Roadha Mihaaru
ޖައްވުގައި ޕާން ފިހަނީ

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ޕާން ފިހަނީ

11 ޖޫން 2017

ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ "ބޭކް އިން ސްޕޭސް" އިން ކުނޑި ނުހުންނަ ވައްތަރުގެ ޕާނެއް އީޖާދުކޮށްފި އެވެ. އެ މީހުންގެ އުންމީދަކީ އަންނަ އަހަރު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ޕާން ފިހުމެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ "ބޭކް އިން ސްޕޭސް" އިން ކުނޑި ނުހުންނަ ވައްތަރުގެ ޕާނެއް އީޖާދުކޮށްފި އެވެ. އެ މީހުންގެ އުންމީދަކީ އަންނަ އަހަރު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ޕާން ފިހުމެވެ.

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ޕާން ފިހުމަށްޓަކައި، ބޭކް އިން ސްޕޭސް އިން މިހާރު ކުރާ ކަމަކީ، ޖައްވުގައި ބޭނުންކުރަން ކަމުދާ ކަހަލަ އަވަނެއް އީޖާދުކުރުމެވެ.

ޖައްވުގައި ކައިބޮއި ހެދުމަކީ ދަތި އުނދަގޫ ކަމެކެވެ. އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ފަޅުވެރިން ތިބޭއިރު، ކެއިން ބުއިމަށް ބޭނުންވާހާ އެއްޗެއް ގެންދަނީ ބިމުންނެވެ. އެ މީހުންނަށް ޚާއްސަކޮށް އެކި ރަހަތައް މިހާރު އުފެއްދުނު ނަމަވެސް، ރަހަޔަކުން ރަހައެއް ނުލާ ކާނާ ކައިގެން ވެސް، ޖައްވީ އުޅަނދުފަހަރުގައި ފަޅުވެރިން ދަތުރުކުރި އެވެ. އެކަމަކު އަދި އަދަށް ދާންދެން ވެސް، ބިމުގައި އުޅޭ މީހުން ކާހާ އެއްޗެއް، ޖައްވުގައި ތިބޭ މީހުންނަކަށް ނުލިބެ އެވެ.

ޖައްވީ އުޅަނދުފަހަރުގައި ކާން ބޭނުންކުރެވޭ ތަފާތު ބާވާތްތައް

ޖައްވީ އުޅަނދުފަހަރުގައި ކާން ބޭނުންކުރެވޭ ތަފާތު ބާވާތްތައް

ޖައްވުގައި ބޭނުންކުރުމަށް ޚާއްސަ ބާވަތްތަކެއް އުފައްދަން ޖެހެނީ، ބިމުގައި ބޭނުންކުރާހާ އެއްޗެއް، ޖައްވުގައި ބޭނުންނުކުރެވޭތީ އެވެ. މިސާލަކަށް އާންމުކޮށް ބޭނުންކުރެވޭ ޕާނަކީ ކުނޑި ހުންނަ އެއްޗަކަށްވުމުން، ޖައްވީ ސްޓޭޝަންތަކުގައި ބޭނުމެއް ނުކުރެވެ އެވެ. އޭގައި ހުންނަ ކުނޑިތައް ބުރައިގެން ގޮސް، ލޮލަށާއި ކަންފަތަށް އަދި އިލެކްޓްރޯނިކް މެޝިންތަކަށް ވަންނާނެ ކަމަށް އިންޖިނޭރުން ބުނާތީ އެވެ.

ދުނިޔޭގައި ބޭނުންކުރެވޭ މޮޑެލްތަކުގެ އަވަނެއް ވެސް ޖައްވުގައި ބޭނުމެއް ނުކުރެވެ އެވެ. ބިމަށް ދަމާ ބާރު ނެތް ހިސާބުތަކުގައި ހޫނުކުރަން ޖެހެނީ ވެސް ވަކި މެކޭނިޒަމަކުންނެވެ. ޖައްވުގައި ބޭނުންކުރެވޭ އަވަނެއް، އަލުން ބަލުން އީޖާދުކުރަން ޖެހެނީ ވެސް އެހެންވެ އެވެ.

ނާސާގެ ޖެމިނީ ޕްރޮގްރާމްގައި، އުޅަނދު "ޖެމިނީ 3" ގައި ޖައްވަށް ދިޔަ ދެ ފަޅުވެރިއަކު ޖީބުގައި ފޮރުވައިގެން ސޭންޑްވިޗެއް ޖައްވަށް ގެންދިއަ އެވެ. އެ މީހުންނަށް އެ ތަޖުރިބާ ވެގެން ދިޔައީ ބޮޑު ބަދުނާމަކަށެވެ. ބިމަށް ދަމާ ބާރު ފަނޑުވާ ހިސާބުގައި ސޭންޑްވިޗްގެ ކުނޑިތައް ބުރައިގެން ގޮސް، އެއްވެސް ތަނެއްގައި ނުޖެހި ނަށަންފެށި އެވެ. އެ މީހުން ތިބީ ގަންނާކުރެއްވި ބިރުން ހަދާނެ ގޮތް ހުސްވެފަ އެވެ.

ދަތުރު ނިއްމައި ބިމަށް އައުމުން، ކޮނޑު ހުރި އަތް ނޭނގޭ ވަރަށް، އެ ދެ މީހުންނާ ދިމާ އަށް އެއްޗެހި ގޮވި އެވެ. އެ އަށް ފަހު ޖައްވުގައި މުޅިން ވެސް ބޭނުންކުރަނީ ރޮއްޓާ ދާދި އެއް ސިފައަކަށް ފިހެފައި ހުންނަ "ޓޯޓިލާ" އެވެ. ފެން ގިނަ ނުވަތަ ކުނޑި ހުންނަ ޒާތުގެ ބިސްކޯދު ބޭނުމެއް ނުކުރެ އެވެ.

ދުނިޔޭގައި މީހުން ކާހާ އެއްޗެއް ޖައްވީ ފަޅުވެރިންނަށް އުޅަނދުގައި ބޭނުމެއް ނުކުރެވޭ

ދުނިޔޭގައި މީހުން ކާހާ އެއްޗެއް ޖައްވީ ފަޅުވެރިންނަށް އުޅަނދުގައި ބޭނުމެއް ނުކުރެވޭ

ޖަވުގައި ޕާން އަދި ބިސްކޯދު ފަދަ އުފެއްދުންތައް ތައްޔާރުކުރެވެން އެބަ ޖެހެ އެވެ. ރަހަ ތަފާތު ރެސްޓޯރަންޓްތަކާއި ސޫޕްތައް ތައްޔާރުކުރެވެން ޖެހެ އެވެ. އެއް ބަޔަކު އަވަދި ނެތި ޖައްވަށް ފަތުރުވެރިން އުފުލަން މަސައްކަތްކުރާއިރު، ޖައްވުގައި ކާނެ އެއްޗެއް ވެސް ހުންނަން ޖެހެ އެވެ. ގަބޫލުކުރެވޭ ގޮތުގައި ބޭކް އިން ސްޕޭސް އިން އެ ކުރަނީ ޖައްވުގައި ރެސްޓޯރެންޓެއް ހުޅުވަން އެދޭ މީހުންނަށް އެހީތެރިވުމުގެ މަސައްކަތްތަކެކެވެ.