Roadha Mihaaru
ބޮޑު މޮޅަކާ އެކު ބެލްޖިއަމް ދެ ވަނަ ބުރާ ގާތަށް

ބޮޑު މޮޅަކާ އެކު ބެލްޖިއަމް ދެ ވަނަ ބުރާ ގާތަށް

18 ޖޫން 2016

ބޯޑޯ، ފްރާންސް (ޖޫން 18) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން ބަލިވެ މާޔޫސްކަމުގައި އޮތް ބެލްޖިއަމުން މިރޭ އަޔަލެންޑް 3-0 އިން ބަލިކޮށް މުބާރާތުގެ ދެ ވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބޯޑޯ، ފްރާންސް (ޖޫން 18) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން ބަލިވެ މާޔޫސްކަމުގައި އޮތް ބެލްޖިއަމުން މިރޭ އަޔަލެންޑް 3-0 އިން ބަލިކޮށް މުބާރާތުގެ ދެ ވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

މިއީ 2000 ވަނަ އަހަރުގެ ޔޫރޯގައި ސްވިޑަން އަތުން 2-1 އިން މޮޅުވި ފަހުން މި މުބާރާތުގައި ބެލްޖިއަމަށް ލިބުނު ފުރަތަމަ މޮޅެވެ. މިހާރުގެ ކޯޗު މާކް ވިލްމޮޓްސް މޮޅު ކުޅުމެއް ދެއްކި އެ މުބާރާތަށް ފަހު، ދެން ކުޅުނު ތިން ޔޫރޯ އަށް ބެލްޖިއަމް ކޮލިފައިނުވެ އެވެ.

މިރޭގެ ނަތީޖާއާ އެކު އިޓަލީ އަށް ވަނީ ގްރޫޕް އީ ގެ އެއް ވަނަ ކަށަވަރުވެފަ އެވެ. އެ ޓީމަށް ހަ ޕޮއިންޓް ލިބިފައިވާއިރު މެތަމެޓިކަލީ އެ ޓީމަށް ވުރެ އެހެން ޓީމަކަށް ކުރި ހޯދޭނެ ގޮތެއް ނެތެވެ. ތިން ޕޮއިންޓާ އެކު ދެ ވަނައިގައި ބެލްޖިއަމް އޮތްއިރު އަޔަލެންޑާއި ސްވިޑަން އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ލަނޑުގެ ތަފާތުން ތިން ވަނައިގައި އޮތީ ސްވިޑަން އެވެ.

ދެ ވަނަ ބުރަށް ދިއުމަށް ބެލްޖިއަމަށް ބޭނުންވަނީ ސްވިޑަން މެޗުން އެންމެ ޕޮއިންޓެކެވެ. އޭރުން ފަހު މެޗުން އިޓަލީ އަތުން އަޔަލެންޑް މޮޅުވި ނަމަވެސް، ދެ ޓީމު ޕޮއިންޓުގެ ގޮތުން އެއްވަރުވާނެ އެވެ. އެ ހާލަތުގައި ދެ ޓީމު ކުޅުނު މެޗުގެ ނަތީޖާ އަށް ބެލުމަށް ފަހު ބެލްޖިއަމަށް ކުރި ލިބޭނެ އެވެ. ގަދަ ދެ ޓީމުގެ ތެރޭ ހިމެނިގެން ދެ ވަނަ ބުރަށް ދިއުމަށް އަޔަލެންޑަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ އިޓަލީ އަތުން މޮޅުވެ އަދި ސްވިޑަން އަތުން ބެލްޖިއަމް ބަލިވެގެންނެވެ.

ކުޅުނު ފުރަތަމަ މެޗުން އިޓަލީ އަތުން ބަލިވުމުން ބެލްޖިއަމް މިރޭގެ މެޗަށް ނުކުތީ މަރުއާން ފެލައީނީ އާއި ރަޒާ ނައިންގޫލަންގެ ބަދަލުގައި މޫސާ ޑެމްބެލޭ އާއި ޔަނިކް ފެރޭރާ ކަރަސްކޯ ޓީމުގައި ހިމަނައިގެންނެވެ. ފުރަތަމަ ހާފްގައި ލަނޑު ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑަށެވެ. އަޔަލެންޑް އޭރިއާ ތެރެއިން ހަޒާޑަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

އަޔަލެންޑުގެ އޯޝެއާ (ވ) ކައިރިން ބެލްޖިއަމްގެ ލުކާކޫ (މ) ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

އަޔަލެންޑުގެ އޯޝެއާ (ވ) ކައިރިން ބެލްޖިއަމްގެ ލުކާކޫ (މ) ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ބެލްޖިއަމުން ތިން ލަނޑު ވެސް ކާމިޔާބުކުރީ ދެ ވަނަ ހާފްގަ އެވެ. މެޗުގެ 47 ވަނަ މިނިޓްގައި ކެވިން ޑިބްރޭނާ ދިން ބޯޅަ އަކުން ބެލްޖިއަމަށް ލީޑު ނަގައިދިނީ ރޮމެލޫ ލުކާކޫ އެވެ. އޭރިއާ ރޮނގުކައިރިން ލުކާކޫ ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ތިރީ ކަނަށެވެ. މިއީ 2000 ވަނަ އަހަރު ސްވިޑަން ކޮޅަށް އެމީލް އެމްޕެންޒާ ލަނޑު ޖެހި ފަހުން ބެލްޖިއަމް ޔޫރޯގައި ޖެހި ފުރަތަމަ ލަނޑެވެ.

ބެލްޖިއަމްގެ ލީޑު ފުޅާކޮށްދިނީ މެޗުގެ 61 ވަނަ މިނިޓްގައި އަލެކްސް ވިޓްސެލް އެވެ. ތޯމަސް މުނިއޭ ނަގައިދިން ހުރަސް ވިޓްސެލް ވަނީ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.

އޭގެ ނުވަ މިނިޓް ފަހުން ބެލްޖިއަމްގެ ތިން ވަނަ ލަނޑު ޖެހީ ވެސް ލުކާކޫ އެވެ. މެޗުގެ 70 ވަނަ މިނިޓްގައި ކައުންޓަ އެޓޭކަކުން ހަޒާޑް ދިން ބޯޅަ ލުކާކޫ ވަނީ ހަމަޖެހިލާފައި ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

މި މެޗުގައި އަޔަލެންޑްގެ ކުޅުންތެރިންނަށް ބެލްޖިއަމް ޑިފެންޑަރުން ކައިރިން ރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއްނުވި އެވެ. ގޯލަށް ހަމަލާއެއް ފޮނުވާލުމަށް އަޔަލެންޑްގެ ފޯވާޑް ޝޭން ލޯންގަށް މާ ގިނަ ފުރުސަތުތަކެއް ވެސް ނުލިބެ އެވެ.