Roadha Mihaaru
"ޔާމީންގެ މައްސަލަ ނުބަލަން ނިންމުމުން ހިތާމަކުރަން"

ޔާމީން ރަޝީދުގެ މައްސަލަ ނުބަލަން ސިވިލް ކޯޓުން ނިންމި ނިންމުމަކީ ލިބުނު ބޮޑު ހިތާމައެއް: އާއިލާ

17 ސެޕްޓެމްބަރ 2017

ބަޔަކު ރާވައިގެން އަނިޔާވެރި ގޮތަކަށް ބްލޮގަރު ޔާމީން ރަޝީދު މަރާލީ ފުލުހުންގެ އިހުމާލު އޮވެގެން ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމަކީ ލިބުނު ބޮޑު ހިތާމައެއް ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ބަޔަކު ރާވައިގެން އަނިޔާވެރި ގޮތަކަށް ބްލޮގަރު ޔާމީން ރަޝީދު މަރާލީ ފުލުހުންގެ އިހުމާލު އޮވެގެން ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމަކީ ލިބުނު ބޮޑު ހިތާމައެއް ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

ޔާމީންގެ އާއިލާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އޭނާއަށް ބަޔަކު ރާވައިގެން އިންޒާރު ދިނުމާ ގުޅިގެން ފުލުހުންނަށް ތަކުރާރުކޮށް އެ މައްސަލަތައް ބަލައިދިނުމަށް އެދުމުން ވެސް އެކަން ތަހުގީގުކޮށް އެކަމާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނެތުމުން ފުލުހުންގެ އިހުމާލު އެކަމުގައި ހިމެނޭ ކަމަށް ގަބޫލުކުރެވިގެން ކަމަށެވެ. އަދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ނުބަލަން މިއަދު ނިންމި ނިންމުމަކީ ލިބުނު ބޮޑު ހިތާމައެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ޔާމީންގެ އާއިލާއިން ބުނި ގޮތުގައި އޭނާއަށް ތަކުރާރުކޮށް ބަޔަކު އިންޒާރު ދެމުންގޮސް މިދިޔަ އޭޕްރީލް 22 ވަނަ ދުވަހުގެ ރޭ ދަންވަރު ވަރަށް އަނިޔާވެރިގޮތަކަށް މާރަލަން ފުރުސަތު ލިބުނީ، ބަޔަކު ދެމުން ދިޔަ އިންޒާރުތައް 2010 އިން ފެށިގެން ފުލުހުންނަށް ހުށެހެޅުމުން ތަހުގީގުކޮށް ރައްކާތެރިކަން ފޯރުކޮށްނުދިނުމުންނެވެ. އެހެންކަމުން އެކަމުގައި ފުލުހުން އިހުމާލު އޮތް ކަމަށް އާއިލާއަށް ގަބޫލުކުރެވޭ ކަމަށް ބަޔާނުގައިވެ އެވެ.

އެ މައްސަލަ ޔާމީންގެ އާއިލާ އިން ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ މެއި 3 ގަ އެވެ. އެ މައްސަލަ މެއި 23 ގައި ކޯޓުން ބަލަގަނެ ހަތަރު އަޑުއެހުން ބޭއްވުމަށް ފަހު، މިއަދުގެ އަޑުއެހުމުގައި ހުކުމްކުރީ އެ މައްސަލަ އެކޯޓުން ބަލައި ކުރިއަށް ގެންދިއުމުގެ އިހުތިސާސް ނެތް ކަމަށެވެ.

"ސިވިލް ކޯޓަށް ޔާމީންގެ އާއިލާގެ ފަރާތުން ހުށަހެޅި މައްސަލަ އެކޯޓަށް ނުބެލޭނެ ކަމަށް ކަނޑައަޅަމުން މައްސަލަ ބެއްލެވި ގާޒީ ވިދާޅުވެފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ފުލުހުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ޒިންމާ އަދާކުރުމަށް އިހުމާލުވެފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އެކޯޓުން ބަލައިފި ނަމަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނުގެ މަގުސަދު ގެއްލިގެން ދާނެ ކަމަށެވެ. ކޯޓުން މި ނުކުތާގެ މައްޗަށް ބިނާކޮށް މައްސަލަ ނިންމިއިރު، އެ ނުކުތާއަކީ ދައުލަތުގެ ފަރާތުން ޝަރީއަތުގައި ފާހަގަކޮށްފައިވާ ނުކުތާއެއް ނޫނެވެ. އަދި އެ ނުކުތާއަކީ ގާޒީގެ އަމިއްލަ އިސްނެންގެވުމަށް މައްސަލަ ހުށަހެޅި ފަރާތަށް އެކަމާ ގުޅޭ ގޮތުން ބަހެއް ބުނުމުގެ ފުރުސަތު ދިނުމަކާނުލައި ނިންމެވި ނިންމެވުމެއްކަން ފާހަގަކުރަމެވެ،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނުގެ 30 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތުން އެ ކޮމިޝަނަށް ބެލެނީ ވަކި ފުލުހުންގެ މައްސަލަތަކެވެ.

"އެހެންކަމުން، ފުލުހުންގެ އިދާރާގެ ފަރާތުން ހިންގާ ގާނޫނާ ހިލާފު އަމަލުތަކުގެ މައްސަލަތައް ނުވަތަ އެ މުއައްސަސާއިން އިހުމާލުވާ މައްސަލަތަކުގެ ޝަކުވާ ހުށަހަޅަން ޖެހެނީ ވަކިވަކި ފުލުހުންގެ މައްޗައްކަން އެމައްސަލައިގެ ނިންމުމުން އެނގެ އެވެ. ނަމަވެސް އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ވަކިވަކި ފުލުހުން ހިންގާ ގާނޫނާ ހިލާފު އަމަލުތަކުގެ ޒިންމާ އެ ފުލުހުންގެ އިތުރުން މުޅި ފުލުހުންގެ މުއައްސަސާއިން ވެސް ނަގަން ޖެހޭނެ އެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.

ޔާމީންގެ އާއިލާއިން ބުނީ އިންސާފަށް ވާސިލުވުމަށްޓަކައި ގާނޫނު ކުރިމަތީގައި އެ ދެ ފަރާތް ވެސް ޒިންމާދާރުކުރެވެން ޖެހޭނެ ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ އާއިލާގެ ފަރާތުން އިންސާފު ހޯދުމަށް ކުރަމުންދާ މަސައްކަތަކަށް އެޅުނު ހުރަހެއް ކަމުގައިވީ ނަމަވެސް، ޔާމީނަށް އިންސާފު ލިބެންދެން އަޅުގަނޑުމެންގެ މި މަސައްކަތް ހުއްޓާ ނުލާނެ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.