30 އެޕްރީލް 2017
އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި 288 މިލިއަން ރުފިޔާ މިދިޔަ އަހަރު ލިބިފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި 288 މިލިއަން ރުފިޔާ މިދިޔަ އަހަރު ލިބިފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެސްޓީއޯގައި ބޭއްވި ނިއުސް ބްރީފިންއެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ގްރޫޕް ފައިދާގެ ގޮތުގައި 430 މިލިއަން ރުފިޔާ ލިބުނެވެ. އޭގެ ކުރީ އަހަރު ގްރޫޕް ފައިދާގެ ގޮތުގައި 435 މިލިއަން ރުފިޔާ ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ. އެސްޓީއޯ އަށް ވަކިން ބަލާނަމަ، ކުރީ އަހަރު ފައިދާ އަކީ 430 މިލިއަން ރުފިޔާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރު ކަރަންޓު ސަބްސިޑީ އަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު، ޚަރަދު ކުޑަކޮށްގެން ނުވަތަ ކޮސްޓް ސޭވިންގެ ގޮތުގައި 279 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެހެން ހަދަން ޖެހުނީ ކަރަންޓު ސަބްސިޑީ އަށް އައި ބަދަލުތަކާ ގުޅިގެންނެވެ.
އެސްޓީއޯގެ މައިގަނޑު ވިޔަފާރިއަކީ ތެޔޮ ވިއްކުން ކަން ފާހަގަ ކުރައްވަމުން ޝަހީރު ވިދާޅުވީ އެހާ ބޮޑު އަދަދެއް މިފަހަރު ލިބުނީ އެ ވިޔަފާރިކޮށްގެން ކަމަށެވެ. ނަމަވެސް ކުންފުނިން ކުރަމުން އަންނަ އެހެން ވިޔަފާރިތައް ވެސް އަހަރުން އަހަރަށް ރަނގަޅުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެސްޓީއޯ އިން 2015 ވަނަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް ބަހާފައި ވަނީ 57ރ. އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް ބަހަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމީ 51ރ. އެވެ. އެސްޓީއޯ އަށް 2015 ގައި 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ފައިދާގެ ގޮތުގައި ލިބުނެވެ.
އަހަރުން އަހަރަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ އަދަދު ދަށްވިޔަސް، ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ހިއްސާދާރުންނަށް މިއަހަރު އެންމެ ބޮޑު ފައިދާއެއް ބަހަނީ އެސްޓީއޯ އިންނެވެ.
އެ ކުންފުނީގެ ހިއްސާގެ ފައިދާގެ ގޮތުގައި ބަހާނެ މިންވަރު ކަނޑައެޅި ނަމަވެސް އެކަން ނިންމާނީ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ. އަހަރީ އާއްމު ޖަލްސާ ބާއްވާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.
މީގެ 50 އަހަރު ކުރިން އުފެއްދި ކުންފުންޏާ ބެހޭ ގޮތުން ޝަހީރު ވިދާޅުވީ އެއީ ފެށުނީއްސުރެ ރައްޔިތުންގެ ކުންފުންޏެއް ކަމަށާއި އެ ކުންފުނިން މާ ބޮޑެތި ފައިދާތަކެއް ނެރުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށެވެ. އެސްޓީއޯ އިން މަސައްކަތް ކުރަނީ އާ ވިޔަފާރިތަކަކަށް ދިއުމުގެ ބަދަލުގައި އެ ކުންފުނިން ކުރަމުން އަންނަ ވިޔަފާރިތައް އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
އެސްޓީއޯ އިން ވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު އާމްދަނީގެ އެކި ހިސާބުތައް އާންމުކޮށްފަ އެވެ. އެ ގޮތުން ފުރަތަމަ ކުއާޓަރުގައި 70 މިލިއަން ރުފިޔާ ލިބުނުއިރު، އެއީ ފާއިތުވެދިޔަ ކުއާޓަރާ ބަލާއިރު 10 މިލިއަން ރުފިޔާ ބޮޑު އަދަދެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ.
"އަޅުގަނޑުމެން އަމާޒު މި ކުރަނީ [މި އަހަރު] 250 އާއި 300 މިލިއަން ރުފިޔާގެ ފައިދާއަކަށް. އަޅުގަނޑުމެން ޕްލޭނާ އެއްގޮތަށް އަމާޒު ހާސިލްވާނެ ކަމަށް ޔަގީން ކުރަނީ،" ޝަހީރު ވިދާޅުވި އެވެ.
އެސްޓީއޯއިން 393 މިލިއަން ރުފިޔާ އިންވެސްޓްކުރި
ބަދަލާއެކު މުދަލުގެ އަގު ބޮޑެއް ނުވާނެ: އެސްޓީއޯ
އެސްޓީއޯއަށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ދެނީ
އެސްޓީއޯއިން އެއް ބިލިއަން ރުފިޔާ އިންވެސްޓްކުރަނީ!
އަމާޒަކީ ބޮޑު ފައިދާއެއް ހޯދުމެއް ނޫން: އެސްޓީއޯ
އެސްޓީއޯއަށް މުޅި އަހަރު ލިބުނު ފައިދާ ދަށްވެއްޖެ
އެސްޓީއޯގެ ހިއްސާއަކަށް 57ރ. ބަހަން ފާސްކޮށްފި
އިކޮނޮމިކްގޭޓްވޭގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފި
"ބަންކަރިންއަށް 20 މިލިއަން ޑޮލަރު އިންވެސްޓްކުރި"
ފުރަތަމަ ހިދުމަތް ދެނީ "ވައިސީ ބެރިއާ" އަށް