Roadha Mihaaru
ސެނަހިޔާ އިން ވެސް އާސަންދައެއް ނުލިބޭނެ

ސެނަހިޔާ އިން ވެސް އާސަންދަގެ ޚިދުމަތެއް ނުލިބޭނެ: އެމްއެންޑީއެފް

07 މެއި 2017

ސިއްހީ ޚިދުމަތްދޭ އަމިއްލަ ތަންތަނުން އާސަންދައިގެ ޚިދުމަތް މިއަދުން ފެށިގެން ކަނޑާލަން އާސަންދަ ކުންފުނިން ނިންމުމާ ގުޅިގެން، އެމްއެންޑީއެފް މިލިޓަރީ ހޮސްޕިޓަލުން ވެސް ދެން އެ ޚިދުމަތް ނުލިބޭނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ސިއްހީ ޚިދުމަތްދޭ އަމިއްލަ ތަންތަނުން އާސަންދައިގެ ޚިދުމަތް މިއަދުން ފެށިގެން ކަނޑާލަން އާސަންދަ ކުންފުނިން ނިންމުމާ ގުޅިގެން، އެމްއެންޑީއެފް މިލިޓަރީ ހޮސްޕިޓަލުން ވެސް ދެން އެ ޚިދުމަތް ނުލިބޭނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެތަނުން ނެރުނު ބަޔާނެއްގައި ބުނީ، ސެނަހިޔާ ހޮސްޕިޓަލުން އާސަންދައިގެ ޚިދުމަތް ދިނުން ހުއްޓާލަން ނިންމައި، އެކަން މިއަދު އަންގާފައިވާ ކަމަށެވެ. އެހެންވެ މިއަދުން ފެށިގެން އެ ހޮސްޕިޓަލުން އާސަންދައިގެ ދަށުން އެއްވެސް ޚިދުމަތެއް ނުލިބޭނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އާސަންދަ ކުންފުނިން ރޭ 11:30 ވާން އުޅެނިކޮށް ކުއްލި ގޮތަކަށް ނެރުނު ސާކިއުލާއެއްގައި ބުނީ ސިއްހީ ޚިދުމަތްދޭ އަމިއްލަ ތަންތަނުން އާސަންދައިގެ ޚިދުމަތް ކަނޑާލަން ނިންމީ، އެ ސްކީމް ހިންގުމުގެ އުސޫލު މުރާޖައާ ކުރަމުން ދާތީ ކަމަށެވެ.

އާސަންދަ ކުންފުނިން ބުނިގޮތުގައި، އާސަންދަގެ ސިއްހީ ނިޒާމު ހިންގާ ބޯޑުން ނިންމާފައި ވަނީ ދައުލަތުގެ ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގައި އިންޕޭޝަންޓް، އައުޓްޕޭޝަންޓް، ލެބޯރެޓަރީގެ ޚިދުމަތް އަދި ސްކޭންގެ ޚިދުމަތް އެއްވެސް އަގަކާ ނުލައި ފޯރުކޮށްދޭތީ، އަމިއްލަ ތަންތަނުން އެ ޚިދުމަތްތަކަށް އާސަންދަ ސްކީމްގެ ތެރެއިން ޚަރަދު ކުރުން ހުއްޓާލުމަށެވެ. ނަމަވެސް ކުއްލި ގޮތަކަށް، ކުރިން އެންގުމަކާ ނުލައި، އަމިއްލަ ތަންތަނުން އާސަންދަގެ ޚިދުމަތް ކަނޑާލި ސީދާ ސަބަބެއް އާސަންދަ އިން ނުބުނެ އެވެ.

އާސަންދަ ކުންފުނިން ބުނީ އަމިއްލަ ތަންތަނުން އާސަންދަގެ ޚިދުމަތް ކަނޑާލި ނަމަވެސް، މިއަދާ ހަމައަށް އެޑްމިޓްކޮށް، ފަރުވާދެމުން އަންނަ ފަރާތްތަކުގެ ފަރުވާ ނިމެންދެން އާސަންދަ ސްކީމްގެ ތެރެއިން ކުރިއެކޭ ވެސް އެއްގޮތަށް ޚިދުމަތް ލިބެމުންދާނެ ކަމަށެވެ. އަދި އެ މީހުންގެ މައުލޫމާތު މިއަދުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި އާސަންދަ ކުންފުންޏަށް އެންގުމަށް ވެސް ސާކިއުލާގައި ވަނީ އެދިފަ އެވެ.

އާސަންދަ ކުންފުނީގެ ކުއްލި މި އެންގުމާ ގުޅިގެން، ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް އޭޑީކޭ އިން ނެރުނު ބަޔާނެއްގައި ރޭ ބުނީ އެ އެންގުމާ އެއްގޮތަށް، އާސަންދަ ސްކީމްގެ ދަށުން އެއްވެސް ފަރާތަކަށް އެ ހޮސްޕިޓަލުން ޚިދުމަތް ދެވެން ނެތް ކަމަށެވެ.