Roadha Mihaaru
"ވަކިވަކި އިދާރާތަކަށް ސިއްހީ ސްކީމު ހިންގުން ގޯސް"

ވަކިވަކި އިދާރާތަކަށް ހާއްސަކޮށްގެން ސިއްހީ ސްކީމުތައް ހިންގުން ރަނގަޅެއް ނޫން: ޓްރާންސްޕޭރެންސީ

25 މެއި 2022

ދައުލަތުގެ ވަކިވަކި އިދާރާތަކަށް ހާއްސަކޮށްގެން ސިއްހީ ސްކީމުތައް ހިންގުން ރަނގަޅު ނޫން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދައުލަތުގެ ވަކިވަކި އިދާރާތަކަށް ހާއްސަކޮށްގެން ސިއްހީ ސްކީމުތައް ހިންގުން ރަނގަޅު ނޫން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.

ސިފައިންނާއި ފުލުހުންނަށް ހާއްސަ ކޮށްގެން ހިންގާ ހެލްތު ސްކީމާ ގުޅޭ ގޮތުން މިދިޔަ ހޯމަދުވަހު "މިހާރު" އިން ޝާއިއު ކުރި އާޓިކަލް ޓެގްކޮށް، ޓްރާންސްޕޭރެންސީން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ، ޕްރައިވެޓް ހެލްތު ކެއާ ސްކީމުތައް ސަރުކާރުން ހޭދަކޮށްގެން ނުވާނެ ކަމަށެވެ.

އެ ޖަމިއްޔާ އިން ބުނިގޮތުގައި، ސިފައިންނާއި ފުލުހުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެހެން ވަކި އިދާރާތަކަށް ހާއްސަ ވަކި އިންޝުއަރެންސް ސްކީމުތައް ހިންގުމަކީ މުޖުތަމައުގައި އެންމެ އެހީތެރިކަން ބޭނުންވާ މީހުންނަށް އަޅައިލުމަށް އެޅޭ ހުރަހެކެވެ.

ޓްރާންސްޕޭރެންސީގެ ޓްވީޓް

ވަކިވަކި ހެލްތު ސްކީމުތައް ހިންގުމުގެ ބަދަލުގައި ރާއްޖޭގެ މުޅި ސިއްހީ ނިޒާމު ހަރުދަނާކޮށް، ހަމަހަމަ އުސޫލެއްގެ ތެރެއިން ސިއްހީ ހިދުމަތްތައް ދެވޭނެ ގޮތްތައް ފަހިކުރަން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ސަރުކާރަށް ގޮވައިލި އެވެ.

ހުރިހާ ދިވެހިންނަށް ހިދުމަތް ލިބޭ އާސަންދަ ނިޒާމަށް ދައުލަތުން ކޮންމެ އަހަރު ބޮޑު ހޭދައެއް ކުރެ އެވެ. މިދިޔަ އަހަރު އާސަންދަ އަށް ދައުލަތުގެ ބަޖެޓުން 1.2 ބިލިއަން ރުފިޔާ ހޭދަކުރި އެވެ. މިއީ ކަނޑައެޅި ބަޖެޓަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ އިތުރު އަދަދެކެވެ.

މި އަހަރަށް އާސަންދަ ހިދުމަތް ދޭން ދައުލަތުގެ ބަޖެޓުގައި 730 މިލިއަން ކަނޑައަޅާފައިވާ އިރު ވޭތުވެދިޔަ ފަސް މަހުގެ ތެރޭގައި އޭގެ 80 ޕަސެންޓް ވަނީ ބޭނުންކޮށްފަ އެވެ. އާސަންދައިގެ ބޭރުން ސިއްހީ ހިދުމަތަށް އެންމެ ބޮޑު ހޭދައެއް ކުރަނީ ސިފައިންނާއި ފުލުހުންނަށެވެ. އެ ދެ މުއައްސަސާގެ ސިއްހީ ކަންކަމަށް މި އަހަރުގެ ބަޖެޓުގައި 144 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ.