Roadha Mihaaru
ސޮފްޓްވެއާ މަސައްކަތަކަށް ލެބޯޓަރީ ޓެސްޓްތައް މަދުކޮށްފި

އައިޖީއެމްއެޗު ލެބޯޓަރީގައި މާދަމާއާ ހަމައަށް ކުރެވޭނީ އިމަޖެންސީ ޓެސްޓްތައް އެކަނި

13 މެއި 2017

އައިޖީއެމްއެޗްގެ ލެބޯޓަރީގައި ބޭނުންކުރާ ސޮފްޓްވެއާ އަޕްގްރޭޑްކުރުމުގެ މަސައްކަތާ އެކު މިވަގުތު ހަދަނީ ހަމައެކަނި އިމަޖެންސީ ޓެސްޓްތައް އެކަނި ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އައިޖީއެމްއެޗްގެ ލެބޯޓަރީގައި ބޭނުންކުރާ ސޮފްޓްވެއާ އަޕްގްރޭޑްކުރުމުގެ މަސައްކަތާ އެކު މިވަގުތު ހަދަނީ ހަމައެކަނި އިމަޖެންސީ ޓެސްޓްތައް އެކަނި ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލުގެ ލެބޯޓަރީގައި މެމޯ ހެދުން ކޮންޓްރޯލްކުރުމުން މިއަދު ހެނދުނު އެތަނުގައި މީހުންތައް ތޮއްޖެހުނެވެ. ހިދުމަތަށް އެރި ބުރުލާ އެކު ގިނަ ބަޔަކު ޝަކުވާކޮށްފައިވެ އެވެ.

އައިޖީއެމްއެޗުގެ އޮފިޝަލަކު ވިދާޅުވީ ހަފުތާ ބަންދާ ދިމާކޮށް ފެށި މަސައްކަތް މިއަދަށް ނިންމާލެވޭތޯ ބެލި ކަމަށެވެ. ނަމަވެސް އެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް މިހާރު ލަފާކުރެވެނީ މިރޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސޮފްޓްވެއާ އަޕްގްރޭޑްކުރުމުގެ މަސައްކަތަށް ހިދުމަތް މުޅިން މެދުކަނޑައެއް ނުލަން. ނަމަވެސް ބޭނުންކުރާ ސިސްޓަމްތައް މަދުވީމަ ހިދުމަތް ލަސްވީ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުވާލަކު އެތައް ސަތޭކަ ބަޔަކު ޓެސްޓް ހަދަން އަންނަ ލެބޯޓަރީގެ ސިސްޓަމްތައް އަޕްގްރޭޑްކުރަން ޖެހުނީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން ކަމަށެވެ. އަދި އެއީ ރާއްޖޭގައި ހުރި އެންމެ ޑިމާންޑް ބޮޑު ލެބޯޓަރީ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ޖެހުނީ މި މަސައްކަތްކުރުމަށް މެމޯ ހެދުން މަދުކުރަން. އެހެންވެ މިއަދު ހެނދުނު އެހާ ބާރު ބޮޑުވި. ނަމަވެސް މެންދުރުފަސްވިއިރު މީހުންތައް މަދުވެއްޖެ،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ކުރިއެކޭ އެއްގޮތަށް ލެބޯޓަރީގެ ހިދުމަތް މާދަމާ ހެނދުނުން ފެށިގެން ލިބޭނެ ކަމަށެވެ.