Roadha Mihaaru
ޗައިނާގައި ފުޅާވަމުންދާ އިންޓަނެޓް ނެޓްވޯކްގައި އެޕަލް

ޗައިނާގައި ފުޅާވަމުންދާ އިންޓަނެޓް ނެޓްވޯކްގައި އެޕަލް

27 އެޕްރީލް 2017

މުޅި ދުނިޔޭގެ އެންމެ ބޮޑު 4ޖީ ނެޓްވޯކް އޮތީ ޗައިނާގަ އެވެ. ޗައިނާގައި އިންޓަނެޓް ބޭނުންކުރާ މީހުން އަނދާޒާކުރަން އުނދަގޫވާ މިންވަރަށް ދަނީ އިތުރުވަމުންނެވެ. އިންޓަނެޓް އާބާދީ އަތުނުޖެހޭ މިންވަރަށް އިތުރުވެދާނެ ކަމަށް ބަލައި، 4ޖީ ނެޓްވޯކް ފުޅާކުރުމުގެ މަސައްކަތްތައް މިހާރު ވެސް ދަނީ ކުރިއަށެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މުޅި ދުނިޔޭގެ އެންމެ ބޮޑު 4ޖީ ނެޓްވޯކް އޮތީ ޗައިނާގަ އެވެ. ޗައިނާގައި އިންޓަނެޓް ބޭނުންކުރާ މީހުން އަނދާޒާކުރަން އުނދަގޫވާ މިންވަރަށް ދަނީ އިތުރުވަމުންނެވެ. އިންޓަނެޓް އާބާދީ އަތުނުޖެހޭ މިންވަރަށް އިތުރުވެދާނެ ކަމަށް ބަލައި، 4ޖީ ނެޓްވޯކް ފުޅާކުރުމުގެ މަސައްކަތްތައް މިހާރު ވެސް ދަނީ ކުރިއަށެވެ.

ރަސްމީ އިދާރާތަކުން އަންދާޒާކުރާ ގޮތުގައި، ޗައިނާގައި 836 މިލިއަން މީހުން 4ޖީ ނެޓްވޯކް ބޭނުންކުރެ އެވެ. މިއީ 2016 ވަނަ އަހަރު ނިމުނުއިރު ހުރި ވަރަށް ވުރެ 10.85 ޕަސެންޓް އިތުރު މިންވަރެކެވެ.

ޗައިނާގަައި ސްމާޓްފޯން ސިނާއަތަކީ ވެސް "ދިރޭ" އެއްޗެކެވެ. ހިފެހެއްޓުމެއް ނެތި ކުރިއަރަމުން ދާ ސިނާއަތުގައި ދެމިތިބުމަށްޓަކައި، ބާރުގަދަ ކުންފުނިތަކުން ދަނީ އަދަދުކުރަން އުނދަގޫ މިންވަރަށް އިންވެސްޓްމަންޓްތައް އިތުރުކުރަމުންނެވެ.

ސްމާޓްފޯން މާކެޓްގައި އެޕަލް އަށް އޮތް ފުރުސަތު ގެއްލިދާނެ ކަމަށް ބިރު ހީވާން ފެށުމާ އެކު "ރިސާޗް އެންޑް ޑިވެލޮޕްމަންޓް" އަށް ވަނީ މިސްރާބުޖަހާފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެޕަލުން ޗައިނާގައި ރިސާޗް އެންޑް ޑިވެލޮޕްމަންޓަށް 500 މިލިއަން ޑޮލަރު އިންވެސްޓްކުރާނެ އެވެ.

ޗައިނާގައި މީގެ ސެންޓަރުތަކެއް އެޕަލް އިން އެޅުމުގައި ދެ ބޭނުމެއް ފާހަގަކޮށްލާނަމެވެ. ހަމައެކަނި ކޮމްޕިއުޓަރު އުފައްދާ ކުންފުންޏެއް ގޮތުގައި އެޕަލް އޮތް އޮތުން ބަދަލުކޮށް، ހާޑްވެއާ މާކެޓަށް ވަނީ ވެސް ދުރަށް ވިސްނާފަ އެވެ. ޗައިނާގައި އިންޓަނެޓް ފުޅާކުރަން ރަސްމީ އިދާރާތަކުން ކުރާ މަސައްކަތުގައި އެޕަލް އަށް ބައި އެޅުވުމަކީ އެ ސެންޓަރުތަކުގެ އެއް ބޭނުމެވެ.

އެޕަލް އިން ކޮންމެވެސް ވަރަކަށް ހާޑްވެއާ ޑިޒައިންކުރި ނަމަވެސް، ހާޑްވެއާ އުފެއްދުމުގައި އަދި ވާދަވެރިއެއް ނޫނެވެ. އެކަމަކު ވެސް ޗައިނާގައި އިންވެސްޓްކުރަން އެޕަލުން ވިސްނާފައި ހުރި ފާޑުވެރިކަމަށް ބަލާއިރު، އިންޓަނެޓް ނެޓްވޯކުން ތަންގަޑެއް އަމިއްލަކުރުމަކީ ވެސް ސެންޓަރުގެ މަސައްކަތަކަށް ވާނެ ކަމަށް ބެލެވެ އެވެ.

އެޕަލް އަކީ އިންޓަނެޓް "ސެޓް ޓޮޕް ބޮކްސް" ވެސް އުފައްދާ ކުންފުންޏެކެވެ. އެޕަލް އަށް އެ ދިމާއިން ބާރުގަދަކުރެވިދާނެ ކަމަށް ބެލެވެ އެވެ.