Roadha Mihaaru
"ހަމަނުޖެހުން ހިނގީ ވޯޓު ގުނަން ހުރަސް އެޅުމުން"

ހަމަނުޖެހުން ހިނގީ ވޯޓު ގުނަން އިދިކޮޅުން ހުރަސް އެޅުމުން: އެމްޑީޕީ

13 އެޕްރީލް 2021

ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު އަލުން ގުނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ހަމަނުޖެހުން ހިންގި މައްސަލަ ބަލައި، ފިޔަވަޅު އަޅަން އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު އަލުން ގުނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ހަމަނުޖެހުން ހިންގި މައްސަލަ ބަލައި، ފިޔަވަޅު އަޅަން އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ ވޯޓުތަކެއް އަލުން ގުނުމުގެ މަސައްކަތް ކުރަން ތައްޔާރުވަމުން ދަނިކޮށް އެތަނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބީ މައި މަރުކަޒަށް ވަޑައިގަތުމުން ވަނީ ހަމަނުޖެހުން ހިނގައިފަ އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައިވަނީ ހަމަނުޖެހުން ހިނގީ ވޯޓު ގުނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ޕީޕީއެމް އާއި ޕީއެންސީގެ އިސްވެރިން އެ ސަރަހައްދަށް ގޮސް، އެކަމަށް ހުރަސް އެޅުމުން ކަމަށެވެ. އޭގެ ސަބަބުން އެތަނުގައި ގަޔަށް އަތްލައި، މާރާމާރީ ހިންގާފައިވާ ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވަނީ އެ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށާއި އަދި ވޯޓުގެ ނަތީޖާ އިއުލާން ކުރަން ދެ ފުށް ފެންނަ ގޮތަކަށް ކުރުމުގެ ޖާގަ ދިނުމަށް އެ ޕާޓީން ގޮވާލާ ކަމަށެވެ.

ނަޝީދު ވިދާޅުވެފައިވަނީ ވޯޓު ގުނާ މަރުކަަޒަށް އެމަނިކުފާނު ވަޑައިގަތީ އެތަނަށް އިދިކޮޅު ކޯލިޝަންގެ އިސްވެރިން ވަޑައިގެން ތިއްބެވުމުން އެކަން ހިނގާ ގޮތް ބެއްލެވުމަށް ކަމަށެވެ. އަދި ވޯޓު ގުނާ މަރުކަޒެއްގައި އޮފިޝަލުން ނޫން ބަޔަކަށް ނުތިބެވޭނެ ކަމަށް އެ ނަޝީދު ވިދާޅުވެފައިވެ އެވެ. އެކަމަކު އިދިކޮޅު ކޯލިޝަނުން ބުނާގޮތުން ނަޝީދު އެތަނަށް ވަޑައިގަތީ ހަމަނުޖެހުން އުފެއްދެވުމަށެވެ.