Roadha Mihaaru
ސްކޫލުތަކަށް ޕާކިސްތާނުން 15 ލެޕްޓޮޕް ހަދިޔާކޮށްފި

ރާއްޖޭގެ ބައެއް ސްކޫލުތަކަށް ޕާކިސްތާނުން 15 ލެޕްޓޮޕް ހަދިޔާ ކޮށްފި

30 އެޕްރީލް 2017

ރާއްޖޭގެ 15 ސްކޫލަކަށް ޕާކިސްތާނުގެ "ޖިނާހް ލެޕްޓޮޕް ސްކީމް" ގެ ދަށުން މިއަދު ލެޕްޓޮޕް ހަދިޔާ ކޮށްފި އެވެ.

ޚަދީޖާ ހާޒިމާ ޚަދީޖާ ހާޒިމާ

ރާއްޖޭގެ 15 ސްކޫލަކަށް ޕާކިސްތާނުގެ "ޖިނާހް ލެޕްޓޮޕް ސްކީމް" ގެ ދަށުން މިއަދު ލެޕްޓޮޕް ހަދިޔާ ކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މި ޕެލްޓޮޕްތައް ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު ސައީދު ހަވަރު އަލީ ޝާހު އެވެ. ލެޕްޓޮޕްތަކާ ހަވާލުވެވަޑައިގަތީ އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު ޝިހާމް އެވެ.

މިއީ އެކި އަހަރު ތަކަށް ބަހާލައިގެން ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހަދިޔާ ކުރާ ގޮތަށް ހަމަޖެހިފައިވާ ލެޕްޓޮޕްތަކެކެވެ. މި އަހަރު ހަދިޔާކުރި 15 ލެޕްޓޮޕް ދޭނީ ސަރުކާރުން މާލޭގައި ހިންގާ 14 ސްކޫލަށާއި އައްޑޫ ހައި ސްކޫލަށެވެ.

މިއަދުގެ ހަފުލާގައި މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވި ގޮތުގައި މި ލެޕްޓޮޕްތައް ދޭނީ އެ ސްކޫލަކުން އެ އަހަރަކު ހުރިހާ ގޮތަކުން ވެސް އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދާ ކުއްޖަކަށެވެ. އަދި މި ސްކީމުގެ ދަށުން އަންނަ އަހަރު ހަދިޔާކުރާ ލެޕްޓޮޕްތައް ދޭނީ އަތޮޅު ތައުލީމީ މަރުކަޒުތަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ޕާކިސްތާނުގެ ސަފީރު ވިދާޅުވީ ރާއްޖޭގެ ތައުލީމީ ނިޒާމަކީ މި ސަރަހައްދުގައި އޭނާ އަށް ފާހަގަކުރެއްވޭ އެންމެ ރަގަޅު ނިޒާމު ކަމަށެވެ. އަދި ރާއްޖޭގެ ދަރިވަރުންނަށް ހާއްސަކޮށް ޕާކިސްތާނުގެ ފަރާތުން މެޑިކަލްގެ ދާއިރާ އިން ސްކޯލަޝިޕްތައް ހޯދައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޖިނާހު ޕެޕްޓޮޕް ސްކީމް" ނިސްބަތް ވަނީ ޕާކިސްތާނުގެ ފުރަތަމަ ގަވަރުނަރު ޖެނެރަލް މުހައްމަދު އަލީ ޖިނާހު އަށެވެ.