Roadha Mihaaru
ޕީޕީއެމްގެ ޕްރައިމަރީއަކަށް ހުޅުވައެއް ނުލެވޭނެ:މައުމޫން

ޕީޕީއެމުގެ ޕްރައިމަރީއަކަށް ހުޅުވައެއް ނުލެވޭނެ: މައުމޫން

17 ޖެނުއަރީ 2017

ކުރިއަށް އޮޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޕީޕީއެމްގެ ޕްރައިމަރީ މި މަހު 27 ގައި ބާއްވާނެ ކަމަށް އިއުލާނުކޮށްފައިވީ ނަމަވެސް އެ ޕްރައިމަރީ ނުބޭއްވޭނެ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކުރިއަށް އޮޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޕީޕީއެމްގެ ޕްރައިމަރީ މި މަހު 27 ގައި ބާއްވާނެ ކަމަށް އިއުލާނުކޮށްފައިވީ ނަމަވެސް އެ ޕްރައިމަރީ ނުބޭއްވޭނެ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޕްރައިމަރީ ބާއްވަން އިއުލާނުކޮށްފައިވީ ނަމަވެސް އެއީ ޕާޓީގެ ހިންގާ ގަވައިދާއި އަސާސީ ގަވައިދާ ހިލާފަށް ކުރާ ކަމެއް ކަމަށެވެ. އެހެންވެ، އެ ޕްރައިމަރީގައި ބައިވެރިނުވުމަށް، މައުމޫން ގޮވައިލެއްވި އެވެ.

އެކަމަކު އެ ޕާޓީގެ މުޝްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތަކުގެ ތެރެއިން 64 ދާއިރާގެ ޕްރައިމަރީ ބާއްވަން ޖެހޭ ކަމަށާއި މާލެ އާއި އަތޮޅުތަކުގައި ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވާން ފަށާފައިވާ ކަމަށެވެ.

މައުމޫން ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިހާބުތައް ހިންގައި ބަލަހައްޓާނީ، އެ ޕާޓީގެ އިންތިހާބު ކޮމެޓީން ކަމަށާއި އެކަމަކު ޕްރައިމަރީ ބާއްވަން އިއުލާން ކުރީ އެ ކޮމެޓީގެ އެއްވެސް މަޝްވަރާއަކާ ނުލައި ކަމަށެވެ.

އިންތިހާބާ ބެހޭ ކޮމެޓީން ކުރިން ބުނެފައިވާ ގޮތުގައި އެ ކޮމެޓީގެ ހުރިހާ ކަމެއް ކުރިއަށް ގެންދާނީ. ތެމާގައި ހުންނަ މައި އޮފީހުގަ އެވެ.

މައުމޫން ފާހަގަކުރެއްވި ގޮތުގައި، ޕްރައިމަރީތަކުގެ އިންތިހާބީ ވިލަރެސްވެރިޔާ އަކީ އެ ކޮމެޓީގެ ރައީސް އެވެ. އަދި އިންތިހާބުގެ ހުރިހާ ކަމެއް ވިލަރެސް ކުރާ މައި މުއައްސަސާއަކީ ޕާޓީގެ އިންތިހާބު ކޮމެޓީކަމަށް އެ ޕާޓީގެ އަސާސީ ގަވައިދުގައި ކަނޑައަޅާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންވެ، އެހެން ބަޔަކު ޕާޓީގެ ނަމުގައި ޕްރައިމަރީއެއް ބޭއްވުން ވާނީ ގަވައިދާ ހިލާފު ކަމެއް ކަމަށާއި ޕާޓީގެ މެމްބަރުން ވާދަކުރަން ވާނީ އެ ޕާޓީގެ އިންތިހާބު ކޮމެޓީގެ ދަށުން ބާއްވާ ޕްރައިމަރީގައި ކަމަށް މައުމޫން ވިދާޅުވި އެވެ.

އަދި ޕާޓީގެ އަސާސީ ޤަވައިދާ ޚިލާފަށް އެކަން އެ ކުރަނީ ވަކި ބަޔަކަށް މަންފާތަކެއް ހޯދައި ދިނުމަށް ކަމަށް ވެސް މައުމޫން ތުހުމަތު ކުރައްވަ އެވެ.

"ޕާޓީގެ ހިންގާ ގަވާއިދާއި އަސާސީ ގަވައިދާ ހިލާފަށް ބާއްވާ އިންތިޚާބުތައް ސައްހައެއް ނުވާނެ އެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި ޕާޓީގެ ނަމުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން މިކަމަށް ސަމާލުވުމަށާއި ޕާޓީގެ އަސާސީ ޤަވައިދާ ޚިލާފަށް ޢަމަލު ކުރައްވާ ފަރާތްތަކުން އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސް ކުރަމެވެ." މައުމޫން ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރުދުވަހު ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން ހަމަޖައްސާފައި ވަނިކޮށް، އެ އިންތިޚާބު އިތުރު ދެ މަހަށް ފަސްކުރަން ކޯޓުން އަމުރުކުރީ ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާ ހެދި، އިންތިޚާބަށް ތައްޔާރު ނުވެވުމުންނެވެ. ޕީޕީއެމްގެ ތެރޭގައި މައްސަލަ ބޮޑުވީ ރައީސް ޔާމީނާއި ޕާޓީގެ ރައީސް މައުމޫނާ ދެމެދު ޚިޔާލު ތަފާތުވެ، ޕާޓީ ދެބައި ވުމުންނެވެ.