Roadha Mihaaru
އިންޖީނުގެތަކުގައި ސަލާމަތީ ވަސީލަތްތައް ގާއިމުކުރަނީ

ފެނަކައިން އިންޖީނުގެތަކުގައި ސަލާމަތީ ވަސީލަތްތައް ގާއިމުކުރަނީ

23 އެޕްރީލް 2017

ފެނަކަ ކޯޕަރޭޝަނުން ރަށްރަށުގައި ހިންގާ ހުރިހާ އިންޖީނުގެތަކެއްގައި ސަލާމަތީ ގޮތުން ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފުރިހަމަކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފެނަކަ ކޯޕަރޭޝަނުން ރަށްރަށުގައި ހިންގާ ހުރިހާ އިންޖީނުގެތަކެއްގައި ސަލާމަތީ ގޮތުން ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފުރިހަމަކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އެ ކުންފުނީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗެއާމަން އިގުބާލް އާދަމް ވިދާޅުވީ ސަލާމަތީ ގޮތުން ބޭނުންވާ އެންމެ އަސާސީ ސާމާނު ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އިންޖީނުގެތަކަށް ފޮނުވާނެ ކަމަށެވެ.

އިންޖީނުގެތަކުގައި ސަލާމަތީ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ފެނަކައިން ބުނެފައި މި ވަނީ މިދިޔަ ހުކުރު ދުވަހު ގދ. ފިިޔޯރީ އިންޖީނުގޭގައި އަލިފާން ރޯވެ އެތަނުގެ މުވައްޒަފަކު މަރުވެފައި ވަނިކޮށެވެ. އެ ހާދިސާ ފެނަކަ އާއި ފުލުހުން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.

އިގުބާލު ވިދާޅުވީ އިންޖީނުގެތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި އެތަންތަނަށް ދިމާވާ މައްސަލަތަކާއި ގޮންޖެހުންތައް ބެލުމަށް ސާވޭއެއް ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. ފިޔޯރީ އިންޖީނުގޭގައި އަލިފާނުގެ ހާދިސާ ހިނގީ އެ ސާވޭގެ މަސައްކަތް ފަށައިގެން އުޅެނިކޮށް ކަމަށް އިގްބާލް ވިދާޅުވި އެވެ.

"އެކަންތައްތައް ވީހާ ވެސް އަވަހަށް ފަށައި ނިންމުމަށް މިއަދު މި ލަފާ ދިނީ. އިރާދަކުރެއްވިއްޔާ މާދުރު ނޫން މުސްތަގުބަލެއްގައި ފެނަކައިގެ 148 އިންޖީނުގޭގައި ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތައް ވަރަށް އަވަށް އެޅިގެންދާނެ،" އިގުބާލް ވިދާޅުވި އެވެ.

އިގުބާލް ވިދާޅުވީ ތަފާތު އެކި ސަބަބުތަކާ ހެދި 53 އިންޖީނުގެއެއް، މިހާރު ހުރި ސަރަހައްދުން އެހެން ސަރަހައްދަކަށް ބަދަލުކުރަންޖެހޭ ކަމަށެވެ.

"ރައްޔިތުން އިންޖީނުގެ ހަދައިގެން ހިންގި ތަންތަން ވެސް މި 53 އިންޖީނުގޭގެ ތެރޭގައި އެބަ ހިމެނޭ. ބަދަލުކުރަންޖެހޭ ތަފާތު ސަބަބުތައް އެބަހުރި. އަޑުގެ ގޮތުންނާއި ދުމުގެ ގޮތުންނާއި އެނޫން ވެސް ގޮތްގޮތުން ރައްޔިތުންނަށް އުނދަގޫވާ ހާލަތު. އެއީ އިންޖީނުގޭގެ އިންފްރާސްޓްރަކްޗާ ގޯސްވެގެން އެކަންޏެއް ނޫން މި ބަދަލުކުރަން ޖެހެނީ،" އިގުބާލު ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާގެ ސަބަބުން ކަރަންޓު ކެނޑުނު ފިޔޯރީއަށް ރޭ ފަތިހު ވަގުތީ ގޮތުން ކަރަންޓް ދީފަ އެވެ. މިހާރު ބޭނުންކުރަމުން އަންނަ ޖަނަރޭޓަރުތައް އާ ބަޔަށް ބަދަލުކޮށް، ސެޓަޕްހަދައިގެން ކުރިއަށް އޮތް 20 ދުވަހުގެ ތެރޭގައި ދާއިމީ ގޮތެއްގައި ކަރަންޓް ދެވޭނެ ކަމަށް ފެނައިން ބުންޏެވެ.