Roadha Mihaaru
ބައްޔަށް ފަހު ޕީޕީއެމަށް ބޮޑު ގޮންޖެހުންތަކެއް

ބައްޔަށް ފަހު ޕީޕީއެމަށް ބޮޑު ގޮންޖެހުންތަކެއް

13 މެއި 2017

ޕީޕީއެމުން ފަހުރުވެރިކަމާ އެކު އަބަދުވެސް ދައްކާ އެއް ވާހަކައެއް އޮވެ އެވެ. އެ ޕާޓީ އުފެދުނު ފަހުން ފުލުފުލުގައި ބޭއްވި ބައި އިލެކްޝަންތައް "ކިހިލި" ޖަހައިގެން ނެގި ވާހަކަ އެވެ. އިލެކްޝަންސް ކޮމިޝަނުން އޭރު ބޭއްވި ވިއްސަށް ވުރެ ގިނަ ބައި އިލެކްޝަންގައި ކައުންސިލްތަކުގެ އެންމެ ގޮނޑިއެއް ވެސް އެމްޑީޕީއަކަށް ނުލިބުނެވެ. އޭގެ ފަހުން ބޭއްވި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ވެސް ކާމިޔާބުކޮށް ސިޔާސީ މައިދާނުގެ ޕީޕީއެމުން "ރަސްކަން" ކުރަން ފެށި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޕީޕީއެމުން ފަހުރުވެރިކަމާ އެކު އަބަދުވެސް ދައްކާ އެއް ވާހަކައެއް އޮވެ އެވެ. އެ ޕާޓީ އުފެދުނު ފަހުން ފުލުފުލުގައި ބޭއްވި ބައި އިލެކްޝަންތައް "ކިހިލި" ޖަހައިގެން ނެގި ވާހަކަ އެވެ. އިލެކްޝަންސް ކޮމިޝަނުން އޭރު ބޭއްވި ވިއްސަށް ވުރެ ގިނަ ބައި އިލެކްޝަންގައި ކައުންސިލްތަކުގެ އެންމެ ގޮނޑިއެއް ވެސް އެމްޑީޕީއަކަށް ނުލިބުނެވެ. އޭގެ ފަހުން ބޭއްވި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ވެސް ކާމިޔާބުކޮށް ސިޔާސީ މައިދާނުގެ ޕީޕީއެމުން "ރަސްކަން" ކުރަން ފެށި އެވެ.

އެކަމަކު މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގެ އެކި ރަށްރަށުގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ ނުކުތީ ދިމާ އިދިކޮޅަށެވެ. ހާލަތު މުޅިން ބަދަލުވެއްޖެ އެވެ. ރައީސް އަބްދުﷲ ޔާމީން ގިނިކަންޏާ ނުކުމެވަޑައިގަތް ބޮޑު ފުރަތަމަ އިންތިހާބުގައި ލިބިވަޑައިގަތީ ވެސް އެހާމެ ބޮޑު ނާކާމިޔާބީއެކެވެ. އިދިކޮޅު ހަތަރު ލީޑަރުންގެ ތާއީދާ އެކު ގިނަ ކައުންސިލްތަކެއްގެ މެޖޯރިޓީ އާއި އާބާދީ ބޮޑެތި ގިނަ ސަރަހައްދުތަކުގެ ކައުންސިލް ވެސް ހޯދީ އިދިކޮޅު އެމްޑީޕީންނެވެ.

ޕީޕީއެމް މަޖިލިސް މެމްބަރުންގެ ހިޔާލު ދެކަފިވެފައި!

އިންތިހާބުގެ ނުކުތް ނަތީޖާ އިން އެންމެ ބޮޑު އަސަރެއް ކުރި އެއް ބަޔަކީ މަޖިލިހުގައި ތިއްބަވާ ޕީޕީއެމްގެ މެމްބަރުންނެވެ. އެ މެމްބަރުން ނިސްބަތްވާ ގިނަ ދާއިރާތަކުގެ ކައުންސިލް ގޮނޑިތައް ނެގީ އެމްޑީޕީންނެވެ. ބައެއް މެމްބަރުން އިއްތިފާގުވާ ކަމެއް އެބަ އޮތެވެ: ރަށްރަށަށް ތަރައްގީ އަޔަސް، ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުވެގެން ނޫނީ ޕީޕީއެމަށާއި ސަރުކާރަށް އާނ ބަސް ނުބުނާނެ ބަޔަކު ތިބި ކަމެވެ.

އަސާސީ ހައްގުތަކުން ރައްޔިތުން މަހްރޫމްކޮށް، ހިދުމަތްތަކުގެ އަގު ބޮޑުކުރުމާ ގުޅިގެން ސަރުކާރަށް ހަނދާނުން ނުފޮހެލެވޭ ވަރުގެ ފިލާވަޅެއް ރައްޔިތުން ދިނީ ކަމަށް އެ މެމްބަރުން ގަބޫލުކުރައްވަ އެވެ.

އަސާސީ ހިދުމަތްތަކުގެ ތެރެއިން ކާޑުގެ އަގަށާއި ކަރަންޓުގެ އަގަށް އައި ބަދަލަކީ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވި. އެހެންވެ، އެކަމުން އިންތިހާބަށް އަސަރު ކުރި --އަބްދުއްރަހީމް
އިންތިހާބަށް ފަހު ޕީޕީއެމް އޮފީހުގައި ބޭއްވި ކައުންސިލް ބައްދަލުވުމުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ

އިންތިހާބަށް ފަހު ޕީޕީއެމް އޮފީހުގައި ބޭއްވި ކައުންސިލް ބައްދަލުވުމުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ

ޕީޕީއެމްގެ މަޖިލިސް މެމްބަރަކު ވިދާޅުވި ގޮތުގައި ރައީސް ޔާމީން ރާއްޖޭގެ ތަރައްގީއަށް ގެންނެވި ފަދަ ބަދަލެއް އިތުރު ވެރިއަކަށް އަދި މިހާތަނަށް ގެންނެވިފައެއް ނެތެވެ. އެކަމަކު ތަރައްގީއަށް ވުރެ ރައްޔިތުން ބޭނުންވީ ހަމަހަމަކަމާއި އިންސާފުކަން ހާމަވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި އަސާސީ ހިދުމަތްތަކުގެ ތެރެއިން ކާޑުގެ އަގަށާއި ކަރަންޓުގެ އަގަށް އައި ބަދަލުން ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވި އެވެ. އެހެންވެ، އެކަމުން އިންތިހާބަށް އަސަރު ކުރި ކަމަށް އޭނާ ވެސް އެއްބަސްވެވަޑައިގަތެވެ.

އެކަމަކު އިންތިހާބުން ސަރުކާރަށާއި ޕީޕީއެމަށް ނާކާމިޔާބީ ލިބުނު ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ. ލޯކަލް ކައުންސިލް އިންތިހާބަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ އެއްވެސް ގުޅުމެއް ނެތް އިންތިހާބެއްގެ އިތުރުން އެމްޑީޕީ އަށް ލޯކަލް ކައުންސިލް އިންތިހާބުގައި ބޮޑު ކަމިޔާބީއެއް ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންތިހާބުގައި ކުރިމަތިވި އަނެއް ސަބަބަކީ، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ޕީޕީއެމްގެ ޓިކެޓްގައި ތިން ކެންޑިޑޭޓުން ނުކުން ތަންތަނަށް ވެސް ޕީޕީއެމްގެ މެމްބަރުން އަމިއްލަ ގޮތުން ވާދަކުރުމެވެ.

ލޯކަލް ކައުންސިލް ތަކުގެ އިންތިހާބުގެ ކެމްޕެއިން ޖަލްސާއެއްގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. -މިހާރު ފޮޓޯ: ހުސައިން ވަހީދު

ލޯކަލް ކައުންސިލް ތަކުގެ އިންތިހާބުގެ ކެމްޕެއިން ޖަލްސާއެއްގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. -މިހާރު ފޮޓޯ: ހުސައިން ވަހީދު

އޭނާ ވިދާޅުވީ އަމިއްލަ ގޮތުން ނިކުމެ ކާމިޔާބުކުރީ "ސީދާ ޕީޕީއެމްގެ އާންމު މެމްބަރުން"ނެވެ. އެ 100 އެއްހާ ކެންޑިޑޭޓުންގެ ތެރެއިން ޕީޕީއެމް ފިކުރުގެ ކެންޑިޑޭޓުންނާއި ޕީޕީއެމަށް މިހާރު ލިބިފައިވާ ގޮނޑިތައް އެއްކޮށްލީމަ އެމްޑީޕީ އަށް ވުރެ ގިނަ ގޮނޑި، ޕީޕީއެމަށް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކައުންސިލް އިންތިހާބަށް ނިކުންނައިރު، ކެންޑިޑޭޓުން ބައްލަވާ، އެންމެ ގިނަ ވޯޓު ލިބޭނީ ކޮން ގޮތަކަށްތޯ. ޕާޓީއަކުން ނުކުމެގެންތޯ ނުވަތަ އަމިއްލަ ގޮތުން ނިކުމެގެންތޯ. ބައެއް ގެތަކުގައި އެބަ ތިބޭ އެމްޑީޕީގެ ސަޕޯޓަރުންނާއި ޕީޕީއެމްގެ ސަޕޯޓަރުންނާއި ޖުމްހޫރީ ޕާޓީގެ މެމްބަރުން. ވަކި ލޭބަލެއްގައި ނުކުމެގެން ވޯޓުލުން މަދުވެދާނެތީ ހުރިހާ ވޯޓެއް ހޯދަން އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން އެބަ އުޅޭ. މިނިވަންކޮށް ހޮވުނު 100 ކެންޑިޑޭޓުންގެ ތެރެއިން 60 ނޫނީ 70 ކެންޑިޑޭޓުންނަކީ ޕީޕީއެމްގެ މެމްބަރުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕީޕީއެމްގެ މެމްބަރުން ރަސްމީ ޕްލެޓްފޯމަށް އަންނާނެ. އެ މަންޒަރު ފެންނާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"ރަސްމީ ނަތީޖާ އަށް ބަލާއިރު، ޕީޕީއެމް މިއޮތީ ދަށުގައި އެމްޑީޕީއަށް ވުރެ، އެކަމަކާ އަޅުގަނޑު ދެކޮޅު ހަދަނީކީ ނޫން. އެ ނަތީޖާއަކީ އަޅުގަނޑުމެންނަށް 2018 ގެއްލޭނެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެކަމަކު މިއީ ބަލި ގަބޫލުނުކުރަން ޕީޕީއެމުން ދައްކާ ވާހަކައެއް ކަމަށް އިދިކޮޅު މީހުން ބުނެ އެވެ. އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދުކުރާ އެތައް ބަޔަކު އަމިއްލަ ކެންޑިޑޭޓުންގެ ތެރޭގައި ވެސް ތިބޭނެތީ، އަބްދުއްރަހީމްގެ ވާހަކަ އަކީ "ތާކުންތާކުނުޖެހޭ" ވާހަކައެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދެކެ އެވެ. މައުމޫން މިހާރު ވެސް ވަނީ އަމިއްލަ ކެންޑިޑޭޓުން، އިސްލާހީ މަސައްކަތުގައި އެހީތެރިވެ ތިބެން ގޮވާލައްވައިފަ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެއީ ސަރުކާރާ އިދިކޮޅު އިއްތިހާދާ އެކު ތިބުމެވެ.

ބަލި ގަބޫލުނުކޮށް ގިނަ ވާހަކަތަކެއް

"މިހާރު" އާ ވާހަކަ ދެއްކެވި ޕީޕީއެމް އެހެން މެމްބަރުންގެ ޝަކުވާއަކީ އެ ޕާޓީގެ ލީޑާޝިޕުގެ ބޭފުޅުން ބަލި ގަބޫލު ނުކުރެއްވުމެވެ. އާބާދީ ބޮޑެތި ރަށްތަކުން ޕީޕީއެމަށް ލިބުނު ނާކާމިޔާބީން ބޮޑު ހައިރާންކަމެއް ލިބިވަޑައިގެންނެވި ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.

"ސަރުކާރުން ގިނަ މަޝްރޫއުތަކެއް ހިންގަނީ އާބާދީ ބޮޑެތި ރަށްރަށުގައި. އެހެންވީމަ ތަރައްގީ ފެނިފައި ވެސް ރައްޔިތުން ނުކުމެ ޕީޕީއެމް ކެންޑިޑޭޓުންނަށް ވޯޓު ނުދޭން ނުނިކުތީ ކީއްވެތޯ؟" މެމްބަރަކު ސުވާލުކުރެއްވި އެވެ.

"މީގައި އޮތީ ދެ ސަބަބެއް. ކައުންސިލަރުންނަށް ބާރެއް ނެތީމަ ރައްޔިތުން ފޫހިވީ. ދެވަނަ ސަބަބަކީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ވޯޓުލާން ފޫހިވީ."

އަބްދުއްރަހީމް ވެސް ވިދާޅުވީ އިންތިހާބުގެ ނަތީޖާ އިން ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ. އެ ގޮތުން ރަށްރަށަށް އަންނަ ތަރައްގީ އަށް ވުރެ މުހިންމު ކަންތައްތަކެއް ހުރިކަން އިންތިހާބުން އެނގުނު ކަމަށާއި ސަރުކާރުން އެކަމަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފެންނަނީ އަދިވެސް އެ މަންޒަރެއް ނޫން. ބަލި ގަބޫލު ކުރައްވާފައި ކުރިއަށް ވަޑައިނުގަންނަވާތީ މައްސަލައަކީ. އަދިވެސް މަސައްކަތް ކުރައްވަނީ ޖަދަލުކުރައްވަން،" - މެމްބަރެއް

"އަޅުގަނޑު ގަބޫލު ކުރަނީ ރައީސްގެ ވިސްނުންފުޅުގައި ހުންނާނެއޭ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯއްދަވައި ދެއްވުމުގައި. އުންމީދަކީ ކުރިއަށް އޮތް ތަނުގައި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ލިބިގެން ދިއުން،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ހިޔާލު ތަފާތު މެމްބަރުން ވިދާޅުވާ ގޮތުގައި ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ގައުމުގެ ކަންކަން އިސްލާހު ނުކުރާ ނަމަ، ރައީސް ޔާމީނަކަށް ރިޔާސީ ކާމިޔާބު ކާމިޔާބެއް ނުކުރެއްވޭނެ އެވެ.

"ރައީސަށް އޮތީ ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތް ކުރެއްވުން. އެހެންނޫނީ 2018 ގެ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ފަސޭހަ ކަމަކަށް ނުވާނެ ކާމިޔާބު ކުރަން،" މެމްބަރަކު ވިދާޅުވި އެވެ.

"އެކަމަކު ފެންނަނީ އަދިވެސް އެ މަންޒަރެއް ނޫން. ބަލި ގަބޫލުކުރައްވާފައި ކުރިއަށް ވަޑައިނުގަންނަވާތީ މައްސަލައަކީ. އަދިވެސް މަސައްކަތް ކުރައްވަނީ ޖަދަލުކުރައްވަން."

ރައީސް ދެއްވީ ކުރު ޖަވާބެއް، ކުރިއަށް ވަޑައިގަންނަވާ!

ޕީޕީއެމްގެ މެމްބަރުންގެ ފަރާތުން އެނގުނު ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއާ ގުޅިގެން ރައީސް ޔާމީން ދެއްވީ ވަރަށް ކުރު ޖަވާބެކެވެ.

"ރައީސް ވިދާޅުވީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އިނގިލި ދިއްކޮށް ނުހެދުމަށް. ފިލާވަޅެއްގެ ގޮތުގައި ބަލައިގަނެ، މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ގެންދިއުމަށް،" ނަން ޖަހަން ބޭނުންނުވާ މެމްބަރަކު ވިދާޅުވި އެވެ.

އެކަމަކު ޕީޕީއެމް ތެރޭގައި އެއް ބަޔަކު އަނެއް ބަޔަކު ގޯސްކުރުން އެބަ އޮތެވެ. އެގޮތުން ބައެއް މެމްބަރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެއްވި ކަމަށް ވިދާޅުވެ، އެހެން މެމްބަރުންނަށް ބަހުގެ ހަމަލާތައް ދެއްވި އެވެ. އެހެންކަމުން މިވަގުތު ހުރިހާ މެމްބަރުން އެއް ތަނަކުން ބައްދަލުވެ މަޝްވަރާކުރެވޭ ވަރަށް މާޔޫސްކަމާއި ޝަކުވާތައް އަދި ނުފިލަ އެވެ.

ރައީސް ޔާމީން ވިދާޅުވި ކަމަށް ވަނީ ނިމުނު ކަމެއް ނިމުނީ ކަމަށް ބަލާފައި ރިޔާސީ އިންތިހާބަށް މަސައްކަތް ފެށުމަށެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިން ވަރުގަދަ ކުރުމެވެ.

އެކަމަކު ކައުންސިލް އިންތިހާބުން ނުކުތް ނަތީޖާ އަކީ ކުޑަ މެސެޖެއް ނޫނެވެ. އެހެންކަމުން ރައްޔިތުން އެ ބުނި އެއްޗަކާ ފުންކޮށް ވިސްނައި، ސަރުކާރުން ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅުނުކޮށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުން ކުރާނެ އަސަރެއް ނޯންނާނެ ކަމަށް ބައެއް މެމްބަރުން ދެކެ އެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ކޮންޓްރޯލް ހޯދަން އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތުގެ ހިޔަނި ވެސް އެކަމަށް އެޅޭނެ އެވެ.