Roadha Mihaaru
އެންމެ ބޮޑު ހިތާމާގައި ހިތްވަރު ދިނީ ޝާހްރުކް: ޖޫހީ

އެންމެ ބޮޑު ހިތާމާގައި ހިތްވަރު ދިނީ ޝާހްރުކް: ޖޫހީ

12 މެއި 2017

ޝާހްރުކް ޚާނާއި ޖޫހީ ޗައުލާ 1998 ކުޅުނު "ޑުޕްލިކޭޓް" އިން އެންމެ ފާހަގަ ކޮށްލެވުނު އެއް ކަމަކީ އެ މީހުންގެ ގުޅުމެވެ. މި ދެ ތަރިން އެކުގައި މަސައްކަތްކުރީ ހަމައެކަނި އެ ފިލްމަކު ނޫނެވެ. ރާޖޫ ބަންގަޔެ ޖެންޓްލް މޭން، ޑަރް، ޔެސް ބޮސް އަދި ރާމް ޖާނޭގައި ވެސް ޝާހްރުކް އާއި ޖޫހީ ވަނީ އެކުގައި މަސައްކަތްކޮށްފަ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ޝާހްރުކް ޚާނާއި ޖޫހީ ޗައުލާ 1998 ކުޅުނު "ޑުޕްލިކޭޓް" އިން އެންމެ ފާހަގަ ކޮށްލެވުނު އެއް ކަމަކީ އެ މީހުންގެ ގުޅުމެވެ. މި ދެ ތަރިން އެކުގައި މަސައްކަތްކުރީ ހަމައެކަނި އެ ފިލްމަކު ނޫނެވެ. ރާޖޫ ބަންގަޔެ ޖެންޓްލް މޭން، ޑަރް، ޔެސް ބޮސް އަދި ރާމް ޖާނޭގައި ވެސް ޝާހްރުކް އާއި ޖޫހީ ވަނީ އެކުގައި މަސައްކަތްކޮށްފަ އެވެ.

ވަރަށް ކުރިއްސުރެ ޝާހްރުކް އާއި ޖޫހީގެ ގާތް އެކުވެރިކަމެއް އޮވެ އެވެ. ނަމަވެސް އެ ގުޅުން އެންމެ ބޮޑަށް ބަދަހިވެގެން ދިޔައީ "ޑުޕްލިކޭޓް" ކުޅުނު ދުވަސްވަރު އެވެ. އެ ފިލްމު ރިލީޒްކުރިތާ 19 އަހަރު ފުރުމާ ދިމާކޮށް ހިންދުސްތާން ޓައިމްސް އަށް ޖޫހީ ދީފައިވާ އިންޓަވިއުއެއްގައި އެ ފިލްމާ ގުޅިފައިވާ ވަރަށް ގިނަ ހަނދާންތައް އާކޮށްފައިވެ އެވެ.

ޖޫހީގެ މަންމަ މަރުވެފައި ވަނީ "ޑުޕްލިކޭޓް" ކުޅެން ޖޫހީއާ އެކު ޕްރާގްގައި އުޅެނިކޮށް ހިނގި އެކްސިޑެންޓެއްގަ އެވެ. އޭރު ޖޫހީ ފިލްމު ޝޫޓިންތަކަށް ދާއިރު އަބަދުވެސް މަންމަ ގެންދެ އެވެ.

"ޖެހިގެން އޮތް ދުވަހަކީ ކަރަން ޖޯހަރްގެ އުފަން ދުވަސް ކަމަށްވާތީ މަންމައާއެކު ގޮސް އަހަރެމެން ކަރަން އަށް އުފަން ދުވަހުގެ ހަދިޔާ ވެސް ގަތިން. އަނެއް ދުވަހު ހެނދުނު މަންމަ ދިޔައީ ހެނދުނު ގަޑީގައި ހިނގާލަން ބޭރަށް. ދިޔަ ގޮތަކަށް ނައި. އެއީ ވަރަށް ހިތްދަތި ތަޖުރިބާއެއް. އަހަރެމެން އެ ގައުމަށް ދިޔަތާ ދެ ވަނަ އަށް ވީ ދުވަހު އެކްސިޑެންޓްވެ މަންމަ މަރުވުމުން އަނެއް ދުވަހު އިންޑިއާއަށް ދާން ޖެހުނީ މަންމަގެ ސަންދޯކާ އެކު" ޖޫހީ ކިޔައިދިނެވެ.

ޖޫހީ ބުނި ގޮތުގައި އޭނާގެ ހަޔާތުގައި ކުރިމަތިވި އެންމެ ބޮޑު ހިތްދަތިކަމުގައި އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ ޝާހްރުކް އެވެ. އޭނާއަށް ޝާހްރުކް ބޮޑަށް ދަސްވެ ގުޅުން ބަދަހިވެގެން ދިޔައީ އެ ހާދިސާގެ ސަބަބުންނެވެ.

"އަހަރެންގެ ހިތާމަތަކަށް ލުޔެއް ލިބޭތޯ އެންމެ ބޮޑަށް މަސައްކަތްކޮށްދިނީ ޝާހްރުކް. ޝާހްރުކްގެ މައިންބަފައިން މަރުވެފައިވާތީ، އެކަމުން ކުރާނެ އަސަރު އޭނާއަށް ވަރަށް ރަނގަޅަށް އިހްސާސްވޭ. އެހެންވެ އެކަން ހަނދާން ނައްތާލައި އަހަރެންގެ މޫނަށް އަލުން ހިނިތުން ގެނެވޭތޯ އޭނާ ވަރަށް މަސައްކަތް ކުރި. އަދި އަލުން "ޑުޕްލިކޭޓް"ގެ މަސައްކަތް ފެށުމަށް ވެސް ހިތްވަރު ދީ އެހީތެރިވީ ޝާހްރުކް،" ޖޫހީ ބުނެފައިވެ އެވެ.

ޖޫހީގެ މަންމަ މަރުވިއިރު ޖޫހީ އާއި ޖޭ މެހެތާ ރައްޓެހިވެގެން އުޅުނަސް ކައިވެނި ކުރީ އޭގެ ދުވަސްކޮޅެއް ފަހުންނެވެ. މިހާރު ޖޫހީ އާއި ޖޭ އަށް ދެ ދަރިން ލިބިފައިވެ އެވެ. ދޮށީ ދަރިފުޅު ޖާންވީ އަށް މިއަހަރު 16 އަހަރު ފުރޭނެ އެވެ. އަދި ހަގު ދަރިފުޅު އަރްޖުން އަށް 13 އަހަރެވެ.