Roadha Mihaaru
އޮޕޯ އިން 5ޖީ އާ އެކު އީ-ސިމް ފޯނެއް ނެރެނީ

އޮޕޯ އިން 5ޖީ އާ އެކު އީ-ސިމް ފޯނެއް ނެރެނީ

03 ޖޫން 2021

ސްމާޓްފޯނުތަކާ އެކު މިހާރު އީ-ސިމް ނުވަތަ އިލެކްޓރިކް ސިމްގެ ވާހަކަ އާ ނުވިޔަސް، އޭގެ ސިމަކީ އަދި ގިނަ ބްރޭންޑްތަކާ މާ ރައްޓެހި އެއްޗެއް ނޫނެވެ. އީ-ސިމް މި ވަގުތު މަސައްކަތްކުރަނީ އެންމެ ފަހުގެ އައިފޯންތަކުގަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްމާޓްފޯނުތަކާ އެކު މިހާރު އީ-ސިމް ނުވަތަ އިލެކްޓރިކް ސިމްގެ ވާހަކަ އާ ނުވިޔަސް، އޭގެ ސިމަކީ އަދި ގިނަ ބްރޭންޑްތަކާ މާ ރައްޓެހި އެއްޗެއް ނޫނެވެ. އީ-ސިމް މި ވަގުތު މަސައްކަތްކުރަނީ އެންމެ ފަހުގެ އައިފޯންތަކުގަ އެވެ.

އެކަމަކު ޗައިނާގެ ކުންފުނި އޮޕޯ އިން ވަނީ 5ޖީ ނެޓްވޯކް ވެސް ލިބޭ އެސްއޭ (ސްޓޭންޑްއެލޯން) އީ-ސިމް ސަޕޯޓްކުރާ ފޯނެއް ނެރެން އުޅޭ ވާހަކަ އިއުލާނުކޮށްފަ އެވެ. މިއީ މިގޮތަށް ނެރޭ ފުރަތަމަ ފޯނެވެ.

މިއީ އޮޕޯ ފައިންޑް އެކްސް3 ޕްރޯ އެވެ. މި ފޯނު ގެނެސްދޭން ނިންމާފައި ވަނީ ފްރާންސްގެ އީ-ސިިމް ކަނެކްޓިވިޓީ މެނޭޖްމަންޓް ކުންފުނި ތޭލްސްއާ ގުޅިގެންނެވެ. މިކަން އިއުލާންކޮށް ނެރުނު ބަޔާނެއްގައި ބުނީ އަލަށް ނެރޭ އެސްއޭ އީ-ސިމާ އެކު ސްމާޓްފޯނުގެ މަސައްކަތަށް ބޮޑު ފަސޭހަތަކަކާއި ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.

"މިއީ ފޯނު ބޭނުންކުރާ މީހުންނާއި މޮބައިލް އޮޕަރޭޓަރުންނަށް ވެސް ވަރަށް ބޮޑު ފަސޭހައެއް ގެނެސްދޭނެ ބަދަލަކަށް ވާނެ،" އޮޕޯ އިން ބުންޏެވެ. "އަހަރެމެން ދެ ކުންފުނިން ގުޅިގެން ކުރާ މަސައްކަތުގައި އީ-ސިމް ޑިވައިސްގެ ތެރެއިން ސާވާ ވެލިޑޭޝަނާއި ޑިވައިސް ޑިބަގިން އާއި ވެރިފިކޭޝަނާއި ފަންކްޝަން ޑިވެލޮޕްމަންޓް ފަދަ މަސައްކަތްތައް ހިމެނޭ."

އީ-ސިމަކީ މިހާރު ފޯނަށް ލައްވަން މި ގެންގުޅޭ ސިމް ކާޑާ ހިލާފަށް، ފޯނު އުފައްދާ އިރު އޭގައި ހިމަނާފައި އިންނަ އެއްޗެކެވެ. އެއާ ދެން ގުޅެނީ މޮބައިލް ނެޓްވޯކެކެވެ. އޭރުން މިހާރު މި ގެންގުޅޭ ކަހަލަ ސިމް ކާޑެއް، އީ-ސިމް ސަޕޯޓްކުރާ ފޯނަކަށް ބޭނުމެއް ނުވާނެ އެވެ.

އޮޕޯ އިން ބުނި ގޮތުގައި އީ-ސިމް ފޯނު ނެރެން މަސައްކަތްކުރަމުން އަންނަ އިރު ތޭލްސްއާ އެކު ކުރެވޭ މަސައްކަތުގެ ތެރެއިން އޮޕޯ ގަޑިއަށް ވެސް ބިލްޓް-އިން ސެލިއުލާ ކަނެކްޓިވިޓީ ގެންނާނެ އެވެ.

ނަމަވެސް އެސްއޭ އީ-ސިމާ އެކު ގެނެސްދޭ އޮޕޯ ފައިންޑް އެކްސް3 ޕްރޯ ނެރޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

"އޮޕޯއާ ގުޅިގެން މަސައްކަތްކުރެވުމަކީ ވަރަށް ބޮޑު ޝަރަފެއް. އަހަރެމެންގެ އަމާޒަކީ ސްމާޓްފޯނާއި ސްމާޓް ވޮޗަށް އިންގިލާބެއް ގެނައުން." ތޭލްސްގެ އުތުރު އޭޝިއާގެ ޕްރެޒިޑެންޓް އަދި ޗައިނާގެ ސީއީއޯ ޖެރޯމް ބެންޑެލް ވިދާޅުވި އެވެ.