Roadha Mihaaru
އަމިއްލައަށް މީހުން މަރުވާ ހަބަރު ފެތުރުމުގައި ސަމާލުވޭ

އަމިއްލައަށް މަރުވާ މައްސަލަތަކުގެ ހަބަރުތައް ގެނެސްދިނުމުން ހިތްވަރު ލިބޭ: ހޯމް މިނިސްޓްރީ

04 މެއި 2017

އަމިއްލައަށް މަރުވާ މައްސަލަތަކުގެ ހަބަރުތަކުގެ ތަފުސީލް ޝާއިއުކުރުމުން އެފަދަ ކަންކަންކުރުމަށް އިތުރު ފަރާތްތަކަށް ހިތްވަރު ލިބި، އެކަންކަން ކުރުމުގައި ފަސް ނުޖެހޭކަން ހާމަވަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އަމިއްލައަށް މަރުވާ މައްސަލަތަކުގެ ހަބަރުތަކުގެ ތަފުސީލް ޝާއިއުކުރުމުން އެފަދަ ކަންކަންކުރުމަށް އިތުރު ފަރާތްތަކަށް ހިތްވަރު ލިބި، އެކަންކަން ކުރުމުގައި ފަސް ނުޖެހޭކަން ހާމަވަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އަމިއްލަ މަރުވުމާއި ނަފުސަށް ގެއްލުން ދިނުން އިތުރުވަމުންދާ މައްސަލައާ މެދު ކަންބޮޑުވުން ފާޅުކޮށް އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އަމިއްލައަށް މީހުން މަރުވާ ހަބަރުތައް އެކިއެކި ނޫސްތަކާއި މީޑިއާތަކުގައި ވަރަށް ތަފުސީލްކޮށް ގެނެސްދޭ ކަމަށެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކުގައި އެފަދަ ކަމެއް ހިނގި ނަމަވެސް އެކަމެއްގެ ހަބަރުތައް ވަރަށް ތަފުސީލްކޮށް ގެނެސްދޭތީ އާއްމުން ވަރަށް ޝައުގުވެރިކަމާއެކު އެ ހަބަރުތައް ކިޔާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ހޯމް މިނިސްޓްރީން ބުނީ އެ ހަބަރުތައް ގެނެސްދިނުމުން އެކަމުން ހިތްވަރު ލިބި، ދިރިއުޅުމުގައި ދިމާވާ އެކިއެކި ހާދިސާތަކާ ގުޅިގެން ނުވަތަ ކުރިމަތިވާ ހާލަތްތަކުގައި މާޔޫސްވުމާއި ނާއުންމީދުވުން ފަދަ ކަންކަމުގެ ސަބަބުން އެފަދަ ކަންކަން ތަޖުރިބާކޮށްލުމަކީ ވެސް ބައެއް ފަރާތްތަކުން މަދުން ނަމަވެސް ކުރަމުން އަންނަ ކަމެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ނަމަވެސް މިފަދައިން ނާއުއްމީދުވާ ނުވަތަ މާޔޫސްވާ އެއްވެސް ހާލަތެއްގެ ހައްލަކީ އަމިއްލަ ނަފުސަށް ގެއްލުން ދިނުން ނުވަތަ އަމިއްލައަށް މަރުވުމެއް ވެސް ނޫނެވެ. އަދި އެފަދަ ކަންކަމަކީ މާތްވެގެންވާ އިސްލާމް ދީނުގައި ވެސް ކަނޑައެޅިގެން މަނާކުރެވިފައިވާ ކަންކަމެވެ،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ހޯމް މިނިސްޓްރީން ބުނީ އެފަދަ ހަބަރުތައް އެހާ ތަފުސީލްކޮށް ގެނެސްދިނުމުން ރާއްޖެ ފަދަ ގައުމެއްގައި "ރަމަތަ" ނުކުރެވޭ ފަދަ އިޖުތިމާއީ، ނަފުސާނީ އަދި ޖަޒުބާތީ މައްސަލަތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އެފަދަ ކަންކަމަކަށް ޖާގަ ނުދީ އާއްމުން ހޭލުންތެރިކޮށް، ނަފުސަށް ގެއްލުން ދިނުމުގެ ބަދަލުގައި ދީނީ ގޮތުންނާއި ނަފުސާނީ ގޮތުން ލިބެންހުރި ފަރުވާ ހޯދުމަށް ބާރުއެޅުމަށް އެ މިނިސްޓްރީން ގޮވާލާފައިވެ އެވެ.