Roadha Mihaaru
ހިތްހަމަޖެހޭ ވަރުގެ ކާމިޔާބީއެއް ލިބިއްޖެ: ޕީޕީއެމް

ހިތްހަމަޖެހޭ ވަރުގެ ކާމިޔާބީއެއް ލިބިއްޖެ: ޕީޕީއެމް

07 މެއި 2017

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި، ވެރިކަންކުރާ ޕީޕީއެމް/އެމްޑީއޭ/ޑީއާރުޕީ ކޯލިޝަނަށް "ހިތްހަމަޖެހޭ ވަރުގެ ކާމިޔާބީއެއް" ލިބިފައިވާ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި، ވެރިކަންކުރާ ޕީޕީއެމް/އެމްޑީއޭ/ޑީއާރުޕީ ކޯލިޝަނަށް "ހިތްހަމަޖެހޭ ވަރުގެ ކާމިޔާބީއެއް" ލިބިފައިވާ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އިންތިހާބުން ޕީޕީއެމަށް ލިބުނީ ފުރިހަމަ ކާމިޔާބީއެއް ކަމަށެވެ.

އެ ގޮތުން މިހާތަނަށް ގުނާފައިވާ ވޯޓު ފޮށިތަކުގެ ނަތީޖާ އަށް ބަލާ އިރު ކައުންސިލްތަކުގެ 219 ގޮނޑި ސަރުކާރު ކޯލިޝަނުން ކާމިޔާބުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އިދިކޮޅު އެމްޑީޕީ އަށާއި ޖޭޕީ އަށް ލިބިފައި ވަނީ 206 ގޮނޑި ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީިޕީއެމުން އާންމު ކުރި ބައެއް ނަތީޖާ:

- އެމްޑީއޭ އަށް 21 ގޮނޑި ލިބުނު

- އެމްޑީޕީ އަށް 197 ގޮނޑި ލިބުނު

- ޑީއާރުޕީ އަށް 1 ގޮނޑި ލިބުނު

- މިނިވަން ކެންޑިޑޭޓުންނަށް 106 ގޮނޑި ލިބުނު

"އަޅުގަނޑަށް ގަބޫލު ކުރެވެނީ ދެން ހުރި ވޯޓު ފޮށިތަކަކީ ޕީޕީއެމަށް ވަރަށް ތާއީދު ބޮޑު ދިމާލުން އަންނަ އައިސްފައި ހުރީ، މިހާރަށްވުރެ ބޮޑަށް އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބު އިތުރުވާނެ،" ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ޕީޕީއެމްގެ އޮނިގަނޑަށް އައި ބަދަލާ ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ ބެއްލެވުމުގެ ދަށުން ޕާޓީ ހިނގަމުންދާއިރު، އިދިކޮޅު ހުރިހާ ފަރާތްތަކާ ދެކޮޅަށް ހޯދި ކާމިޔާބީއަކީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށް ދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.

ޒަމީރު ދެއްކެވި ވާހަކައިގެ ހުލާސާއެއް:

- މާލޭގައި ވޯޓުލުމަށް ނިކުތީ 17 ޕަސަންޓު މީހުން

- ވޯޓުލާން މަދު ބަޔަކު ނިކުތް ސަބަބު ދެނެގަންނަން ޖެހޭ

- ކުރިއަށް އޮތް އިންތިހާބުތަކުގައި ޕީޕީއެމުން އިތުރަށް މަސައްކަތް ކުރާނެ

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ވިދާޅުވި ގޮތުގައި އަތޮޅުތަކުގެ ރަށްތަކުގައި ދިރިއުޅޭ މީހުން އާންމު ގޮތެއްގައި ވޯޓު ދެއްވަނީ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންނަށްވުރެ ބޮޑަށް ވަކިވަކި އާއިލާތަކާއި ރައްޓެހިންނަށް ބަލައިގެން ކަމަށެވެ. ގިނަ ކައުންސިލަރުންނަކީ ތަރައްގީއަށް އިސްކަން ދޭ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވޭ މިނިވަން ކެންޑިޑޭޓުންގެ ތެރެއިން ގިނަ ކައުންސިލަރުން ލަސްތަކެއް ނުވެ، ޕީޕީއެމާ ގުޅިވަޑައިގަންނަވާނެ. އެ ވިސްނުމުގައި ތިއްބަވާނީ،" ނިހާނު ވިދާޅުވި އެވެ.

ނިހާނު ވެސް ވިދާޅުވި ގޮތުގައި މާލެ އާއި އައްޑޫ ފަދަ އާބާދީ ބޮޑެތި ބައެއް ރަށްރަށުގައި ޕީޕީއެމަށް ވޯޓު ލިބޭވަރު މަދެވެ. އަދި މަދު އަދަދެއްގެ ބަޔަކު ވޯޓު ލާން ނިކުތުމަކީ އޭގެ ސަބަބުތައް ދެނެގަނެ، އާންމުން ހޭލުންތެރިކުރަން މަސައްކަތް ކުރަންވީ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ސިޓީ ކައުންސިލްތަކުން ރައްޔިތުންނަށް އެދެވޭ ހިދުމަތްތަކެއް ނުދިނުމުން އެކަމާ ފޫހިވެގެން ވޯޓުލުމަށް ނުދިޔަ ބަޔަކު ވެސް އެބަތިބި ކަމަށް ނިހާނު ވިދާޅުވި އެވެ. އަދި އެކަންކަމުން ސަބަބު ހޯދުމަށް "އަޅުގަނޑުމެން އޭގެ އޮޓޮޕްސީއެއް ހަދާނަން" ކަމަށް ނިހާނު ވިދާޅުވި އެވެ.

ނިހާނު ވެސް ވިދާޅުވީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ބޭނުންވާ "50 ޕަސެންޓް އަދި އެކެއް ވެސް ލިބިއްޖެ" ކަމަށެވެ. އަދި އެމްޑީޕީން "ހާލި" ހަދައިގެން އުޅުނު ބައެއް ރަށްރަށުގެ މެޖޯރިޓީ ޕީޕީއެމުން ނަގާފައިވާކަން ނިހާނު ވަނީ ފާހަގަކުރައްވައިފަ އެވެ.

ޒަމީރު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ދޭ ހިދުމަތްތަކަކީ ކައުންސިލްތަކުން ދޭ ހިދުމަތްތަކެއް ކަން ރައްޔިތުން މިހާރު ގަބޫލެއް ނުކުރައްވަ އެވެ.

ރައްޔިތުންނަށް ތަރައްގީ ގެނެސްދެނީ ސަރުކާރުން ކަމަށް ރައްޔިތުން ގަބޫލު ކުރާ ކަމަށާއި އެހެންވެ، ދިރާސާތަކެއްކޮށްގެން ކައުންސިލްތައް މަސައްކަތް ކުރާނެ ގޮތެއް ބަލަން ޖެހޭ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މާލޭ ސިޓީ ކައުންސިލްގެ 13 މެމްބަރުންގެ ތެރެއިން އެންމެ މެމްބަރެއް ފިޔަވައި ހުރިހާ ގޮނޑިތަކެއް ވެސް ލިބުނީ އެމްޑީޕީއަށެވެ. އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިއެއްގެ އިތުރުން ފުވައްމުލަކު ސިޓީގެ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި ވެސް ކާމިޔާބުކުރީ އެމްޑީޕީންނެވެ.

މީގެ އިތުރުން އަތޮޅު ކައުންސިލާއި ރަށު ކައުންސިލްގެ ގިނަ ގޮނޑިތަކެއްގެ މެޖޯރިޓީ އިދިކޮޅު އިއްތިހާދު ނިސްބަތްވާ އެމްޑީޕީން ނެގި އެވެ.