Roadha Mihaaru
ކޮވިޑް-19ގެ ޓެސްޓު ހަދަން 16 މީހަކު ތަމްރީނުކޮށްފި

ކޮވިޑް-19ގެ ޓެސްޓު ހެދުމަށް 16 މީހަކު ތަމްރީނު ކޮށްފިން: އައިޖީއެމްއެޗް

23 އެޕްރީލް 2020

ކޮރޯނާވައިރަހަށް ޝައްކުވާ މީހުންގެ ޓެސްޓުތައް ހެދުމަށް މިހާތަނަށް 16 މީހަކު ތަމްރީނު ކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮރޯނާވައިރަހަށް ޝައްކުވާ މީހުންގެ ޓެސްޓުތައް ހެދުމަށް މިހާތަނަށް 16 މީހަކު ތަމްރީނު ކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

މި މަހުގެ 19 ން 25 ގެ ނިޔަލަށް ފާހަގަކުރަމުން އަންނަ "ލެބޯރެޓަރީ ޕްރޮފެޝަނަލް ވީކް" އާ ގުޅިގެން އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ، މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެ އިން ފެނުނު އިރު، އެ ބަލި ދެނެގަތުމަށް ކުރާ ޕީސީއާރު ޓެސްޓް ހެދުމުގެ ތަމްރީނު ލިބިފައި ވަނީ އެ ހޮސްޕިޓަލްގެ އެންމެ ތިން މީހަކަށް ކަމަށެވެ.

ނަމަވެސް މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ކޮވިޑް-19 ރާއްޖެ އިން ފެނުމާއެކު، ލެބޯރެޓަރީގެ މަސައްކަތްތައް ވަރުގަދަކޮށް، ހަރުދަނާ ކުރުމުގެ ގޮތުން އިތުރު ޓެކްނީޝަނުން މި ކަމަށް ހާއްސަކޮށް ތަމްރީނު ކުރި ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ. އެގޮތުން އެ ހޮސްޕިޓަލްގެ ލެބޯރެޓަރީގެ 13 މީހުންނާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ލެބޯރެޓަރީގެ އިތުރުން ޝީ ގެ ދެ މީހުންނާ އެކު ޖުމުލަ 16 ޕްރޮފެޝަނަލުން މިހާރު ކޮވިޑް ޕީސީއާރަށް ތަމްރީން ކޮށްފައިވާ ކަމަށް ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލުން ބުންޏެވެ.

އައިޖީއެމްއެޗުން ބުނިގޮތުގައި، އެ ހޮސްޕިޓަލްގެ ލެބޯރެޓަރީގެ ހަތަރު މީހެއްގެ އިތުރުން ފުލުހުންގެ ލެބޯރެޓަރީގެ އެކަކު މިހާރު ވެސް އަންނަނީ ޚާއްސަ ތަމްރީނުތައް ހަދަމުންނެވެ.

އައިޖީއެމްއެޗުން ބުނާގޮތުގައި، ރާއްޖެއިން ކޮވިޑް-19 ފެނުމާއެކު، އެތަނުގެ ލެބޯރެޓަރީން އެންމެ ބޮޑު އިސްކަމެއް ދީގެން މިހާރު ކުރަނީ މި ބައްޔަށް ކުރާ ޓެސްޓުތަކުގެ މަސައްކަތް ކަމަށެވެ. އެކަމުގައި އެހެން ބައެއް ޓެކްނީޝަނުންގެ އެހީތެރިކަން ވެސް ހޯދަ އެވެ.

އެގޮތުން، ޓެސްޓު ސާމްޕަލެއް ލިބުމުން އެ ކެރީ ކުރާ ކޮންޓެއިނާ ޑިސްއިންފެކްޓް ކުރުމުން ފެށިގެން ގޮސް ސާމްޕަލް ޕްރޮސެސްކޮށް ނަތީޖާ ދޫކުރުމާ ހަމައަށް ވެސް ހުރިހާ މަސައްކަތެއްގައި ލެބޯރެޓަރީގެ މުވައްޒަފުން އަވަދިނެތި މަސައްކަތް ކުރަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

އެ ހޮސްޕިޓަލުން ބުނީ، ލެބޯރެޓަރީގެ ޚިދުމަތްތައް ހުރި މިންވަރަށް ބަލައި މި ކަމަށް އިތުރަށް ތައްޔާރުވެ، ކަންކަން ހަރުދަނާ ކުރުން ވެސް ކުރިއަށް ދެ އެވެ. މިހާރު ޕްރޮސެސް ކުރަނީ ކޮންމެ 24 ގަޑިއިރަކުން 300 ސާމްޕަލް ކަމަށް ވިޔަސް ކުރިމަގުގައި އެ ކަން އިތުރަށް ރަނގަޅު ކުރާނެ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.