Roadha Mihaaru
ޔާމީންގެ އުފަންދުވަސް؛ ހިމޭން ކަމާއި މާޔޫސް ކަމުގައި!

ޔާމީންގެ އުފަންދުވަސް؛ ހިމޭން ކަމާއި މާޔޫސް ކަމުގައި!

10 އެޕްރީލް 2018

ގައިގެ އެކި ތަންތަނަށް ވަޅިހަރައި ކިތަންމެ އަނިޔާވެރިކޮށް، ޔާމީން ރަޝީދު މަރާލި ނަމަވެސް އޭނާގެ ހަނދާންތައް ފަނޑުވިޔަކަ ނުދެ އެވެ. އެކަމަކު މިއަދަކީ ޔާމީންގެ ހަނދާންތަކުން އެކުވެރިން "ރޮއްވާލި" ދުވަހެކެވެ. ޔާމީންގެ 30 ވަނަ އުފަންދުވަސް އެކުވެރިންނާއި ހެޔޮއެދޭ މީހުން މިއަދު، ފާހަގަކުރަމުން ދަނީ ހިތްދަތިކަމާ އެކުގަ އެވެ. ހިތާމައިގެ މެސެޖްތަކުން ސޯޝަލްމީޑިއާ ވަނީ ހަމަހިމޭންކޮށްލައިފަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޔާމީން، މަރާލާފައި އޮއްވާ ފެނުނީ އެޕްރީލް، 23، 2017 ގައި، އޭނާ ދިރިއުޅޭ މ. ސްޕެކްޓިއުލާ، ސިޑި ކައިރީގަ އެވެ. އެކިފަހަރު މަތިން އިންޒާރު ދިނުމަށް ފަހު އޭނާ މަރާލީ، އެކުވެރިންނާ އެކު 29 ވަނަ އުފަންދުވަސް ފާހަގަކުރިތާ ހަފުތާއެއްގެ ތެރޭގަ އެވެ.

ދުނިޔޭގައި ނެތަސް ޔާމީން ހަނދާންތައް ދުވަހަކު ވެސް ވަކިވިޔަ ނުދޭނެ ކަމަށް އެކުވެރިން ބުންޏެވެ.

"އެކުގައި ނެތަސް ކޮންމެ އަހަރަކު ވެސް އުފަންދުވަސް ފާހަގަކުރާނަން. [ޔާމީން] ހަނދާން ނައްތައެއް ނުލާނަން،" އުފަންދުވަހުގެ ތަހުނިޔާ ފޮނުވަމުން އެކުވެރިއަކު ލިއެފައިވެ އެވެ.

"އަހަރެމެންނާ ވަކިވެގެން ތި ދިޔައީ މާ އަވަހަށް. ހަނދާންތަކާއި ހެޔޮ ދުއާގައި އަބަދުވެސް ވާނެ."

ޔާމީންގެ އެކުވެރިން މިއަދު ވެސް އެންމެ ބޮޑަށް ފާހަގަކުރަނީ، ގެއްލުވާލި ނޫސްވެރިޔާ އަހްމަދު ރިލްވާނަށް އިންސާފު ހޯދައިދޭން އޭނާ ކުރި މަސައްކަތެވެ. ރިލްވާނަށް އިންސާފު ހޯދަން ގޮވާލައި ހިންގި ހަރަކާތްތަކުގައި އެންމެ ގަދައަށް އަޑުއުފުލި އެކަކީ ޔާމީނެވެ.

"އިންސާފަށް ކުރި މަސައްކަތާއި ހިތްވަރު ހަނދާނެއް ނުނެތޭނެ. ތިއީ، އެންމެންނަށް ނަމޫނާއެއް،" އެކުވެރިއަކު ލިއެފައިވެ އެވެ.

ޔާމީން މަރާލީ، އޭނާ މަސައްކަތް ކުރި އޮފީހުން ގެއަށް ދާން ނުކުތުމުން، މަގުމަތިން ބަޔަކު ފާރަލަމުން ގޮސް، އޭނާ ގެ އަށް ވަން ވަގުތު އެވެ. ޔާމީން މަރައިލި މައްސަލައިގައި ދައުލަތުން ވަނީ ހަތް މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފަ އެވެ. މި މީހުން އޭނާ މަރާލީ "ދީނީ ހިޔާލުތަފާތުވުންތަކާ" ހެދި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.