Roadha Mihaaru
ޝާހްރުކާއި ޖޫހީގެ ކްރިކެޓް ޓީމަށް ދެ ތަރިންގެ ދަރިން

ޝާހްރުކާއި ޖޫހީގެ ކްރިކެޓް ޓީމަށް ދެ ތަރިންގެ ދަރިން

21 ފެބުރުއަރީ 2021

އިންޑިއަން ޕްރީމިއާ ލީގް (އައިޕީއެލް) ގައި ވާދަކުރާ ކްރިކެޓް ޓީމް ކަލްކަތާ ނައިޓް ރައިޑާ (ކޭކޭއާރް) އަކީ ބޮލީވުގެ ދެ ތަރިން ކަމަށްވާ ޝާހްރުކް ޚާނާއި ޖޫހީ ޗާވްލާގެ ޓީމެކެވެ. އެކީގައި ކާމިޔާބު ރީތި ފިލްމުތަކެއް ކުޅުނު ދެ ތަރިންގެ އިތުރުން އެ ޓީމްގެ އަނެއް ހިއްސާދާރާކީ ޖޫހީގެ ފިރިމީހާ ޖޭ މެހެތާ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއަން ޕްރީމިއާ ލީގް (އައިޕީއެލް) ގައި ވާދަކުރާ ކްރިކެޓް ޓީމް ކަލްކަތާ ނައިޓް ރައިޑާ (ކޭކޭއާރް) އަކީ ބޮލީވުގެ ދެ ތަރިން ކަމަށްވާ ޝާހްރުކް ޚާނާއި ޖޫހީ ޗާވްލާގެ ޓީމެކެވެ. އެކީގައި ކާމިޔާބު ރީތި ފިލްމުތަކެއް ކުޅުނު ދެ ތަރިންގެ އިތުރުން އެ ޓީމްގެ އަނެއް ހިއްސާދާރާކީ ޖޫހީގެ ފިރިމީހާ ޖޭ މެހެތާ އެވެ.

މިހާތަނަށް ޝާހްރުކާއި ޖޫހީ އަކީ ކޭކޭއާރް ހިންގުމުގައި އެންމެ އިސްކޮށް ވެސް ތިބި މީހުންނެވެ. ހާއްސަކޮށް ބިޑްކޮށްގެން ޓީމަށް ރަނގަޅު ކުޅުންތެރިން ހޯދުމާއި ޓީމް ޕްރޮމޯޓްކުރުން ފަދަ ކަންކަމުގަ އެވެ. އެކަމަކު މިދިޔަ ހަފުތާގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކަމަކުން ކޭކޭއާރްގެ ކުރިމަގު ބައްޓަންކުރަން ދެން އިސްކޮށް ނަގާނެ ބަޔަކީ އެ ދެ މީހުންގެ ދަރިންކަން މިހާރު ވަނީ ބެލެވެން ފަށައިފަ އެވެ.

ކުޅުންތެރިން ބިޑްކުރަން ބޭއްވި އޮކްޝަނުގައި މި ފަހަރު ކޭކޭއާރްގައި އިސްކޮށް ބައިވެރިވީ ޝާހްރުކްގެ ދަރިފުޅު އަރިޔަން ޚާން، 23، އާއި ޖޫހީގެ އަންހެން ދަރިފުޅު ޖާންވީ މެހެތާ، 19، އެވެ.

މި ދެ މީހުންގެ ވާހަކަ މިހާރު މީޑިއާތަކުގައި އަންނަނީ ވަރަށް ބޮޑަށް ދެކެވެނުންނެވެ. އަދި ހިންދީ ސިނަމާގައި އެންމެ މަގުުބޫލުވި އެއް ޖޯޑުގެ ގޮތުގައި ފާހަގަކުރެވުނު ޝާހްރުކާއި ޖޫހީގެ ދަރިފުޅު އެއްތާކުން، އެއް ފްރޭމަކުން ފެނުމަކީ ވަރަށް ގިނަ ބައެއްގެ ލޮލުގައި އަޅައިގަތް ވަރަށް ހާއްސަ ކަމަކަށްވި އެވެ. ޓީވީން ނެގި ފޮޓޯއެއް ޖޫހީ ވެސް ޓްވިޓާގައި ހިއްސޮށް ޖާންވީ އާއި އަރިއަން އެކީގައި އެއް މޭޒުދޮށިން ފެނުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ބުނެފައިވެ އެވެ. އަދި އެއީ ޝާހްރުކް ވެސް ޓެގްކޮށެވެ.

އެކަމަކު ޔަގީނުން ވެސް ދެ ތަރިން ފޭނުން އެ ކުދިން ގެންގޮސް ތަތްކޮށްލާނީ ބޮޑު ސްކްރީނުން ފެންނަ "ރީތި ފިލްމަކާ" އެވެ.

އެކަމަކު ބޮޑު މަންޒަރު މިހާތަނަށް ދައްކާ ގޮތުން އަރިއަނާއި ޖާންވީ އަކީ ފިލްމީ ދާއރާ އިން ފެންނާނެ ބައެއް ނޫނެވެ. އެ މީހުންގެ މައިންބައިންގެ ފިލްމީ ތަރިންގެ ގޮތުގައި ކިތަންމެ މަގުބޫލަސް ކާމިޔާބަސް، ދެ ކުދިންގެ ވެސް ފިލްމީ ދާއިރާއަކުން ކުރިއަށް ދިއުމުގެ ވިސްނުމެއް ނެތެވެ. ސީދާ ޝާހްރުކް ވެސް ވަނީ އަރިއަން އެކްޓްކުރަން ބޭނުންނުވާކަން މީޑިއާތަކަށް ޔަގީންކޮށް ދީފަ އެވެ، އެހެންވެ އޭނާ ފިލްމަކުން ފެންނާނެ ކަމަށް އުންމީދުކުރުމުގެ ބޭނުމެއް ނެތެވެ.

އަނެއްކޮޅުން، ޖޫހީގެ ދަރިފުޅު ޖާންވީ އަކީ އެއް އިރެއްގައި ވެސް ފިލްމީ ކަންކަމަށް ޝައުގުވެރިކަން ދިން ކުއްޖެއް ނޫނެވެ. ބައްޕަ ފަދައިން ޖާންވީ އަކީ ވިޔަފާރީގެ ސިކުނޑިއެކެވެ.

އޮކްޝަންގެ ތެރެއިން މި ފަހަރު ދެން އެންމެ އަޅައިގަތް އެއް ކަމަކީ ޝާހްރުކް ސިގްނޭޗާ ސްޓައިލެއް ވެސް އަރިއަންގެ ފަރާތުން ފެނުމެވެ. އެއީ އާންމުކޮށް ޝާހްރުކް އަތުން ބޮލުގެ އިސްތަށިގަނޑު އެއް ފަރާތުން ވަރަށް ސްޓައިލްގައި ރީތިކޮށްލާ ގޮތަށް ހަމަ އަރިއަން ވެސް ހަދަނިކޮށް ފެނުމެވެ.

ކޭކޭއާރް އަކީ އައިޕީއެލްގައި ވާދަކުރާ ޓީމްތަކުގެ ތެރެއިން އެންމެ މަޝްހޫރު އަދި އެންމެ ކާމިޔާބު އެއް ޓީމެވެ. އެހެންވެ ޓީމްގެ ކުރިމަގު ބައްޓަންކުރަން ދެ ޒުވާނަކު ނުކުތުންވެގެން ދާނީ ވަރަށް ވެސް ހާއްސަ ކަމަކަށެވެ.

އެެހެންވީމާ މި އަހަރު ބާއްވާ އައިޕީއެލްގެ 14 ވަނަ ސީޒަނާ އެކު ކޭކޭއާރް އަށް އާންމުންނާއި މީޑިއާތަކުގެ ސަމާލުކަން ލިބޭ މިންވަރު މާ ބޮޑަށް ވެސް އިތުރުވެގެން ދާނެ އެވެ.

ޝާހްރުކާއި ޖޫހީ އެކީގައި ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ޑަރް" އާއި "ޔެސް ބޮސް" އާއި "ޕިރު ބީ ދިލް ހޭ ހިސްދުންތާނީ" އަދި "ޑުޕްލިކޭޓް" ފަދަ ފިލްމުތައް ހިމެނެ އެވެ.

އެ ދެ މީހުން ކުރިން ވެސް ޓިމްގެ ކަންކަމުގައި ހިއްސާވެފައިވެ އެވެ. އެކަމަކު މި ފަހަރު މުބާރާތުގެ ޖާދޫ ތަފާތުވާނެ ކަމަށް ގަބޫލުކުރެވެ އެވެ.