރަހާސް ރުފިޔާ އެކީ އެއްފަހަރާ ފަނަރަ ދުވަހުގެ ތެރޭގައި ދިނުމަށް އަމުރުކޮށް މި މައްސަލަ ނިންމައިފީމެވެ."

ކޮން ފަދަ އުފާވެރި ޚަބަރެއްތޯ އެވެ. އިންސާފު ލިބުނީ އެވެ. ފަރީދާ މޮޅުވީ އެވެ. އުފާ ފާޅުކުރުން އޮތީ ޚާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުގަ އެވެ. ފުރޮޅުލީ ގޮނޑިއެއްގައި އެހެރަ އަންނަނީ އަލްއުސްތާޒާ އައިމިނަތު ފަރީދާ އެވެ. ދެ ކޯ ވަޅު ވަދެ، ގައިން ފެންދެމި، ހިކިވެ އަނަރޫފަ ވިޔަސް މިއަދު އޭނާ ހާސިލް އެކުރީ އޭނާގެ ހަޔާތުގެ އެންމެ މުހިއްމު އެއް ހައްގެވެ. އެންމެ މުހިއްމު އެވޯޑެވެ. ނަމަވެސް މިއަދު އެ އެވޯޑް އުފުލާނެހާ ބާރެއް އޭނާގެ ކިބަޔަކު ނެތެވެ. އަތެއް ފައެއް ހަލުވާލުމަކީ ފަރުބަދައެއް އުފުލުންހާ ބުރަ ކަމެކެވެ. ބަހެއް ބުނެލާނެހާ ހިތްވަރެއް އަދި ފަންވަރެއް ވެސް ނެތެވެ. ކިތަންމެ ވަރަކަށް ވާހަކަ ދެއްކިޔަސް އެއްވެސް ސަމާލުކަމެއް ނުދެއެވެ. އޭނާ ދުނިޔެމަތިން ފޫހިވީ އެވެ.

އެހެންޏާ ފަހެ، އޭނާގެ ކުށަކީ އޮފީސް ކުދިންނާއެކު ދަތުރު ނުދިޔުމެވެ. ސަކަރާތްޖަހައި މަޖާ ނުކުރުމެވެ. ބޮސްއާ އެކީގައި ކޮފީތަކަށް ނޭރުމެވެ. އޭނާގެ ހިތް ގަނެވޭ ވަރަށް ވުރެ މާ އަގުބޮޑީ އެވެ. "އާރުޓީ ކަން ވެސް" މާ ގަދައީ އެވެ. އެހެންކަމުން ލިޔާށެވެ. އަދި ފަރީދާ އަށް އަންގާށެވެ.

" .....މި އޮފީހުގައި މަސައްކަތް ކުރެވޭ ވަރަށް ވުރެ ފަރީދާގެ ލަޔާގަތާއި ގާބިލުކަން މާ ދަށެވެ. އެކުގައި އުޅޭ މުވައްޒަފުންނާ އެކު މަސައްކަތް ކުރުމުގެ ހުނަރު ފަރީދާގެ ކިބަޔަކު ނެތެވެ. ވެރިން ދެއްވާ ނަޞޭހަތާއި އިރުޝާދު ފަރީދާ ގަބޫލް ނުކުރާތީވެ އިސްލާހީ ފިޔަވަޅެއްގެ ގޮތުން ފަރީދާ މި އޮފީހުން މިއަދު ފެށިގެން ވަކިކޮށްފީމެވެ."

ފަރީދާ ޑިގްރީ ހާސިލް ކުރެއްވީ މެލޭޝިޔާގެ މަޝްހޫރު ޔުނިވާސިޓީއަކުންނެވެ. އޭނާ އަކީ އެ ބެޗްގެ ވެސް އެއްވަނަ އެވެ. ބަޔަކު ޒާތީ ތައައްސުބުން ފުރިގެން ކޮންމެ ގޮތަކަށް ލިޔުނަސް ހަގީގަތް އެނގޭ މީހުން ބައިވަރެވެ. ހަސަދައިގެ އަލިފާނުގައި ފަރީދާ ރޯވެ އަދަމުންދިޔައިރު އެހީއަށާއި މަދަދަށް ވެސް ގޮވި އެވެ. ނަމަވެސް ދުނިޔޭގެ ޖާހަތަށްޓަކައި އެކުވެރި ރައްޓެހިން ވެސް ދިނީ ބީރު ކަންފަތެކެވެ.

ލިބުނު ފުންހިތާމާގައި ފަރީދާ އަޑުން އަޑުނަގައި ރުޔެވެ. އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށާއި އެކިއެކި މުއައްސަސާތަކަށް އެތައް ސިޓީއެއް ލިޔުނެވެ. ނަމަވެސް އެކަންވީ ކަނޑުގައި އަޅާލި ރޮނގެއް ފަދައިންނެވެ.

ރެހި އުކަންޖެހޭ މަސްއައިނަކަށް މުގުރާން އުކުމުން ދޯނި މަހާ ނުވާ ފަދައިން ފަރީދާ އެނބުރި ގެއަށް ދިޔައީ ހުސްއަތާ އެވެ. އެ ހިސާބުން ކަޅުވެން ބޮޑުމަސް ތިލަވެ ފަރީދާ ވަށައިލީ އެވެ.

"....އިއްޒަތްތެރި ފަނޑިޔާރު! ވަޒީފާ އަށް އަޅުގަނޑު ކުފޫހަމަނުވާ ކަމަށް އެ ބޭފުޅުންނަށް ވިސްނުނީ ވަޒީފާ އަދާކުރާތާ ފަސް އަހަރު ފަހުންތޯ އެވެ؟ އަޅުގަނޑުގެ ސިވިލް ސާވިސް އެޕްރައިސަލް ފޯމަށް 96 ޕަސެންޓް ދީފައި ވަނީ ނިދާފައި ތިބެތޯ އެވެ؟ މި ތިއްބެވި ބޭފުޅުންގެ މުނިފޫހިފިލުވައިދޭނެ ނީލަން މުދަލަކަށް އަޅުގަނޑު ނުވުމުން ވަޒީފާ އިން ކަނޑާލަން ޖެހޭނެ ކަމަކަށް އަޅުގަނޑު ނުދެކެން. މިއޮތީ އަޅުގަނޑަށް މި ތިއްބެވި ބޭފުޅުން ކޮށްފައިވާ މެސެޖްތައް. ދައްކާފައިވާ ހަޑިހުތުރު ވާހަކަތައް. އަންހެނެއްގެ އިއްޒަތާއި އަބުރާ ކަރާމާތަށް މި ތިއްބެވި ބޭފުޅުން އަރާފައިވާތީވެ ފިޔަވަޅު އަޅައިދިނުމަށް އަޅުގަނޑު އެދި ގޮވާލަން..." ޝަރީއަތުގެ މަޖިލީހުގައި ފަރީދާ ހަގީގަތް ހާމަކުރި އެވެ.

އެބޭފުޅުން ދިފާއުގައި ދައްކާނެ ވާހަކައެއް ނެތުމުން ޖަވާބުދާރީ ވުމަށް ނަގަމުން ދިޔަ މުއްދަތުތައް ހަފްތާއިން މަސްތަކަކަށް ބަދަލުވަމުން ދިޔަ އެވެ. އެންމެ ފަހުން ޝަރީއަތް އަހަރަކަށް ވުރެ ގިނަ ދުވަހަށް ދިގުލައިގެން ދިޔައީ އެވެ. ފަރީދާގެ މާޔޫސްކަން އިތުރުވެ ހަތަރު އުދަރެސް ފެނުޖެހުނީ އެވެ. ކުއްޔަށް އުޅެމުންދިޔަ ގެއިން ނިކުންނަން ޖެހުނީ އެވެ. ދަރަންޏަށް ފައިސާ ނަގަމުން ގޮސް ދަރާ ވިކުނީ އެވެ. މީހުންގެ މަލާމާތް ރައްދުވާ ވަރުން ލަދުން ބޯދިއްކޮށްލަން ވެސް ނުކެރެ އެވެ. ބޮޑެތި އިލްޒާމުތަކުން ފަރީދާގެ ފަސްބައި ކިލަނބުކޮށްލައިފައި ވަނީ ތިޔަހެނެއް ނޫނެވެ.

ކާހިތެއް ނުވެ އެވެ. ނިދެނީކީއެއް ނޫނެވެ. ކަމެއް ކުރާހިތް އެއްގޮތަކަށް ވެސް ނުވަނީ އެވެ. ލިބިފައިވާ ޓްރޮފީތަކަށް ބަލަހައްޓައިގެން އޮވެ އެކަނި ހުރެ ވާހަކަ ދައްކަން ވެސް ފަށައިފި އެވެ. ކިޔެވީ ކީއްކުރަންހޭ ބުނެ އަމިއްލަ ނަފްސު ކުށްވެރި ކުރަން ފަށައިފި އެވެ. އިރުކޮޅަކުން ހީގަނެފާނެ އެވެ. ދެން ކުއްލިއަކަށް ހަޅޭލަވައިގެނެ ޓްރޮފީ ނަގައި ބިންމަތީގައި ޖަހައިފާނެ އެވެ. އަދި މަރުވަނީއޭ ކިޔައި ރޯން ވެސް ފަށައިފާނެ އެވެ. ފަރީދާގެ އާއިލާގެ މީހުންނަށް އޭނާ ބެލެހެއްޓުމަކީ ފަސޭހަ ކަމަކަށް ނުވުމުން އެންމެ ފަހުން ޚާއްޞަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބަދަލުކުރީ އެވެ.

ތިޔަ ވިދާޅުވެލެއްވީ ފަރީދާގެ ހަޔާތުން ކުޑަމިންވަރެކެވެ. އެއީ ޑިޕްރެޝަންގެ ޝިކާރައަކަށް އެ ފަކީރު ވެގެން ދިޔަ ގޮތުގެ ވާހަކަ އެވެ. އޮފީސް މާހައުލުގައި ދިމާވި ހަނގާކުރުމާއި ނަސްލީ ތަފާތުކުރުމާއި ޖިންސީ ފުރައްސާރަކުރުމުގެ ނަތީޖާ އެވެ. އަޅުގަނޑުމެންގެ މި މުޖުތަމައުގައި ފަރީދާ ފަދަ އެތައް ބަޔަކު އެބަތިއްބެވެ. ހަގީގަތުގައި މިފަދަ މީހުންނަށް، އެހެން މީހުންގެ އަޅައިލުމާއި އޯގާތެރިކަން އެންމެ ބޭނުންވާ ދުވަހު، މުޖުތަމައު އިން އެކަހެރިކޮށް ބާކީ ކޮށްލުމަކީ ވަރަށް ވެސް ހިތާމަ ހުރި ކަމެކެވެ.

މިފަދަ ދިމާވާ ބޮޑެތި ހިތާމަތަކުން އަރައިގަތުމަށް އެތައް ބަޔެއްގެ އެހީއާއި މަދަދު ބޭނުންވެ އެވެ. އިތުބާރު ކުރެވޭ މީހެއްގެ ގާތުގައި ދިމާވެގެން އުޅޭ ވާހަކަ ކިޔައިދޭށެވެ. އަޑުއަހާ މީހާ ކަނުލައި އަޑުއަހައި ރަނގަޅު ގޮތް ބުނެދޭށެވެ. ނަފްސާނީ ޑޮކްޓަރެއްގެ ނުވަތަ އެހީތެރިއެއްގެ ބޭނުން ހިފާށެވެ. ކެތްތެރިކަމާއެކު މާތް ﷲ ގެ ހަޟުރަތުގައި ދުއާ ދަންނަވައި އެހީއާއި މަދަދަށް އެދޭށެވެ. އަނިޔާ ލިބޭމީހާގެ ދުއާ އާއި އެކަލާނގެ އާއި ދެމެދު އެއްވެސް ހުރަހެއް ނުވެ އެވެ. ދުނިޔެ ރަންވުމުގެ ކުރިން އަސްބާބުގައި ހިފައި ހައްގަށް މަސައްކަތް ކުރާށެވެ.