Roadha Mihaaru
"ސާބާ ޗެމްޕިއަންޝިޕަކީ ދިވެހި ބާސްކެޓުގެ އާ ފެށުމެއް"

ސާބާ ޗެމްޕިއަންޝިޕަކީ ދިވެހި ބާސްކެޓުގެ އާ ފެށުމެއް: މަންޑޭ

10 މެއި 2017

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަގްވާމީ ބާސްކެޓްބޯޅަ މުބާރާތަކީ ދިވެހި ބާސްކެޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް އަޅާ މުހިއްމު ފިޔަވަޅެއް ކަމަށް ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް އަހުމަދު މަމްދޫހު (މަންޑޭ) ވިދާޅުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަގްވާމީ ބާސްކެޓްބޯޅަ މުބާރާތަކީ ދިވެހި ބާސްކެޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް އަޅާ މުހިއްމު ފިޔަވަޅެއް ކަމަށް ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް އަހުމަދު މަމްދޫހު (މަންޑޭ) ވިދާޅުވެއްޖެ އެވެ.

މި މަހުގެ 19 ވަނަ ދުވަހު މާލޭގައި ފަށާ ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތް ކަމަށްވާ ސާބާ ޗެމްޕިއަންޝިޕަކީ މިހާތަނަށް ދިވެހި ފަސްގަނޑުގައި ކުރިއަށްގެންދާނެ އެންމެ ހައިބަތު ބޮޑު ބާސްކެޓްބޯޅަ ހަރަކާތެވެ.

"މިދިޔަ އަހަރުތަކުގައި ބާސްކެޓްބޯޅަ އޮތީ ފަނޑުވެފައި. މިއީ މި ކުޅިވަރު އެހެން ލެވެލަކަށް ގެންދިއުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގައި އަޅާ މުހިއްމު ފިޔަވަޅެއް،" މިދިޔަ ޑިސެމްބަރު މަހު މަގާމާ ހަވާލުވެވަޑައިގެންނެވި މަމްދޫހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މުބާރާތް ފޯރިގަދަކޮށް ފުރިހަމަ އިންތިޒާމާ އެކު ބާއްވަން ގިނަ މަސައްކަތްކަތެއް ކުރާނެ ކަމަށާއި މިއީ ފެށުމެއް ކަމަށެވެ.

"އަޅުގަނޑުމެން އެކްސްކޯ އިން ރާވާފައި އެބައޮތް މުޅި ރާއްޖޭގައި ބާސްކެޓްބޯޅަ އާލާކުރަން އެކަޑަމީތަކެއް ރަށްރަށުގައި ގާއިމްކުރަން ވެސް،" މަމްދޫހު ވިދާޅުވި އެވެ.

ރާއްޖޭގައި ވަރަށް ފޯރިއާ އެކު ކުޅެމުން އައި ކުޅިވަރު މިދިޔަ ހަތަރު ވަރަކަށް އަހަރު އޮތީ ވަރަށް ބޮޑަށް ވަޅުޖެހިފަ އެވެ. މީގެ ކުރިން ވަރުގަދަ ވައިޑީޕީ ޕްރޮގްރާމެއް އޮތް ނަމަވެސް އެ ޕްރޮގްރާމުގެ އަޑުވެސް ވަނީ މަޑުވެފަ އެވެ. އެސޯސިއޭޝަނުން އަންނަނީ އެ ޕްރޮގްރާމް އަލުން ފުޅާކުރުމުގެ މަސައްކަތްކުރަމުންނެވެ.

ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ވަނީ ސާބާ ޗެމްޕިއަންޝިޕަށް އިންތިޒާމް ކޮމިޓީއެއް އެކުލަވާލައިފަ އެވެ. މި ކޮމިޓީގެ ޗެއާމަނަކީ ސްޕޯޓްސް ކޯޕަރޭޝަނުގެ ބޯޑް މެމްބަރު އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މެނޭޖަރު ސަލްސާ އިބްރާހީމެވެ. ދެން ހިމެނޭ މެމްބަރުންނަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) އާއި އެމްބީއޭގެ ކުރީގެ ދެ ނައިބް ރައީސުން ކަމަށްވާ އަބްދުﷲ އާމިރު (އައްލޯ) އާއި އަލީ ނަސީރު (ތުއްތޭ) އާއި ކުރީގެ ފުޓްބޯޅަ ރެފްރީ އަލީ ސަލީމާއި ސްޕޯޓްސް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު އިބްރާހިމެވެ.