Roadha Mihaaru
ޔޫރޯ އަށް ފަހު އިބްރަހިމޮވިޗް ގައުމީ ޓީމާ ދުރަށް

ޔޫރޯ އަށް ފަހު އިބްރަހިމޮވިޗް ގައުމީ ޓީމާ ދުރަށް

22 ޖޫން 2016

ޕެރިސް، ފްރާންސް (ޖޫން 21) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ސްވިޑަންގެ ކެޕްޓަން ޒަލަޓާން އިބްރަހިމޮވިޗް ނިންމައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް، ފްރާންސް (ޖޫން 21) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ސްވިޑަންގެ ކެޕްޓަން ޒަލަޓާން އިބްރަހިމޮވިޗް ނިންމައިފި އެވެ.

އުމުރުން 34 އަހަރުގެ އިބްރަހިމޮވިޗް އަންނަނީ 2001 ވަނަ އަހަރަށް ފަހު ސްވިޑަން ގައުމީ ޓީމަށް ކުޅެމުންނެވެ. އޭނާ އޭރު ސްވިޑަން އަށް ކުޅެން ނިންމީ ބޮސްނިއާ އަދި ކްރޮއޭޝިއާ ގައުމީ ޓީމަށް ކުޅެން ލިބުނު ފުރުސަތު ދޫކޮށްލުމަށް ފަހު އެވެ.

އިބްރަހިމޮވިޗް ބުނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މާދަމާރޭ ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މެޗުން އެ ޓީމު ބަލިވެ މުބާރާތުން ކަޓައިފިނަމަ އެ މެޗު ވެގެންދާނީ އޭނާ ގައުމީ ޓީމަށް ކުޅޭ ފަހު މެޗަށް ކަމަށެވެ.

"ޔޫރޯގައި ސްވިޑަން ކުޅޭ ފަހު މެޗަކީ އަހަރެން ގައުމީ ޓީމަށް ކުޅޭނެ ފަހު މެޗު. އުއްމީދުކުރަނީ މާދަމާ ކުޅޭ ބެލްޖިއަމް މެޗަކީ އެ މެޗަށް ނުވާނެ ކަމަށް." އިބްރަހިމޮވިޗް ބުންޏެވެ. "ގައުމީ ޓީމާ އެކު ހޯދުނު ހުރިހާ ކާމިޔާބީއަކާ މެދު ފަހުރުވެރިވަން. އަބަދު ވެސް ސްވިޑަން ދިދަ އަހަރެން އިހުތިރާމް ކުރާނަން."

ސްވިޑަން މިވަގުތު އޮތީ ގްރޫޕް އީގެ ތިން ވަނައިގަ އެވެ. ދެ ވަނަ ބުރުން ޖާގަ ޔަގީންކުރަން މާދަމާރޭ ބެލްޖިއަމް އަތުން އެ ޓީމު މޮޅުވާން ޖެހެ އެވެ. ނޫނީ އެ ޓީމު ޖެހޭނީ ތިން ވަނަ އަށްދާ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ދެ ވަނަ ބުރުގެ ޖާގައަކަށް އިންތިޒާރުކުރާށެވެ.

އިބްރަހިމޮވިޗް ވަނީ އޭނާ މިދިޔަ ހަތަރު ސީޒަނުގައި ކުޅުނު ފްރާންސުގެ ޕީއެސްޖީގައި އިތުރަށް މަޑުނުކުރަން ނިންމައިފަ އެވެ. އަންނަ ސީޒަނުގައި އޭނާ ފެނުން އެންމެ ގާތީ ހޯސޭ މޮރީނިއޯގެ މެންޗެސްޓާ ޔުނައިޓެޑުންނެވެ.