Roadha Mihaaru
ފާރިސް އަށް ހުރަސް ނާޅަން އެމްޑީޕީން ގޮވާލައިފި

ފާރިސް އަށް ހުރަސް ނާޅަން އެމްޑީޕީން ގޮވާލައިފި

15 މެއި 2017

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ޕާސްޕޯޓް ހިފަހައްޓައި، އޭނާގެ އާއިލާގެ ބޭފުޅުންގެ އަރިހަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ހުރަސްނޭޅުމަށް އިދިކޮޅު އެމްޑީޕީން މިރޭ ގޮވާލައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ޕާސްޕޯޓް ހިފަހައްޓައި، އޭނާގެ އާއިލާގެ ބޭފުޅުންގެ އަރިހަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ހުރަސްނޭޅުމަށް އިދިކޮޅު އެމްޑީޕީން މިރޭ ގޮވާލައިފި އެވެ.

އެމްޑީޕީން މިގޮތަށް ގޮވައިލީ، އިންޑިއާގެ ބެންގަލޫރުގައި މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާ ފާރިސްގެ ބޮޑުދައިތަގެ ހާލު ބެއްލެވުމަށް އިއްޔެ ފުރާވަޑައިގަންނަވަން އުޅުއްވި ނަމަވެސް، ފާރިސްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން ފުރާވަޑައިގެންނެވޭ ގޮތް ނުވުމުންނެވެ.

ފާރިސް ވިދާޅުވެފައި ވަނީ ޕާސްޕޯޓް ހިފަހައްޓާފައި އޮތްކަން އެނގިވަޑައިގަތީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޗެކިން ނިންމަވައި، އިމިގްރޭޝަންގެ މަރުހަލާތައް ވެސް ފުރިހަމަ ކުރެއްވި ފަހުން ކަމަށެވެ. އަދި ފުރާވަޑައިނުގެންނެވޭނެކަން އަންގައި، އޭނާގެ ޕާސްޕޯޓް ވެސް އިމިގްރޭޝަންގެ ބެލެމުގެ ދަށަށް އިއްޔެ ގެންގޮސްފައިވާ ކަމަށް ފާރިސް ވިދާޅުވެފައިވެ އެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީން ފާރިސްގެ ދިފާއުގައި ނެރުނު ބަޔާނުގައި ބުނީ، ކުރިން އެންގުމަކާ ނުލައި، ޕާސްޕޯޓް ހިފަހައްޓައި އޭނާ އަށް ރާއްޖެ އިން ބޭރަށް ވަޑައިނުގެންނެވޭ ގޮތް އެއްވެސް ހަމައެއް ނެތި މަނާކޮށްފައިވާތީ، އެކަން ކުށްވެރި ކުރާ ކަމަށެވެ.

"އަދި މިހާރުން މިހާރަށް ފާރިސް މައުމޫނަށް ފުރާވަޑައިގެންނެވޭނެ ގޮތް ހަމަޖެއްސުމަށް ދައުލަތުގެ އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ،" އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީއާ ގުޅިވަޑައިގެން ސިޔާސީ އިދިކޮޅު މަސައްކަތްތަކުގައި އެންމެ އިސްކޮށް އުޅުއްވާ ފާރިސް އަށް ތާއީދުކޮށް އެމްޑީޕީން ނެރުނު ބަޔާނުގައިވެ އެވެ.

އެ ޕާޓީން ބުނިގޮތުގައި ފާރިސްގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ކަމަށް އެންގި ނަމަވެސް، އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ސަރުކާރުގެ އެއްވެސް އިދާރާއަކުން އޭނާ އަށް އަންގައިފައެއް ނުވެ އެވެ.

"މީގެ ކުރިން ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވީ ނަމަވެސް އަމުރުގެ މުއްދަތު މިހާރު ފަހަނަޅައި ދިއުމަށް ފަހު، އަލުން ޕާސްޕޯޓު ހިފެއްޓި ކަމުގެ އެއްވެސް މައުލޫމާތެއް ދީފައި ނުވާކަން ފާހަގަ ކުރަމެވެ. އެފަދަ ކަމެއް ކުރުމުގެ އެއްވެސް ސަބަބެއް ދައުލަތުގެ އެއްވެސް މުވައްސަސާއަކުން ހާމަކޮށްފައި ނުވާކަން ވެސް ފާހަގަ ކުރަމެވެ،" އެމްޑީޕީން ބުންޏެވެ.

"ފާރިސް މައުމޫންގެ ޕާސްޕޯޓު ހިފަހައްޓައި އާއިލާގެ ބޭފުޅަކަށް ޒިޔާރަތް ކުރުމަށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިއީ އެއްވެސް ހަމައެއް ނެތް ގޮތުގައި ސަރުކާރާ ވާދަވެރި ސިޔާސީ ފަރާތްތަކަށް ދުއްތުރާ ކުރުމުގެ ތެރެއިން ކުރެވޭ ރަހުމް ކުޑަ ކަމެއް ކަމުގައި ޤަބޫލުކުރަމެވެ."

އެމްޑީޕީން ބުނީ ސިޔާސީ ގޮތުން ސަރުކާރު ބަލިކަށިވެ، އެއްވެސް ފަރާތަކާ ވާދަކުރުމުގެ ހިތްވަރު ނެތުމުން، ސަރުކާރުން ހިންގާ ކޮންމެ އަމަލަކީ ހުދުމުހުތާރު ވެރިކަމެއް ދަމަހައްޓަން ކުރާ މަސައްކަތެއް ކަމަށެވެ. އަދި ކޯޓުތައް މެދުވެރިކޮށް ގާނޫނުއަސާސީ އަށް ބަދަލު ގެނައުމާއި ސިޔާސީ ލީޑަރުން ޖަލަށްލުމާއި އަސާސީ ހައްގުތަކުން މަހްރޫމް ކުރުވުމާއި ސިޔާސީ ޕާޓީތަކުގެ ބާރު ކަނޑުވާލުމާއި ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތައް ހިސޯރު ކުރުމަކީ ދިވެހިން ބަލައިގަންނަ ކަންކަން ނޫންކަން، މި މަހުގެ ހަވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުން ވެސް ހާމަވާ ކަމަށް އެ ޕާޓީން ބުންޏެވެ.

"މި ކަންކަން އިސްލާހް ކުރަން ދިވެހިން މިއަދު މި ވަނީ ކެތް މަދުވެފަ އެވެ،" އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނިގޮތުގައި ފަރުދީ މިނިވަންކަން ހިފެހެއްޓޭ ފަދަ ނިންމުމެއް ނުވަތަ އަމުރެއް ދައުލަތުގެ އެއްވެސް މުވައްސަސާއަކުން ނެރޭއިރު، ތުހުމަތު ކުރެވޭ ކަންކަމަށް ޖަވާބުދާރީވުމުގެ ފުރުސަތު އެ ފަރާތަކަށް ލިބިންޖެހޭނެ ކަމަށް ދެކޭ ކަމަށެވެ.