Roadha Mihaaru
ޔާމީންގެ މަރަކީ މީޑިއާ އަށް ދިން ހަމަލާއެއް: ސަރުކާރު

ޔާމީން މަރާލުމަކީ މީޑިއާ އަށް ދިން ހަމަލާއެއް: ސަރުކާރު

23 އެޕްރީލް 2017

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމީން ރަޝީދަށް ހަމަލާދީ މަރާލުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށާއި މިނިވަން މީޑިއާއަށް ދިން ހަމަލާއެއް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމީން ރަޝީދަށް ހަމަލާދީ މަރާލުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށާއި މިނިވަން މީޑިއާއަށް ދިން ހަމަލާއެއް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ވަގަށް ނަގާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން އަހުމަދުގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ޔާމީން، 29، މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ކައިރިންނެވެ. އޭނާގެ ގައިގެ 14 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވެ އެވެ.

ޔާމީނަށް ދިން ހަމަލާ ކުށްވެރިކޮށް ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނީ ދިވެހި ޒުވާނަކަށް އެފަދަ އަނިޔާވެރިކަމެއް ދިމާވުމުން އިންތިހާއަށް ހިތާމަކުރާ ކަމަށެވެ. އަދި ޔާމީންގެ މަރަކީ ރާއްޖޭގެ ސޯޝަލް މީޑިއާއަށް ލިބުނު އުނިކަމެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކޮށްފަ އެވެ.

"..ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން، މި ފުރުސަތުގައި ވެސް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،" ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.

ސަރުކާރުން ބުނީ ޔާމީނަށް ހަމަލާދިން މީހުން ގާނޫނުގެ ކުރިމައްޗަށް ގެންނަން ސަރުކާރުގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރާނެ ކަމަށެވެ.

އެފަދަ ބޮޑެތި މައްސަލަތަކުގެ ތަހުގީގަށް ބޭނުންވާ ފުލުހުންގެ އޮޕަރޭޓިން ޕްރޮސީޖާ މުތާލިއާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އެއީ، ސަރުކާރުން ބުނި ގޮތުގައި، ނޫސްވެރިންނަށާއި އާއްމުންނަށް ލިބޭ އިންޒާރުތަކަށް އަވަސް ފިޔަވަޅެއް އެޅުމުގެ ގޮތުންނެވެ.

ޔާމީން މަރާލި އިރު އޭނާ އަށް ވަނީ އެތައް އިންޒާރެއް ލިބިފަ އެވެ. އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހެޅި އެވެ. ފުލުހުން ބުނާ ގޮތުގައި ޔާމީނަށް އިންޒާރު ދިން ބަޔަކާ ސުވާލު ވެސް ކުރި އެވެ. އެކަމަކު އެޅީ ކޮން ފިޔަވަޅެއް ކަމެއް ނުބުނެ އެވެ.

ޔާމީނަކީ "ދަ ޑެއިލީ ޕެނިކް"ގެ ނަމުގައި ބްލޮގެއް، އިނގިރޭސި ބަހުން ލިޔަމުން އައި ޒުވާނެކެވެ. ރާއްޖޭގެ ސިޔާސީ އަދި ދީނީ ހަރުކަށި ކަމާ ބެހޭ ގޮތުން ވެސް އޭނާ ފާޑު ކިޔަ އެވެ.