Roadha Mihaaru
ފެނަކައިގެ އޮފީސްތައް އެއް ނިޒާމަކުން ގުޅާލަނީ

ފެނަކައިގެ އޮފީސްތައް އެއް ނިޒާމަކުން ގުޅާލަނީ

25 ޖެނުއަރީ 2017

ރަށްރަށުގައި ގާއިމްކޮށްފައިވާ ފެނަކަ ކޯޕަރޭޝަންގެ ހުރިހާ ބްރާންޗެއް އެއް ވިއުގައަކުން ގުޅާލުމުގެ މަޝްރޫއު ސްރީ ލަންކާގެ ކުންފުންޏަކާ 2.6 މިލިއަން ރުފިޔާ އަށް މިއަދު ހަވާލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރަށްރަށުގައި ގާއިމްކޮށްފައިވާ ފެނަކަ ކޯޕަރޭޝަންގެ ހުރިހާ ބްރާންޗެއް އެއް ވިއުގައަކުން ގުޅާލުމުގެ މަޝްރޫއު ސްރީ ލަންކާގެ ކުންފުންޏަކާ 2.6 މިލިއަން ރުފިޔާ އަށް މިއަދު ހަވާލުކޮށްފި އެވެ.

ފެނަކައިގެ އެންޓަޕްރައިޒް ރިސޯސް ޕްލޭނިން ސިސްޓަމް (އީއާރުޕީ) ގާއިމްކުރުމުގެ މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އެވެ. ވިއުގަ ގާއިމްކުރުމާ ހަވާލުވި، ލަންކާގެ ޖިނަސެނަ އިންފޮޓެކް ކުންފުނިން ސޮއިކުރެއްވީ މާކެޓިން މެނޭޖަރު ހެމަކަ ވިޖެގުނަސެކަރު އެވެ.

އީއާރުޕީ އަކީ ވިޔަފާރިތަކާ ގުޅޭ މުއާމަލާތްތައް ރައްކާތެރިކަމާ އެކު ބަލަހައްޓައިދޭ ސޮފްޓްވެއާ އެކެވެ. ފެނަކަ އަށް ލިބޭ އާމްދަނީ އާއި ރައްޔިތުންނަށް ހިދުމަތް ދިނުމަށްޓަކައި ހޯދާ ސާމާނާއި އެ ތަނުގެ އިންވެންޓްރީ ބެލެހެއްޓުމާއި ބަޖެޓިން އަދި ބަޖެޓަރީ ކޮންޓްރޯލްސް އެ ނިޒާމުގެ ތެރެއިން ބެލެހެއްޓޭނެ ކަމަށް ފެނަކައިގެ އެމްޑީ ޝަރީފް ވިދާޅުވި އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ފެނަކަ އަކީ 150 އަށް ވުރެ ގިނަ ރަށަށް ހިދުމަތް ދެމުން އަންނަ ކުންފުންޏަކަށް ވުމުން، ގިނަ މުއާމަލާތްތަކެއް ކުރަންޖެހޭ ކަމަށެވެ. ޒަމާނީ އާ ސޮފްޓްވެއާއެއް ގާއިމްކުރުމުން ކުންފުނީގެ ހުރިހާ މަސައްކަތެއް ވަރަށް ހަލުއިކަމާއެކު ކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ފެނަކައިގެ މާލީ ހިސާބުތައް މިހާރު ބަލަހައްޓަނީ "އެޓްރެކް" އެކައުންޓިން ސޮފްޓްވެއާ އަކުންނެވެ. އެއީ ކުދި ވިޔަފާރިތަކަށް ހާއްސަ ސޮފްޓްވެއާ އަކަށް ވުމުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާ ކަން ޝަރީފް ފާހަގަކުރެއްވި އެވެ.

"ދައުލަތުގެ މުއައްސަސާތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ވެސް ވަރަށް ގިނަ ވަގުތު ހޭދަވެގެން ދޭ. އެހެންވި މި ސިސްޓަމް ގާއިމްކުރުމުން، ލިޔެކިޔުންތައް ރައްކާކުރެވި، ޓްރެކް ކުރުމަށް ފަސޭހަވެގެންދާނެ. އަދި މަޝްރޫއުތަކަށް އެޕްރޫވަލް ހޯދުމާއި އެއް އޮފީހުން އަނެއް އޮފީހަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ޕްރޮސެސް ކުރަން ފަސޭހަވުން ފަދަ ވަރަށް ގިނަ ފައިދާ އެބަ ލިބޭ،" އޭނާ ވިދާޅުވި އެވެ.

މި މަޝްރޫއު ނިމޭނީ އަންނަ ޖޫން 15 އަށެވެ. މަޝްރޫއު ހަވާލުކުރި ކުންފުނިން ވަނީ މުއްދަތަށް މަސައްކަތް ނިންމާލާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.