Roadha Mihaaru
ސެމީ ފައިނަލުން ކެޓީމަ ފައިނަލަށް ދަނީ ކިހިނެއް؟!

ސެމީ ފައިނަލާއި ފައިނަލްގެ ވާހަކައާ އެކު ނިހާން ހޫނު ފެނަށް

09 މެއި 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުން ޕީޕީއެމަށް ލިބުނު ނާކާމިޔާބާ އެކު ބަލި ގަބޫލު ކުރައްވައި، ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން އެ ނާކާމިޔާބީ ސިފަ ކުރެއްވީ ފުޓްބޯޅަ މުބާރާތެއްގައި ފައިނަލާއި ސެމީ ފައިނަލްގެ މިސާލު ނަންގަވައިގެންނެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލޯކަލް ކައުންސިލްގެ އިންތިޚާބުން ޕީޕީއެމަށް ލިބުނު ނާކާމިޔާބާ އެކު ބަލި ގަބޫލު ކުރައްވައި، ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން އެ ނާކާމިޔާބީ ސިފަ ކުރެއްވީ ފުޓްބޯޅަ މުބާރާތެއްގައި ފައިނަލާއި ސެމީ ފައިނަލްގެ މިސާލު ނަންގަވައިގެންނެވެ.

ނިހާން ކުރެއްވި އެއް ޓްވީޓުގައި ވިދާޅުވެފައި ވަނީ ކައުންސިލް އިންތިޚާބަކީ ސެމީ ފައިނަލް މެޗް ކަމަށާއި 2018ގެ ރިޔާސީ އިންތިޚާބަކީ ފައިނަލް މެޗް ކަމަށެވެ. ފައިނަލަށް ދިޔައީ އެމްޑީޕީ އާއި ޕީޕީއެމް ކަމަށް ވިދާޅުވެ ހެދުނު ގޯސްތައް ރަނގަޅުކޮށް، ފައިނަލް މެޗަށް ތައްޔާރުވާން އޭނާ ގޮއްވާލެއްވި އެވެ. އެ ޓްވީޓާ އެކު ފައިނަލާއި ސެމީ ފައިނަލްގެ ބަހުސް ސޯޝަލް މީޑިއާގައި މިވަނީ ވަރަށް ފޯރި ހިފައިފަ އެވެ.

ނިހާންގެ ޓްވީޓް

ސެމީ ފައިނަލުން ބަލިވި ޓީމެއް ފައިނަލް މެޗްގައި ކުޅެނީ ކިހިނެއްތޯ ސުވާލުކޮށް، އިދިކޮޅު ސަޕޯޓަރުން ނިހާނަށް ރައްދު ދޭ އިރު އެކަން ކުރަނީ ފުޓްބޯޅައިގެ މައި އިދާރާގެ ފީފާ ގަވާއިދުތައް ބަދަލު ކޮށްގެން ކަމަށް ބުނެ ވެސް ބައެއް މީހުން ފާޑު ކިޔާފައިވެ އެވެ.

"ސެމީ ފައިނަލްގައި ކަޓާ މީހުން ފައިނަލްގައި ކުޅެނީ ކޮން ކުޅިވަރެއްގައި ބާ؟" މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި ޓްވީޓެއްގައިވެ އެވެ.

"ސެމީ އެއީ ނޮކް އައުޓެއް. ތިން ވަނަ މަގާމު ލިބިދާނެ." ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް ޓްވީޓަށް ރިޕްލައިކޮށް، ވިދާޅުވެފައިވެ އެވެ.

ސެމީ ފައިނަލާއި ފައިނަލްގައި ކުޅެނީ އެއް ޓީމްތަކެއްތޯ ބައެއް މީހުން ސުވާލު ކޮށްފައިވެ އެވެ.

"ޕީޕީއެމް ސެމީ ފައިނަލްގައި ވެސް ކުޅުނީ އެމްޑީޕީއާ ދެކޮޅަށް އަދި ފައިނަލްގައި ވެސް ކުޅެނީ އެމްޑީޕީއާ ދެކޮޅަށް. މި ދެން އަޖައިބެއްނު،" އެހެން މީހަކު ނިހާންގެ ޓްވީޓަށް ރައްދު ދީ، ޓުވީޓް ކޮށްފައިވެ އެވެ.

ފައިނަލް މެޗް ކިތަންމެ ގިނައިން ކުޅުނަސް މެނޭޖްމަންޓް ފެއިލްވެއްޖެ ނަމަ މޮޅު ނުވާނެ ކަމަށާއި މޮޅުވާން ބޭނުން ނަމަ ކޯޗާއި ބައި ކޮޅަށް ގޯލް ޖަހާ ކުޅުންތެރިން ބަދަލު ކުރަން، ބައެއް މީހުން ގޮވާލާފައިވެ އެވެ.

އެންމެ ފަހުން މައުޟޫގެ ތެރެއަށް ކުރީގެ ހޯމް މިނިސްޓަރު އަދި 2018ގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ނިިންމަވާފައިވާ އުމަރު ނަސީރު ވެސް ވަނީ ވަދެވަޑައިގެން، ނިހާނަށް ރައްދު ދެއްވައިފަ އެވެ.

އުމަރުގެ ޓްވީޓް

"ފައިނަލްގައި ކުޅެވޭނެ ކަމަށް ލަފާ ނުކުރޭ. ލަފާ ކުރަންވީ ޑރ. ވަހީދަށް ވީގޮތް ވާނެ ކަމަށް،" އުމަރުގެ ޓްވީޓްގައިވެ އެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދަށް އިޝާރާތް ކުރައްވައި، އުމަރުގެ ޓްވީޓްގައި އެހެން ވިިދާޅުވެފައިވަނީ 2013 ގެ ރިޔާސީ އިންތިޚާބަށް ޑރ. ވަހީދު ނިކުމެ ވަޑައިގަތް އިރު އެ މަނިކުފާނާ އެކު އެއްވެސް ބަޔަކު ނެތުމުން އެކަން މިސާލެއްގެ ގޮތުގައި ކަމަށް ބެލެވެ އެވެ. ނުވަތަ އެ އިންތިޚާބުގައި ޑރ. ވަހީދަށް އެންމެ ފަސް ޕަސެންޓް ވޯޓު ލިބުމުން އެކަން މިސާލެއްގެ ގޮތުގައި ނަންގަވައިގެން ކަމަށް ވެސް ބެލެވެ އެވެ.

ސަރުކާރަށް ތާއީދުކުރާ މީހުން ދޭ ރައްދަކީ މިހާރު ވެސް ފައިނަލް ކުޅެން އެމްޑީޕީ ބިރުގަންނަން ފަށައިިފި ކަމަށެވެ. އަދި އިތުރު ވަގުތުގައި ނުކުޅެ، ފައިނަލް މެޗުން ޕީޕީއެމް މޮޅުވާނެ ކަމަށް ބުނެ ނިހާންގެ ދިފާއުގައި އެ މީހުން ކުރި ޓްވީޓްތަކުގައިވެ އެވެ.

"ފައިނަލް މެޗްގެ ޗެމްޕިއަންކަން ރައީސް ޔާމީން ނަގާނެ. ވަރަށް ސާފު،" ޕީޕީއެމްގެ ސަޕޯޓަރަކު ނިހާންގެ ޓްވީޓަށް ރިޕްލައި ކޮށް، ބުނެފައިވެ އެވެ.

ނިހާންގެ ޓްވީޓަށް މީހުން ރައްދު ދޭން ފެށުމުން ފަހުން ނިހާން ކުރެއްވި ޓްވީޓެއްގައި ސުވާލު ކުރައްވާފައިވަނީ "ބަލަ އެމްޑީޕީ ފައިނަލް ކުޅެން ބިރު ގަންނަނީތަ ޕީޕީއެމާ އެކު؟" މިހެންނެވެ.

އެއަށް ރައްދު ދީ މީހަކު ކޮށްފައިވާ ޓްވީޓެއްގައިވަނީ ބެންޗްގައި އޮންނަ ޓީމް އަރުވައިގެން ވެސް ޕީޕީއެމް ބަލި ކުރާނެ ކަމަށެވެ.

"މާދަމާ ފައިނަލް ކުޅެން ގޮވާލިޔަސް، ހުސް ފަޔާ އަރައި ބަލި ކުރާނަން،" އެހެން މީހަކު ކުރި ޓްވީޓެއްގައިވެ އެވެ.

ސިޔާސީ ގޮތުން ކޮންމެވެސް ބަޔަކަށް މޮޅެއް ލިބިގެން އުޅޭ ދަނޑިވަޅުތަކުގައި މިފަދަ ހޫނު ބަހުސްތައް ސޯޝަލް މީޑިއާ އިން ފެނުމަކީ އާންމު ކަމެކެވެ. އެކަމަކު މި ފަހަރު މިވީ ގޮތަކީ ފުޓްބޯޅައިގައި ނެތް އުސޫލެއްގެ ވާހަކަ އިން ނިހާނަށް މިސާލު ނެންގެވުމެވެ.