Roadha Mihaaru
ދިވެހި ބާސްކެޓްބޯޅަ ކުޅުންތެރިންގެ ހުވަފެން ހަގީގަތަކަށް

ދިވެހި ބާސްކެޓްބޯޅަ ކުޅުންތެރިންގެ ހުވަފެން ހަގީގަތަކަށް

10 މެއި 2017

އަމިއްލަ ގައުމުގައި ބައިނަލްއަގްވާމީ މެޗެއް ކުޅުމުގެ ފުރުސަތު ލިބުމަކީ ދިވެހި ބާސްކެޓްބޯޅަ ކުޅުންތެރިންގެ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށް ކުރީގެ ކުޅުންތެރިއާ އަބްދުﷲ އާމިރު (އައްލޯ) ވިދާޅުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އަމިއްލަ ގައުމުގައި ބައިނަލްއަގްވާމީ މެޗެއް ކުޅުމުގެ ފުރުސަތު ލިބުމަކީ ދިވެހި ބާސްކެޓްބޯޅަ ކުޅުންތެރިންގެ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށް ކުރީގެ ކުޅުންތެރިއާ އަބްދުﷲ އާމިރު (އައްލޯ) ވިދާޅުވެއްޖެ އެވެ.

ބާސްކެޓްބޯޅަ އެސޯސިއޭޝަނުން އަންނަނީ މިމަހުގެ 19-23 އަށް މާލޭގައި ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތް (ސާބާ ޗެމްޕިއަންޝިޕް) ބާއްވަން ތައްޔާރުވަމުންނެވެ. މިއީ އަމިއްލަ ގައުމުގައި، ގައުމީ ޖާޒީގައި ކުޅުމުގެ ފުރުސަތު ދިވެހި ކުޅުންތެރިންނަށް ލިބޭނެ ފުރަތަމަ ފަހަރެވެ.

މުބާރާތުގެ އިންތިޒާމް ކޮމިޓީގެ މެމްބަރު އަދި އެސޯސިއޭޝަނުގެ ނައިބް ރައީސްގެ މަގާމާއި ޖެނެރަލް ސެކްރެޓަރީގެ މަގާމް ކުރިން ފުރުއްވި އައްލޯ ވިދާޅުވީ އެ ފުރުސަތު ނުލިބި އެތައް ކުޅުންތެރިންނެއް ކެރިއަރު ނިންމާލާފައިވާ ކަމަށެވެ.

"މި ކުޅިވަރަށް ވަރަށް ކޮމިޓެޑް ކުޅުންތެރިންތަކެއް ކެރިއަރު ނިންމާލީ އެ ފުރުސަތު ނުލިބި. އަމިއްލަ ވަޒަނުގައި ގައުމީ ޖާޒީގައި ކުޅެލުމަކީ ކޮންމެ ކުޅުންތެރިއެއްގެ ހުވަފެނެއް. އެ ފުރުސަތު ލިބުމަކީ ލިބޭނެ ޝަރަފެއް،" އައްލޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ފުރުސަތު ދިވެހި ކުޅުންތެރިންނަށް ހޯދައިދޭން މިހާރުގެ އެސޯސިއޭޝަނުން ކުރާ މަސައްކަތަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަންދޭނެ ކަމަށެވެ.

"އަޅުގަނޑުމެން މި އަންނަނީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވަމުން. މި ފުރުސަތު ލިބުމަކީ ދިވެހި ކުޅުންތެރިންގެ ހުވަފެނެއް ހަގީގަތަކަށްވުން،" ފުޓްބޯޅައިގައި ވެސް ކުރީގެ މަޝްހޫރު ކުޅުންތެރިއާ ވިދާޅުވި އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަދި އިންތިޒާމް ކޮމިޓީގެ މެމްބަރު އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވީ ޒިލާލް މެން ފަދަ ރާއްޖޭގެ ރަން ޖީލުގެ ކުޅުންތެރިން، ރިޓަޔާކުރުމުގެ ކުރިން މި ފުރުސަތު ލިބުމަކީ ބޮޑު އުފަލެއް ކަމަށެވެ.

"އިންޓަނޭޝަނަލް މިފަދަ މުބާރާތްތައް ބޭއްވުމަކީ އެ ކުޅިވަރެއް އެހެން ހަރުފަތަކަށް ގެންދަން ލިބޭ ރަނުގެ ފުރުސަތެއް. މިއީ ދިވެހި ބާސްކެޓްބޯޅައަށް ލިބޭ މިފަދަ އަގުހުރި ފުރުސަތެއް،" މަރުޒޫގު ވިދާޅުވި އެވެ.

މި މަހުގެ 19 އިން 23 އަށް ބާއްވާ ސާބާ ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އިތުރުން އިންޑިއާ އާއި ސްރީ ލަންކާ އާއި ނޭޕާލް އަދި ބަންގްލަދޭޝް އިން ބައިވެރިވާނެ އެވެ.