Roadha Mihaaru
މައްސަލަ ޖެހުނު ނަމަ ޗިއެލިނީ އޮންނާނީ ހޮސްޕިޓަލުގައި

މައްސަލަ ޖެހުނު ނަމަ ޗިއެލިނީ އޮންނާނީ ހޮސްޕިޓަލުގައި: އިބްރަހިމޮވިޗް

18 ޖޫން 2016

ސެއިން-އެޓިއެން، ފްރާންސް (ޖޫން 17) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އިޓަލީ އަތުން 1-0 އިން ސްވިޑަން ބަލިވި މެޗުގައި އިޓަލީގެ ޖިއޮޖިއޯ ޗިއެލީނީއާ ދެމެދު މައްސަލައެއް ޖެހުނު ނަމަ އޭނާ މިހާރު އޮންނާނީ ހޮސްޕިޓަލްގައި ކަމަށް ސްވިޑަންގެ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ސެއިން-އެޓިއެން، ފްރާންސް (ޖޫން 17) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އިޓަލީ އަތުން 1-0 އިން ސްވިޑަން ބަލިވި މެޗުގައި އިޓަލީގެ ޖިއޮޖިއޯ ޗިއެލީނީއާ ދެމެދު މައްސަލައެއް ޖެހުނު ނަމަ އޭނާ މިހާރު އޮންނާނީ ހޮސްޕިޓަލްގައި ކަމަށް ސްވިޑަންގެ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ބުނެފި އެވެ.

މެޗު ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް އެޑާ ޖެހި ލަނޑުން ސްވިޑަންގެ މައްޗަށް އިޓަލީ ވަނީ ކުރިހޯދައިފަ އެވެ. މުޅި މެޗުގައި ވެސް އިޓަލީގެ ޑިފެންޑަރުން ކައިރިން އިބްރަހިމޮވިޗަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އިޓަލީގެ ޑިފެންޑަރުން ވަނީ އިބްރަހިމޮވިޗް ހިފެހެއްޓުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އިބްރަހިމޮވިޗް މާކް ކޮށްގެން ކުޅުނީ ކުރިން އޭނާއާ އެއްކޮށް ޔުވެންޓަސް އަށް ކުޅުނު ޗިއެލީނީ އެވެ.

"ޗިއެލީނީ އާއި އަހަންނާ ދެމެދު މައްސަލަ އެއް ނުޖެހޭ. މައްސަލަ އެއް އޮތް ނަމަ އޭނާ މިހާރު އޮންނާނީ ހޮސްޕިޓަލްގައި،" މެޗަށް ފަހު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އިބްރަހިމޮވިޗް ބުންޏެވެ.

އޭނާ ބުނީ އިޓަލީ އަތުން ބަލިވީ އެ ޓީމުން ފަހު ވަގުތު ފަރުވާ ކުޑަކޮށްލުމުން ކަމަށެވެ.

"އިޓަލީ ކަހަލަ ވަރުގަދަ ޓީމަކާ ކުޅޭއިރު 90 މިނިޓް އެބަޖެހޭ މޮޅަށް ކުޅެން. އެއީ 89 މިނިޓް ސަމާލުވެގެން ކުޅެފައި. ފަސޭހަކޮށްލާ ވަގުތުގައި ވެސް އިޓަލީން ލަނޑުދީފާނެ. މި މެޗުން އެކަން ފެނިގެން މިދިޔައީ،" އިބްރަހިމޮވިޗް ބުންޏެވެ.

ދެ މެޗުން ހަ ޕޮއިންޓާ އެކު އިޓަލީ އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި އޮތީ އެއް ޕޮއިންޓާ އެކު އަޔަލެންޑެވެ. އެއް ޕޮއިންޓާ އެކު އޮތް ސްވިޑަން ތިން ވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ބެލްޖިއަމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. މި ގްރޫޕްގެ ހަތަރު ވަނަ މެޗުގައި މާދާމާ އަޔަލެންޑާއި ބެލްޖިއަމް ބައްދަލުކުރާނެ އެވެ. ސްވިޑަން އަށް ދެ ވަނަ ބުރުގެ ޖާގައެެއް އޮތީ ގްރޫޕް ފަހު މެޗުގައި ބެލްޖިއަމް ބަލިކޮށްގެންނެެވެ.

" ފުރަތަމަ މެޗު އަހަރެމެން މޮޅަށް ނުކުޅެ ޕޮއިންޓެއް ލިބުނު. ދެ ވަނަ މެޗުން މޮޅަށް ކުޅެގެން ޕޮއިންޓެއް ނުލިބި މިދިޔައީ. ދެން ވެސް އެބައޮތް މެޗެއް. އެ މެޗުން އެބަޖެހޭ މޮޅަށް ކުޅެގެން ނަތީޖާ ނެރެެން. އޭރުން ދެން އޮތް ބުރަށް ދެވެން އޮތީ،" އިބްރަހިމޮވިޗް ބުންޏެވެ