Roadha Mihaaru
ކޮލަމްބިއާ މޮޅުވިއިރު ޖޭމްސް އަށް އަނިޔާވެއްޖެ

ކޮލަމްބިއާ މޮޅުވިއިރު ޖޭމްސް އަށް އަނިޔާވެއްޖެ

04 ޖޫން 2016

ސެން ކްލާރާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 4) - ކޮޕަ އެމެރިކާ ސެންޓެނާރިއޯގެ ފުރަތަމަ މެޗުން މުބާރާތް ބާއްވާ ގައުމު އެމެރިކާ އަތުން ކޮލަމްބިއާ 2-0 އިން މޮޅުވިއިރު އެޓީމުގެ ތަރި ޖޭމްސް ރޮޑްރިގޭޒަށް އަނިޔާވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ސެން ކްލާރާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 4) - ކޮޕަ އެމެރިކާ ސެންޓެނާރިއޯގެ ފުރަތަމަ މެޗުން މުބާރާތް ބާއްވާ ގައުމު އެމެރިކާ އަތުން ކޮލަމްބިއާ 2-0 އިން މޮޅުވިއިރު އެޓީމުގެ ތަރި ޖޭމްސް ރޮޑްރިގޭޒަށް އަނިޔާވެއްޖެ އެވެ.

ކޮޕަ އެމެރިކާ މުބާރާތަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު އެމެރިކާގައި ފެށި މި މުބާރާތުގައި 16 ޓީމު ވާދަކުރެ އެވެ. ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތަކީ ގައުމުތަކުގެ މެދުގައި ބޭއްވޭ އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތެވެ.

އެމެރިކާއާ ދެކޮޅަށް މިއަދުގެ މެޗުގައި ކޮލަމްބިއާ އިން ވަނީ ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ އަށް ވަނަ މިނިޓްގައި ކޮލަމްބިއާ އަށް ލީޑު ނަގައިދިނީ އެ ޓީމުގެ ފަހަތަށް ކުޅޭ ކްރިސްޓިއަން ޒަޕާޓާ އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖޭމްސް ވަނީ ލިބުނު ޕެނަލްޓީ އަކުން ކޮލަމްބިއާގެ ލީޑު ފުޅާކޮށްދީފަ އެވެ. މެޗުގެ ދެ ވަނަ ހާފްގައި ޖޭމްސްގެ ކޮޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކޮށްފަ އެވެ.

މި މެޗުގައި އެމެރިކާގެ މިޑްފީލްޑަރު ކްލިންޓް ޑެމްސީ ވަނީ ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އޭނާ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ކޮލަމްބިއާ އަށް ކުޅޭ އާސެނަލްގެ ކީޕަރު ޑޭވިޑް އޮސްޕީނާ އެވެ. އޮސްޕީނާ ވަނީ އެމެރިކާ އިން ފޮނުވާލި ގިނަ ހަމަލާތަކެއް މަތަކޮށްފަ އެވެ.

މުބާރާތުގައި މިރޭ ތިން މެޗެއް ކުޅޭނެ އެވެ. އެއީ ގްރޫޕް އޭގައި ޕެރަގުއޭ އާއި ކޮސްޓަ ރިކާ ބައްދަލުކުރާ މެޗުގެ އިތުރުން ގްރޫޕް ބީގެ ދެ މެޗެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން ދަންވަރު 2:00 ޖަހާއިރު އެވެ. ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ރާއްޖެ ގަޑިން ފަތިހު 4:30 ގައި ހައިޓީ ބައްދަލުކުރާނީ ޕެރޫއާ އެވެ. ދެ ވަނަ މެޗުގައި ބްރެޒިލް ކުޅޭނީ އެކުއެޑޯއާ އެވެ. މި މެޗު އޮންނާނީ މާދަމާ ހެނދުނު 7:00 ޖަހާއިރު އެވެ.