Roadha Mihaaru
ޕެނަލްޓީ ޖަހައިގެން މޮޅުވެ ކޮލަމްބިއާ ސެމީ އަށް

ޕެނަލްޓީ ޖަހައިގެން ޕެރޫ ބަލިކޮށް ކޮލަމްބިއާ ސެމީ އަށް

18 ޖޫން 2016

އީސްޓް ރޫތުފޯޑް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 18) - ލަނޑެއް ނުޖެހި އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4-2 އިން ޕެރޫ ބަލިކޮށް ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ކޮލަމްބިއާ ޖާގަ ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އީސްޓް ރޫތުފޯޑް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 18) - ލަނޑެއް ނުޖެހި އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4-2 އިން ޕެރޫ ބަލިކޮށް ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ކޮލަމްބިއާ ޖާގަ ހޯދައިފި އެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމަށް ލަނޑު ޖަހަން މާގިނަ ފުރުސަތުތަކެއް ނުލިބެ އެވެ. މެޗުގެ ފުރަތަމަ ހާފްގައި ކޮލަމްބިއާގެ ކެޕްޓަން ޖޭމްސް ރޮޑްރިގޭޒް އެ ޓީމަށް ލަނޑެއް ކާމިޔާބު ކޮށްދިނުމާ ގާތަށް ޖެހިލި އެވެ.

މެޗުގެ 22 ވަނަ މިނިޓްގައި ޕެރޫ އޭރިއާ ބޭރުން ޖޭމްސް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އެ ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު އެ ޓީމުގެ ފޯވާޑް ކާލޮސް ބައްކާ އަށް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ގޯލާ ސީދާނުވި އެވެ.

ޕެރޫ އިން މުޅި މެޗުގައި ވެސް އުފެއްދި އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ މެޗުގެ އިތުރު ވަގުތުގަ އެވެ. ކޮއޭވާ ނަަގައިދިން ހުރަހަކުން ކްރިސްޓިއަން ރާމޮސް ބޮލުން ފޮނުވާލި ބޯޅަ ކޮލަމްބިއާ ކީޕަރު ޑޭވިޑް އޮސްޕީނާ ވަނީ މަތަކޮށްފަ އެވެ.

ޕެނަލްޓީ ޖަހައިގެން ކޮލަމްބިއާ މޮޅުވީ އެ ޓީމުން ފޮނުވާލި ހަތަރު ޕެނަލްޓީ ވެސް ވައްދާލައިގެންނެެވެ. ޕެރޫ އިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިންއެ ޓީމަށް ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީ އެވެ. ޕެރޫގެ މިގުއެލް ޓްރޫސޯ އާއި ކްރިސްޓިއަން ކޮއެވާ ފޮނުވާލި ޕެނަލްޓީ ކާމިޔާބެއް ނުވި އެވެ.

ސެމީ ފައިނަލުގައި ކޮލަމްބިއާ ކުޅޭނީ ކުއާޓާގައި ޗިލީ އާއި މެކްސިކޯ ބައްދަލުކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.