14 މެއި 2017
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ޕާސްޕޯޓް އަދިވެސް ހިފަހައްޓާފައި އޮތުމުން އޭނާ އަށް މިއަދު އިންޑިއާ އަށް ފުރާވަޑައިގެންނެވޭ ގޮތެއް ނުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ޕާސްޕޯޓް އަދިވެސް ހިފަހައްޓާފައި އޮތުމުން އޭނާ އަށް މިއަދު އިންޑިއާ އަށް ފުރާވަޑައިގެންނެވޭ ގޮތެއް ނުވި އެވެ.
ފާރިސް "މިހާރު" އަށް ވިދާޅުވީ ޕާސްޕޯޓް ހިފަހައްޓާފައި އޮތްކަން އެނގިވަޑައިގަތީ އިންޑިއާގެ ބެންގަލޫރަށް ވަޑައިގަތުމަށްޓަކައި މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިމިގްރޭޝަންގެ މަރުހަލާތައް ވެސް ނިންމެވި ފަހުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ދަށު ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓް ހިފަހައްޓަން އެ ކޯޓުން ކަނޑައެޅި މުއްދަތު ހަމަވެފައިވާ ކަމަށް ކުރިން އޮތީ އެނގިވަޑައިގެންފަ އެވެ.
"ފުލުހުން [ކުރިން] އަޅުގަނޑަށް ގުޅުއްވާފައި ވިދާޅުވެފައި އޮތީ މި އަހަރުގެ މާޗް 29 އިން އޭޕްރީލް 28 އަށް ރާއްޖެ އިން ބޭރަށް ދަތުރުކުރުން މަނަލޭ. އެ މުއްދަތު ފާއިތުވެ މިހާރު ގޮސްފި. އަޅުގަނޑުގެ ޕާސްޕޯޓް ހިފަހައްޓަން އެ ނޫނީ އިތުރު އަމުރެއް ނެރުނު ކަމެއް އެނގިފައެއް ނެތް،" ސިޔާސީ އިދިކޮޅު ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ ފާރިސް ވިދާޅުވި އެވެ.
ފާރިސް ބެންގަލޫރަށް ވަޑައިގަންނަވަން އުޅުއްވީ އެތަނުގައި މިހާރު ސިއްހީ ބޮޑު ބައްޔަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ އޭނާގެ ބޮޑުދައިތަގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވުމާ ގުޅިގެންނެވެ. ފާރިސް ނިންމަވާފައި އޮތީ ބެންގަލޫރަށް މިއަދު ވަޑައިގަތުމަށް ފަހު، މާދަމާ އެނބުރި ރާއްޖެ ވަޑައިގަތުމަށެވެ.
ފާރިސް ވިދާޅުވީ އާއިލީ ބޮޑު ކަމެއްގައި ކުރައްވަން އުޅުއްވި ދަތުރަށް ހުރަސް އެޅުމުން އެކަމާ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ.
އޭނާ ފަހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ވަޑައިގެން އިމިގްރޭޝަނާ ގުޅޭ ކަންކަން ނިމުމުން، ފުރާވަޑައިނުގެންނެވޭނެކަން އިމިގްރޭޝަން އޮފިސަރަކު އެންގެވި ކަމަށެވެ. އަދި އެއީ ފާރިސް ރާއްޖެ އިން ބޭރަށް ފުރުން މަނާކޮށް، ކްރިމިނަލް ކޯޓުގެ އަމުރެއް އިމިގްރޭޝަނަށް ފޮނުވާފައި އޮތުމުން ކަމަށް އެ އޮފިސަރު ދެންނެވި ކަމަށް ފާރިސް ވިދާޅުވި އެވެ.
"އަދި އެއަށް ފަހު އަޅުގަނޑުގެ ޕާސްޕޯޓް އެ ފަރާތުގެ ބެލުމުގެ ދަށަށް ވަނީ ގެންދަވާފަ އެވެ،" ބަޔާނުގައިވެ އެވެ.
ފާރިސް ވިދާޅުވި ގޮތުގައި އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކޯޓުން ކުރިން ނެރުނު އަމުރުގެ މުއްދަތު ހަމަވި ފަހުން، ރާއްޖެ އިން ބޭރަށް ފުރުން މަނާކޮށްފައިވާކަން، ދައުލަތުގެ އެއްވެސް އިދާރާއަކުން އަންގާފައެއް ނެތެވެ.
"...އަދި އަޅުގަނޑުގެ އެެއްވެސް މައްސަލައެއް ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި މިހާރު ކުރިއަށް ގެންދާނަމަ، އެ މައްސަލައެއް ވީހާވެސް އަވަހަކަށް ތަހުގީގު ކުރައްވައި ފިޔަވަޅެއް އަޅާ ނަމަ، އެ ފިޔަވަޅެއް ވެސް ވީހާވެސް އަވަހަކަށް އަޅައި، އެ މައްސަލަތައް އަވަހަށް ކުރިއަށް ގެންގޮސް ދެއްވުމަށް މި ފުރުސަތުގައި ގޮވާލަމެވެ،" ފާރިސްގެ ބަޔާނުގައިވެ އެވެ.
ފާރިސް ވިދާޅުވީ އޭނާއާ ގުޅޭ ގޮތުން މައްސަލަތަކެެއް ތަހުގީގު ކުރާކަން ނާންގައި އަދި ޕާސްޕޯޓް ހިފަހއްޓައިގެން އުޅެނީ ސިޔާސީ ގޮތުން ބިރު ދެއްކުމަށް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި ހުރިހާ ދަތިތަކެއް ކުރިމަތިވެވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކިކުރުމަށް މަޖިލިހަށް ހުށަހެޅުއްވި ހިސާބުން ފެށިގެންނެވެ.
މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވުމުގައި އެންމެ އިސްކޮށް ހުންނެވީ ފާރިސް އެވެ.
ފާރިސް މީގެ ކުރިން ތަކުރާރުކޮށް އެތައް ފަހަރަކު ފުލުސް އޮފީހަށް ހާޒިރުކުރި އެވެ. އަދި ދައުލަތުން ކޮށްފައިވާ ޚަރަދެއް އަނބުރާ ނުދައްކާ ކަމަށް ބުނެ، އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފުލުހުން މައްސަލަ ފޮނުވި އެވެ. ނަމަވެސް ޖިނާއީ މައްސަލަތަކުގައި ދައުވާކުރުމަށް ގާނޫނުލް އުގޫބާތުގައި ދީފައިވާ މުއްދަތު ފާއިތުވެފައިވާތީ، އެ މައްސަލާގައި ދައުވާ ކުރެވެން ނެތް ކަމަށް ނިންމައި، އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.
އެކަމަކު މަސީހު މަގާމުން ދުރުކުރުމަށް މާޗް 27 ގައި ނެގި ވޯޓާ ގުޅުވައިގެން، މެމްބަރުންނަށް ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމުގެ ތުހުމަތު ފާރިސްގެ މައްޗަށް ކޮށް، އޭނާ ވަނީ މިދިޔަ މަހުގެ 24 ގައި ވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. ނަމަވެސް އެ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރު ކުރައްވައިފަ އެވެ.
ފާރިސް އަށް ހުރަސް ނާޅަން އެމްޑީޕީން ގޮވާލައިފި
އުމަރު ނަސީރުގެ ޕާސްޕޯޓް ހިފަހައްޓައިފި
ޝިދާތާގެ ޕާސްޕޯޓު އަދިވެސް ހިފަހައްޓާފައި
ވަގު ޕާސްޕޯޓެއްގައި އައި ތިން މީހަކު ހިފަހައްޓައިފި
ސަރަހައްދުގެ އެއް ވަަނައިގައި އަދިވެސް ދިވެހި ޕާސްޕޯޓް
އޮޅުވާލައިގެން ރާއްޖެ އައި ބިދޭސީންތަކެއް ހުއްޓުވައިފި
ކޮންމެ އަތޮޅަކުން ޕާސްޕޯޓް ހެއްދޭނެ ގޮތް ހަދަނީ
ޕާސްޕޯޓާއި އައިޑީއަށް މެނުއަލްކޮށް ހުށަހެޅޭގޮތް ހަދަނީ
މަންޑޭގެ ޕާސްޕޯޓް އިމިގްރޭޝަނާ ހަވާލުކުރަންޖެހޭ
ކޭޕާކާ ގުޅޭ އިތުރު 2މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި