Roadha Mihaaru
ހިތުހުރި ގޮތަކަށް ރައީސަށް ކަންކަން ނުކުރެއްވޭނެ:ޝާހިދު

ހިތުހުރި ގޮތަކަށް ކަންކަން ކުރުމުގެ ބާރެއް ރައީސަކަށް ނެތް، ގާނޫނީ އިމުގެ ތެރެއަށް ރުޖޫއަވާން ޖެހޭ: ޝާހިދު

04 މެއި 2017

ރާއްޖޭގެ ގާނޫނުއަސާސީ އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާ، ހިތުހުރި ގޮތަކަށް އަމަލުކުރެއްވުމުގެ ބާރެއް ނެތް ކަމަށާއި ގާނޫނީ އިމުން ބޭރުގައި ކުރާ ކަންކަން ހުއްޓާލައި މި ސަރުކާރުން ގާނޫނީ އިމުގެ ތެރެއަށް ރުޖޫއަވާން ޖެހޭ ކަމަށް ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގެ ގާނޫނުއަސާސީ އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާ، ހިތުހުރި ގޮތަކަށް އަމަލުކުރެއްވުމުގެ ބާރެއް ނެތް ކަމަށާއި ގާނޫނީ އިމުން ބޭރުގައި ކުރާ ކަންކަން ހުއްޓާލައި މި ސަރުކާރުން ގާނޫނީ އިމުގެ ތެރެއަށް ރުޖޫއަވާން ޖެހޭ ކަމަށް ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އިއްތިހާދުން ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް ޝާހިދު ވިދާޅުވީ ވެރިކަން ކުރައްވާ ރައީސަކު ބޭނުންފުޅުވާ ގޮތަކަށް ކަންކަން ކުރެއްވުމުގެ ފުރުސަތު ފަހިވެފައި އޮތީ ކުރީގެ ގާނޫނުއަސާސީތަކުގައި ކަމަށެވެ. އެ މަގުން އެކަން ކުރިއަށް ގެންދިއުމަކީ ގޯސް ގޮތެއް ކަމަށް ބަލައިގަނެ، މިހާރު އަމަލުކުރާ ގާނޫނުއަސާސީގައި ބާރުތައް ދީފައި ވަނީ ރައްޔިތުންނަށް ކަން ފާހަގަކުރެއްވި އެވެ.

ގާނޫނީ އިމުން ބޭރުގައި ސަރުކާރުން ކަންކަން ކުރަމުންދާ ނަމަ، ޝާހިދު ވިދާޅުވި ގޮތުގައި، ރައްޔިތުން ބަލަން ނުތިބޭނެ އެވެ.

"...ރައީސް އަބްދުﷲ ޔާމީނަށް ދަންނަވާލަން އޮތީ ދިނަސް ނުދިނަސް ކަނޑާކަނޑާ ބަންގަޅީސް ޒަމާން ހިނގައްޖެއޭ. ގާނޫނީ އިމުގެ ތެރެއަށް މަނިކުފާނު ރުޖޫއަވެވަޑައިގަންނަވާށޭ،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމަލުތަކާ މެދު ހިތްހަމަނުޖެހިގެން ސިޔާސީ ލީޑަރުން ފެއްޓެވި އިސްލާހީ މަސައްކަތަށް ކާމިޔާބު ލިބޭ މަންޒަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން އަންނަނީ ފެންނަމުންނެވެ. ހުވަދު އަތޮޅާއެކު ގއ. ވިލިނގިލީގެ ހުރިހާ ރައްޔިތުން މިހާރު ތިބީ މި ސަރުކާރަށް ނޫނެކޭ ބުނެގެން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ސަރުކާރު ބަލިކުރާނީ ވޯޓު ފޮށިން،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ އަމަލުތަކާ މެދު ރައްޔިތުން ނުރުހިފައި ތިބި މިންވަރު އަންނަ ހޮނިހިރުދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ސަރުކާރަށް ސާފުކޮށްދޭން ޖެހޭ ކަމަށެވެ. އޭނާގެ ވާހަކަ ނިންމާލެއްވީ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓު ދެއްވަން ގޮވާލައްވަމުންނެވެ.