Roadha Mihaaru
ޔާމީންގެ މަރުގެ ތަހުގީގު މިނިވަންވާން ޖެހޭ: އެމްޑީޕީ

ޔާމީންގެ މަރުގެ ތަހުގީގުގައި ބޭރުގެ ފަރާތްތައް ވެސް ބައިވެރިކުރަން އެމްޑީޕީން ގޮވާލައިފި

23 އެޕްރީލް 2017

މަރުގެ ބޮޑެތި މައްސަލަތައް މިނިވަންކަމާ އެކު ބެލުމުގައި ދިވެހި ފުލުހުން ގާބިލް ނޫން ކަމަށާއި، އެހެންވެ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގުގައި ބޭރުގެ ފަރާތްތައް ވެސް ބައިވެރިކުރަން އެމްޑީޕީން މިއަދު ގޮވާލައިފި އެވެ. އަދި އެ ތަހުގީގު ދެ ފުށް ފެންނަ ގޮތަކަށް މިނިވަންކަމާ އެކު ވީހާ ވެސް އަވަހަކަށް ތަހުގީގުކޮށްދޭން ވެސް އެ ޕާޓީން ވަނީ އެދިފަ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަޝްހޫރު ބްލޮގަރު ސ. ފޭދޫ ޗަނބޭލީގޭ ޔާމީން، 29، މަރާލާފައި އޮއްވައި ފެނުނީ މާފަންނު ބިސްބުރު ކައިރީގައި ހުންނަ އޭނާ ދިރިއުޅޭ ގޭގެ ސިޑިގޮޅި ތެރެއިން ރޭ ދަންވަރު އެވެ. އޭނާގެ ހަށިގަނޑުގެ 14 ތަނަކަށް ވަނީ ވަޅި ހަރައިފަ އެވެ.

ޔާމީން މަރާލުމުން އެކަން ކުށްވެރިކޮށް ނެރުނު ބަޔާނުގައި އެމްޑީޕީން ބުނީ އެފަދަ ބޮޑެތި މައްސަލަތައް މިނިވަންކަމާ އެކު ތަހުގީގުކުރުމުގެ ގާބިލްކަމެއް ފުލުހުންގެ ކިބައިގައި ނެތް ކަމަށާއި އެހެންކަމުން އެ މައްސަލަ، ބޭރުގެ ފަރާތްތައް ވެސް ބައިވެރިކޮށްގެން ތަހުގީގުކުރަން ޖެހޭ ކަމަށެވެ.

ޔާމީނަށް ދިން ހަމަލާ، ސިޔާސީ ބޭފުޅުންނަށް މީގެ ކުރިން ދިން ހަމަލާތަކާ އެއްގޮތްތަކެއް ހުރިކަން ވެސް ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ. ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަފްރާޝިމް އަލީ ވެސް އަވަހާރަކޮށްލާފައި ވަނީ ގޭގެ ސިޑިގޮޅި ތެރޭގައި ކަމަށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައި ވެ އެވެ.

މީގެ ދެ އަހަރު ކުރިން ވަގަށް ނަގާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން އަހުމަދުގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ޔާމީން މަރާލީ އެތައް އިންޒާރެއް ދިނުމަށްފަހުގަ އެވެ.

ވަރަށް ގިނަ ދުވަހު އިންޑިއާގައި ދިރިއުޅެ، މަތީ ތައުލީމް ހާސިލްކޮށްފައިވާ ޔާމީން އަންނަނީ "ދަ ޑެއިލީ ޕެނިކް"ގެ ނަމުގައި ބްލޮގެއް، އިނގިރޭސި ބަހުން ލިޔަމުންނެވެ. ރާއްޖޭގެ ސިޔާސީ އަދި ދީނީ ހަރުކަށި ކަމާ ބެހޭ ގޮތުން ވެސް އޭނާ ފާޑު ކިޔަ އެވެ.