Roadha Mihaaru
ރާއްޖޭގެ ފުރަތަމަ މެޗުގައި މާދަމާރޭ އިންޑިއާއާ ދެކޮޅަށް

ރާއްޖޭގެ ފުރަތަމަ މެޗުގައި މާދަމާރޭ އިންޑިއާއާ ދެކޮޅަށް

18 މެއި 2017

ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ފުރަތަމަ ބާސްކެޓްބޯޅަ މުބާރާތް ކަމަށްވާ ސާބާ ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި މާދަމާރޭ ގަދަފަދަ އިންޑިއާއާ ދެކޮޅަށް ނުކުންނާނެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ފުރަތަމަ ބާސްކެޓްބޯޅަ މުބާރާތް ކަމަށްވާ ސާބާ ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި މާދަމާރޭ ގަދަފަދަ އިންޑިއާއާ ދެކޮޅަށް ނުކުންނާނެ އެވެ.

ޒުވާނުންގެ މަރުކަޒުގައި ކުރިއަށްގެންދާ މި މުބާރާތުގައި މި ދެ ޓީމުގެ އިތުރުން ވާދަކުރަނީ ސްރީ ލަންކާ އާއި ބަންގްލަދޭޝް އަދި ނޭޕާލެވެ. މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުންނެވެ. އެގޮތުން ޗެމްޕިއަންކަން ލިބޭނީ ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.

އިންޑިއާ އަކީ ދެކުނު އޭޝިއާގެ ބާސްކެޓްބޯޅައިގެ އެންމެ ވަރުގަދަ ޓީމެވެ. އެ ޓީމު ވަނީ 2015 ވަނަ އަހަރުގެ ފީބާ އޭޝިއާ ޗެމްޕިއަންޝިޕުގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ. ކުއާޓާ އިން ކެޓީ ޗެމްޕިއަން ޗައިނާ އަތުން ބަލިވެގެންނެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ބަންގްލަދޭޝާއި ނޭޕާލެވެ. މި މެޗުގެ ކުރިން މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނެ އެވެ.

ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި ހޮނިހިރު ދުވަހުގެރޭ ބައްދަލުކުރާނީ ނޭޕާލާ އެވެ. އެ ޓީމަކީ ރާއްޖެއާ ފެންވަރުގެ ގޮތުން ދާދި ހަމަހަމަ ޓީމެކެވެ. ތިން ވަނަ މެޗުގައި އާދީއްތަ ދުވަހުގެރޭ ބަންގްލަދޭޝްއާ ވާދަކުރާއިރު ފަހު މެޗުގައި އަންގާރަ ދުވަހުގެރޭ ބައްދަލުކުރާނީ ސްރީ ލަންކާއާ އެވެ.

ގައުމީ ކޯޗު ސުޕުން ވިމާލް ބުނީ ރާއްޖެ އަށް ދަށްވެގެން ދެ ވަނަ މަގާމް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށާއި އިންޑިއާ ފިޔަވައި ދެން ތިބި ޓީމުތަކާ ރާއްޖެއަށް ވާދަކުރެވޭނެ ކަމަށެވެ.

"ލަންކާ ބަލިކުރެވިއްޖެއްޔާ އަހަރެމެންނަށް ދެ ވަނަ ހޯދިދާނެ. މެޑެއްޔެއް ހޯދުން އަމާޒަކީ. އެކަމަކު އިންޑިއާ ބަލިކުރުން އެއީ ވަރަށް އުނދަގޫ ކަމަކަށް ވާނެ. މުޅިން ތަފާތު ފެންވަރެއްގެ ޓީމެއް އެއީ،" ސުޕުން ބުންޏެވެ.

ރާއްޖޭގައި މީގެ ކުރިން އިންވިޓޭޝަނަލް ކްލަބް މުބާރާތްތަކެއް ބޭއްވި ނަމަވެސް، މިއީ ގައުމީ ޓީމުތަކެއް ބައިވެރިކޮށްގެން ބާއްވާ ފުރަތަމަ މުބާރާތެވެ.

މުބާރާތުގެ މެޗުތަކުގައި ގައުމީ ޓީމަށް ތަރުހީބު ދިނުމަށް ސަޕޯޓާސް ގްރޫޕަކުން އަންނަނީ ފޯރީގައި މަސައްކަތްކުރަމުންނެވެ.

ރާއްޖެ ކުޅޭ މެޗުތައް:

ދިވެހިރާއްޖެ - އިންޑިއާ (މެއި 19) 21:00

ދިވެހިރާއްޖެ - ނޭޕާލް (މެއި 20) 21:00

ދިވެހިރާއްޖެ - ބަންގްލަދޭޝް (މެއި 21) 21:00

ދިވެހިރާއްޖެ - ސްރީ ލަންކާ (މެއި 23) 21:00